ކުރީގެ ވެސްޓް ޕާކް ސަރަހައްދުގައި ވަގުތީ މާރުކޭޓްއެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު "ސަން" އަށް ވިދާޅުވީ އެތަން މިއަދު ބީލަމަށް ހުޅުވާލާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މާރުކޭޓުގެ ގޮޅިތަކުން އެއްވެސް ކުއްޔެއް ނުނަގާނެ ކަމަށާއި މިއީ އަތޮޅުތަކުންގެންނަ ކާށި ، ގަބުޅި އަދި އެހެނިހެން ކާބޯތަކެތި ހެޔޮ އަގުގައި ރޯދަމަހު ފޯރުކޮށް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

މިއީ 50 ފޫޓު 100 ފޫޓުގެ މާރުކޭޓެއްކަމަށް ޒަމީރު ވިދާޅުވި އެވެ.

ރޯދަ މަހާ ދިމާކޮށް ވަގުތީ މާރުކޭޓެއް ހެދުމަށް ވިލިނގިލީގައިވެސް އިއްޔެ ވަނީ އިއުލާންކޮށްފައެވެ. އެ ތަނުގައި 20 ގޮޅި ހުންނާނެކަމަށް ޒަމީރު ވިދާޅުވި އެވެ. އެ ގޮޅިތައް ދޫކުރާނީ ވިލިނގިލީގެ ރައްޔިތުންނަށް ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.