ޏ. ފުވައްމުލަކު އެއާޕޯޓް މަސައްކަތް ނިމެން ކައިރިވާތީ އެކަމުގެ އުފަލުގައި އެ ރަށު މަދަރުސަތުއްޝައިޚް މުހައްމަދު ޖަމާލުދީން (އެމްޖޭއެމް) ސްކޫލުން ފަރިވަޅެއް އެއާޕޯޓަށް ދީފި އެވެ.

އެމްޖޭއެމްގެ ލީޑިން ޓީޗަރު ޝަޒުމީނާ ޝާކިރު ވިދާޅުވީ މިއަދު ހަވީރު 4:30 ހާއިރު އެއާޕޯޓަށް ގޮސް ފުރަތަމަ ފަރިވަޅު އަރުވާފައި ވަނީ އެ ވަގުތު އެއާޕޯޓުގައި ހުންނެވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ އަށް ކަމަށެވެ.

ޝަޒުމީނާ ވިދާޅުވީ ސަގާފީ ހަރަކާތްތަކާ އެކު މިއަދު އެރުވި ފަރިވަޅަކީ އެ ސްކޫލްގެ ބެލެނިވެރިންނާއި ސްޓާފުން އިސްނަގައިގެން އެއާޕޯޓުގެ މަސައްކަތް ނިމެމުންދާތީ ހިތްވަރު ދިނުމުގެ ގޮތުން އެރުވި ފަރިވަޅެއް ކަމަށެވެ. އެފަރުވަޅުގައި ސަގާފީ ގިނަ ކާއެއްޗެއްސާއި މިޒަމާނުގެ އެއްޗެހި ހިމަނާފައިވާނެ ކަމަށް ޝަޒްމީނާ ވިދާޅުވި އެވެ.

ފުވައްމުލަކުގައި ހަދަމުން އަންނަ އެއާޕޯޓްގެ މަސައްކަތް މުޅިން ނިމި ރަސްމީކޮށް ހުޅުވާ ގޮތަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ވިދާޅުވެފައި ވަނީ އެއާޕޯޓްގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާކަމަށާއި މޫސުން ގޯސްވެގެން މަސައްކަތް ހުއްޓާލަން ނުޖެހޭ ނަމަ އެއާޕޯޓް ބޭނުންކުރަން މި މަހުގެ 27 ވަނަ ދުވަހު ފަށާނެ ކަމަށެވެ.