21 Oct 2011, 16:55
ހޭންވޭރު ޕާކްގެ ތެރޭގައި ޒުވާން ދެމަފިރިއަކު ތިއްބެވެ؛ ތުއްތު އަންހެން ދަރިފުޅު އުނގަށްލައިގެނެވެ. ދެމަފިރިން ވެސް މަސައްކަތް ކުރަމުން ދިޔައީ ލޯބި ލޯބި ދަރިފުޅު ހިތްހަމަ ޖައްސައިދޭށެވެ. "ދަރިފުޅޭ ހީނލާށޭ" އިރުއިރުކޮޅާ ބުނެ އެވެ.
ދަރިފުޅުގެ ހަރަކާތްތަކާއެކު ޏ. ފުވައްމުލަކަށް އުފަން އުމުރުން 26 އަހަރުގެ ހަސަން ސައީދާއި އުމުރުންގެ 22 އަހަރުގެ އައިޝަތު ހަދީޖާގެ ލޮލުން ކަރުނަ ހިލެމުން ދެއެވެ. ހަގީގަތީ މިއީ އެވެ: ޒުވާން އުމުރުގައި އުފާވެރި ދިރިއުޅުމެއް ފެށި އެ ދެމެފަރިންގެ ބަހުރުވައަކީ ކަރުނަ އެވެ. ހަމައެންމެ ސަބަބަކާ ހެދި އެވެ. އުނގުގެ ތެރޭގައި ރޮއިލަ ރޮއިލާ އޮތް ދަރިފުޅު ފާތުމަތު މަންހާ ސައީދު (ކަމަން) ގެ ފުރާނަ ސަލާމަތް ކުރުމަށް ހިނގަމުންދާ ދިގު ހިނގުމެވެ. ހަމައެކަނި ރޮއިލުން ފިޔަވާ އެހެން އަޑެއް ބޭރު ނުކުރެވޭ، ކަމަންއަކީ އެންމެންގެ ހާއްސަ އެހީއަށް ބޭނުންވެފައިވާ ކުއްޖެކެވެ. އެ ދެމަފރިން ދަނީ ކަމަންގެ ފުރާނަ ސަލާމަތް ކުރުމަށް ރެއާދުވާލު ދުރަށް ހިނގަމުންނެވެ. ކަމަން އަށް ދިމާވެފައިވާ ވަނީ އުފަންވިއިރު ލިވާއަށް ދިމާވެފައި ނާޒުކު މައްސަލައެކެވެ. އެ ހާލަތުގައި ކަމަން ދަނީ ދިރިހުރުމާ މަރާ ދެމެދު ހަނަގުރާމަ ކުރަމުންނެވެ.
ދުވަސް ނުފުރާ އުފަންވުމަށް ފަހު މިމަހުގެ 29 ވަނަ ދުވަހު ފުރަތަމަ އުފަން ދުވަސް ފާހަގަ ކުރާ ކަމަންއަކީ ލިވާ އިން ކުޑަ ގޮހޮރަށް ބައިލް ދާ ހޮޅި ބެދިފައިވާ ކުއްޖެކެވެ. އެކަމަށްޓަކައި އުފަންވިތާ 20 ވަނަ ދުވަހު ވެސް ކަމަން ވަނީ ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އޭގެ ފަހުން ލޭގައި ޖަރާސީމު އުފެދުމުން އެތަކެއް ފަހަރު މަތިން އިންޑިއާއިން ވަނީ ފަރުވާ ހޯދައިފަ އެވެ. ކަމަންގެ ލިވާއަށް ދިމާވެފައިވާ ސީރިއަސް ހާލަތަށް އެކަށީގެންވާ ފަރުވާއެއް އަދި ދެވިފައި ނުވާއިރު ތިންމަސް ދުވަހުގެ ތެރޭގައި ލިވާ ޓްރާންސްޕަލާންޓް އޮޕަރޭޝަނެއް ނުހެދިއްޖެނަމަ އެ ތުއްތު ފުރާނައަށް ނުރައްކާވެ އެދެމަފަރިންގެ އުނގުތެރޭގައި އަބަދަށް ހިމޭންވެދާނެ ކަމަށް ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައެވެ.
