12 May 2019, 11:37
އެމްޓީސީސީގެ އިސްނެގުމުގެ މަތިން ފުލުހުންނާއި އެމްޓީސީސީ އާ ގުޅިގެން އެ ކުންފުނީގެ ބަސް ޑްރައިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ގަވާއިދުތަކަށް އަހުލުވެރި ކުރުވުމަށް ހިންގި ހާއްސަ ޕްރޮގްރާމެކެވެ. އެމްޓީސީސީއިން ބުނީ، އެ ޕްރޮގްރާމްގައި މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ގޮތުންނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމު ކަމުގެ މައްޗަށް މައުލޫމާތު ދިން ކަމަށެވެ.
އެ ޕްރޮގްރާމްގައި 31 ޑްރައިވަރުން ވަނީ ބައިވެރިވެފަ އެވެ.
އެމްޓީސީސީގެ ބަސް ޑްރައިވަރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް މިއަދު ފެށިއިރު މިދިޔަ ހަފްތާގައި ވަނީ ބަސް ޑްރައިވަރަކަށް ނިދި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޓޫރިސްޓަކު މަރުވެފަ އެވެ.
އަދި މީގެ ތިން ދުވަސް ކުރިންވެސް ވަނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިޖެހިގެން ވެސް އެކްސިޑެންޓެއް ހިނގާފަ އެވެ.
އެކްސިޑެންޓާ ގުޅިގެން އެމްޓީސީސީއަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެމްޓީސީސީން ބުނީ ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު ރަނގަޅުވާނެ ކަމަށާއި ޑްރައިވަރުން ބަސް ދުއްވަންޖެހެނީ ގިނަ ވެގެން ހަތަރު ގަޑިއިރު ކަމަށެވެ.