12 May 2019, 09:33
އުރީދޫ ބަދިގޭގެ ދެވަނަ މެހެމާން ސުއާދާ ނަސީރު މިއަދު މި ތައްޔާރުކޮށްލަދެނީ ބޭކްޑް ޕީޗް ޕައި އެވެ. ބަދިގޭގައި އަވަދިނެތި އުޅެމުން ތަފާތު، މީރު އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ފޮނި އެއްޗެއްގެ ރެސިޕީ ބޭނުންވާ ފަރާތްތަކަށް ހަމަގައިމުވެސް މިއީ ވަރަށް ކަމުދާނެ ރެސިޕީއަކަށްވާނެ އެވެ.
މި ޕައި އަކީ ހޫނުކޮށްވެސް އަދި ފިނިކޮށްގެންވެސް ކެވޭނެ ޕައި އެކެވެ. ބޭނުންނަމަ ފްރިޖްގައި 2-3 ދުވަހަށް ބެހެއްޓިދާނެ އެވެ. އަދި އައިސްކްރީމްއާއި ވިޕްޑްކްރީމްވެސް ޕައިގެ މައްޗަށް އެޅިދާނެ އެވެ.
ބޭނުންވާނެ ތަކެތި
150 ގްރާމް ޕަފް ޕޭސްޓްރީ ފުށްގަނޑު
400 ގްރާމް ޕީޗް (ބަދަލުގައި އާފަލު، އެޕްރިކޮޓް ބޭނުންކުރެވިދާނެ)
1 1/2 މޭޒުމަތީ ސަމްސާ ހަކުރު
40 ގްރާމް ކޭކް ކްރަމްބްސް (ބަޓާރ ކޭކް ކޮޅެއް ކުދިކޮށްފައި)
އެޕްރިކޮޓް ޖޭމް
ތައްޔާރު ކުރާނެ ގޮތް
ޕޭސްޓްރީ ފުށްގަނޑު ނަގާ ކަމުދާ ސައިޒްއަކަށް ދަމާލާށެވެ. އެއަށްފަހު މެދަށްވާގޮތަށް ކޭކް ކްރަމްބްސް ކޮޅުތައް އަޅާލާށެވެ. ބަޓާރ ކޭކް، ސްޕޮންޖް ކޭކް ނުވަތަ ބިސްކޯދު ކޮޅެއްވެސް ބޭނުންކުރެވިދާނެ އެވެ. ދެން ހަކުރުކޮޅު އަޅާލުމަށްފަހު ޕީޗްކޮޅުތައް ކޭކް ކްރަމްބްސްގެ ވަށައިގެން ރީތިގޮތަކަށް އަތުރާލާށެވެ. ޕައިގެ ސައިޒަށް ބައްލަވާ، ޕީޗްކޮޅުތައް ކުދިކޮށް ކޮށާލެވިދާނެއެވެ. އެއަށްްފަހު އަަވަން ޕްރީހީޓްކުރުމަށްފަހު 20 މިނިޓްވަންދެން 200 ޑިގްރީސްގައި ފިހެލާށެވެ.
އަވަނަށް ޕައި ލުމަށްފަހު ކުޑަ ތެއްޔެއްގައި އެޕްރިކޮޓް ޖޭމްއާއި ފެންފޮދެއް ކައްކާލާށެވެ. ޖޭމްތައް ތަންކޮޅެއް އޮލަވަންދެން ކައްކާލުމަށްފަހު، ޕައި ފިހާ ނިމުމުން އޭގެ މައްޗަށް ގްލޭޒްއެއްގެ ގޮތަށް މި ޖޭމްކޮޅު އަޅާލާށެވެ. އިތުރަށް ރީތިކުރަން ބޭނުންނަމަ ޕިސްޓާޗިއޯކޮޅެއްވެސް ކޮށާފައި އެޅިދާނެ އެވެ.