ރޯދަ މަސް ފެށުނު ފަހުން މާލޭގައި އެކަނި 56 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި މަހުގެ 4-10 ވަނަ ދުވަހާ ހަމަޔަށް މާލޭގައި، 56 އެކްސިޑެންޓެއް ހިނގިއިރު އެ އެކްސިޑެންޓްތަކުގައި 11 މީހަކަށް ވަނީ އަނިޔާވެފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ރޯދަ މަހު ހިންގި ޓްރެފިކް އޮޕަރޭޝަންތަކުގައި 417 ވެހިކަލް ބެލިއިރު، ވެހިކަލް ދުއްވި 99 މީހަކީ ލައިސަންސް ނެތެވެ. އަދި ލައިސަންސް ކާޑް އަތުގައި ނެތި 57 މީހަކު ވެހިކަލް ދުއްވި އިރު، 18 އަހަރުން ދަށުގެ ދެ ކުއްޖަކު ވެހިކަލް ދުއްވި މައްސަލައެއް ފުލުހުން ބެލި އެވެ.

މީގެ އިތުރުން، ވަންވޭއާ ހިލާފަށް ވެހިކަލް ދުއްވި 15 މައްސަލަ ރިޕޯޓް ކުރިއިރު، މާ ބާރަށް ވެހިކަލް ދުއްވި 14 މައްސަލަ ވަނީ ފާހަގަވެފަ އެވެ. އަދި އިންޝްއަރެންސް އާއި ރޯޑް ވާދިނަސް އަދި އަހަރީ ފީ ނުދައްކާ ވެހިކަލް ދުއްވުމުގެ މައްސަލަތައް ވެސް ބޮޑެވެ. އެގޮތުން، އިންޝްއަރެންސް ނެތި ވެހިކަލް ދުއްވި 28 މައްސަލަ އަދި އަހަރީ ފީ ނުދައްކާ 34 މައްސަލަ އަދި ރޯޑްވާދިނަސް ނުހައްދާ 33 މައްސަލައެއް ބަލާފައިވެ އެވެ.

ފުލުހުން ވަނީ ފުލުހުންގެ ނެއިބާހުޑް ސަޕޯޓް އޮފިސަރުންގެ މަސައްކަތްތައް ކުރިއަށް ދިޔަ ގޮތުގެ ތަފާސް ހިސާބު ވެސް އާންމުކޮށްފަ އެވެ. ނެއިބާހޫޑް ފުލުހުން ވަނީ މިދިޔަ ހަފްތާގައި 13 ކޮންސްޓްރަކްޝަން ސައިޓެއް ބަލައި ފާސްކޮށްފަ އެވެ. އެއީ މާލޭގެ 11 ސައިޓަކާއި ހުޅުމާލޭގެ ދެ ސައިޓެކެވެ.

އެ މުއްދަތުގައި އިމިގްރޭޝަނުގެ ނުވަ މައްސަލައަކަށް ނެއިބާހުޑް ސަޕޯޓު ފުލުހުން އެޓެންޑުވި އިރު އެ ނުވަ މައްސަލައަކީ ވެސް މާލޭގައި އެޓެންޑުވި މައްސަލަތަކެކެވެ.

މީގެ އިތުރުން ނެއިބާހޫޑް ފުލުހުން ވަނީ މިދިޔަ ހަފްތާ 326 ސަރަހައްދެއް ބަލައި ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި މާލޭގެ 164 ސަރަހައްދަކާއި ހުޅުމާލޭގެ 99 ސަރަހައްދު އަދި ވިލިމާލޭގެ 63 ސަރަހައްދު ހިމެނެ އެވެ.

މާލޭ ސިޓީގެ އަމަންއަމާންކަން ބެލެހެޓުމެގެ ގޮތުން، އަށް ސަރަހަށްދަކަށް ބަހަލައި، އެ ސަރަހައްދުތަކުގައި ފުލުހުންގެ ސަޕޯޓިވް އޮފިސަރުން މަސައްކަތް ކުރާގޮތަށް ހަމަޖެއްސީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ދަށުންނެވެ.

މަސައްކަތުގެ ދަށުން މާލެ ހަތަރު ސަރަހައްދަކަށް، ހުޅުމާލެ ތިން ސަރަހައްދަކަށް އަދި ވިލިމާލެ ވަކި ސަރަހައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.