12 May 2019, 09:59
ބަތަލާ ކަންގަނާ ރަނައުތުގެ ފާޑުކިޔުން އަމާޒުނުވާ ބޮލީވުޑްގެ ފަންނާނެއް މަދުވާނެ އެވެ. ކަންގަނާ އަބަދުވެސް އުޅެނީ ކޮންމެވެސް މީހަކާ ދޭތެރޭ ހިތްހަމަ ނުޖެހިގެންނެވެ. އެންމެ ފަހުން ކަންގަނާ ހިތްހަމަނުޖެހިގެން އުޅުނީ ބޮލީވުޑްގެ ހިތްގައިމު ޖޯޑު، އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު ދެކެއެވެ.
ކަންގަނާ ވަނީ އާލިއާ އާއި ރަންބީރަކީ ފިލްމީ އާއިލާއަކަށް އުފަން ދެމީހުން ކަމަށްވުމުން އެކަމަށް ފާޑުކިޔައިފަ އެވެ. އަދި އެ ދެމީހުންނަކީ ޒުވާން އެކްޓަރުން ނޫން ކަމަށާއި، އެއަށްވުރެ އާލިއާ އަދި ރަންބީރު ވެސް މުސްކުޅި ކަމަށެވެ.
ހަމައެއާއެކު އާލިއާ އާއި ރަންބީރު ސިޔާސީ އެއްވެސް ކަމެއްގައި ބަސްބުނެ ނޫޅޭ ކަމަށް ވެސް ކަންގަނާ ވަނީ ބުނެފައެވެ.
އެންމެ ފަހުން ރަންބީރު މިވަނީ ކަންގަނާގެ ފާޑުކިޔުންތަކަށް ޖަވާބު ދީފައެވެ. ހަފްލާއެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ރަންބީރު ބުނީ ކަންގަނާ ދައްކާ ވާހަކަތަކަށް ޖަވާބުދީ އެކަމާ ވާހަކަ ދެއްކުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނަގެ ނެތް ކަމަށެވެ.
"އެމީހަކު ބޭނުން އެއްޗެއް ކިޔަންވީ. އެކަމަކު އަހަންނަށް އެނގޭ އަހަންނަކީ ކާކު ކަން އަދި އަހަރެން ބުނަން ޖެހޭ އެއްޗެހި ވެސް،" ރަންބީރު ބުންޏެވެ.
ރަންބީރު ބުނީ އޭނާ ވާހަކަ ދައްކަން ޖެހޭ ތަންތަނުގައި ވާހަކަ ދައްކާފައި ހުންނާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ދައްކާނެ ކަމަށެވެ.