http://sun.mv/albums/l_2104.jpg
"ވިހޭ ތަނާ ބޭބީ ޔެލޯކަން ފާހަގަ ކުރެވިގެން ފަރުވާ ދިނުމަށް ނާސިރީއަށް ގެންދިޔައީ އޭގެ ހަ ދުވަސް ފަހުން ބޭބީއަށް ފީޑްކުރަން އިންދާ އެއްކޮށް ހުއްޓުނީ،" ކަމަންގެ މަންމަ ވާހަކަ ކިޔައިދޭން ފެށި އެވެ. "އެހާ ދުވަސް ވަންދެން އެންމެން ވެސް ބުނަނީ ބެބީގެ އެއްވެސް މައްސަލައެއް ނެތޭ. ހަމައެކަނި ޔެލޯވުން އެކަންޏޭ އޮތީ. ބޭބީ ހުއްޓުނު ހިސާބުން ބައިވަރު ކަންތައްތަކެއް ފާހަގަ ކުރެވިގެން އިމެޖެންސީކޮށް ބޭބީ ގޮވައިގެން ދިޔައީ އިންޑިޔާއަށް،"
ޒުވާން ދެމަފިރިންގެ އަލަތު ދަރިފުޅާއެކު އެންމެ އުފާވާންވީ ދުވަސްތައް ހިތާމައިގައި ގުނަމުން ދަތުރު ކުރަން ޖެހުނީ އިންޑިޔާއަށެވެ. ދަތުރުގައި އިންޑިޔާގެ ކިމްސް ހޮސްޕިޓަލުން ކުރި ޓެސްޓްތަކަށް ފަހު ހިޑާ ސްކޭނެއް ހެދުމުން ކަމަންގެ ލިވާގެ ބައިލްސްތައް ކުޑަ ގޮހޮރަށް ފްލޯ ނުކުރާކަމުގެ ހިތާމަވެރި ހަބަރު ލިބި މުޅިން މާޔޫސް ކުރުވި އެވެ. ދެން ޖެހުނީ ބޮޑު އޮޕަރޭޝަނަކާ ކުރިމަތިލާާށެވެ. އެ އޮޕަރޭޝަނަކީ ބައިލްތަކުގައި ބެދިފައިވާ ބައިތައް ރިމޫވްކޮށް ލިވާއިން ސީދާ ކުޑަ ގޮހަރަށް ގުޅައިލުމަށް ކުޑަ ގޮހޮރުން ތަންކޮޅެއް ކަނޑައިގެން ކުރާ ނުރައްކާތެރި އޮޕަރޭޝަނެކެވެ. ލިވާއިން ކުޑަ ގޮހަރަށް ބައިލް ފްލޯ ކުރެވޭނެ ހަމައެކަނި ގޮތަކީ އެ އޮޕަރޭޝަން ކުރުން ކަމަށްވާތީ ހަސަން އާ ހަދީޖާއަށް ޖެހުނީ ދަރިފުޅުގެ ފިފްޓީ ފިފްޓީ އެ ޗާންސަށް ވެސް ކުރިމަތިލާށެވެ.
"އެ އޮޕަރޭޝަން ކުރިއިރުވެސް ޑޮކްޓަރު ވިދާޅުވި އެއީ ފިފްޓީ ފިފްޓީގެ ޗާންސެކޭ" ހަދީޖާ ބުންޏެވެ.
އެގޮތަށް ޑޮކްޓަރު ވިދާޅުވެ އެ އޮޕަރޭޝަން ކުރަން ބާރު އެޅީ ކަމަންގެ ފުރާނަ ސަލާމަތް ކުރަން އޮތް ހަމައެކަނި ގޮތަކީ ލިވާ ޓްރާންޕްލާންޓް ސާޖަރީއެއް ހެދުން ކަމަށްވާތީ އެވަގުތަށް އެ ސާޖާރީ ފަސްކުރުވުމެވެ.
"އެހެންނަމަވެސް އެއީ ދަރިފުޅުގެ ފުރާނަ ސަލާމާތް ކުރުމަށްޓަކައި ކޮންމެހެންވެސް ހަދަންޖެހޭ ސާޖަރީއެއް،" އޭނާ ބުންޏެވެ.
ސާޖަރީގެ ކުރިން ކުރަން ޖެހޭ އޮޕަރޭޝަނަށް ފަހު މާލެ އައި ފަހުން ފަސް ފަހަރަށް އެ ދެމެފިރިން ދަރިފުޅު ގޮވައިގެން އިންޑިޔާއަށް ހިނގައްޖެ އެވެ. ލޭގައި އިންފެކްޝަން އުފެދި މާލެއިން ފަރުވާ ދެވޭ ގޮތް ނުވާތީ އެވެ. މިހާރު ކަމަންގެ ލިވާ އެންލާޖުވެ، ހާލަތު ވަނީ ނުރައްކަލުގަ އެވެ.
އެއްލައްކަ ދިވެހި ރުފިޔާ ހަރަދުކޮށްގެން ކުރި ކަޝާއީ އޮޕަރެޝަނުން ލިވާ ޓްރާންސްޕްލާންޓް ފަސް ކުރުވި ނަމަވެސް ކުރިޔަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި ނުވަތަ އެއަށް ވުރެ ކުރިން އެ ސާޖަރީ ނުހަދައިފިނަމަ ކުޑަކުޑަ ކަމަންގެ ވަކިވެގެން ދިއުމަކީ ގާތް ކަމެކެވެ. ހަމައެކަނި އޮޕްޝަނަކީ އަގު ބޮޑު ސާޖަރީއާ ކުރިމަތިލުމެވެ. އިންޑިޔާގެ ޗެންނާއީގެ ގްލޯބަލް ހޮސްޕިޓަލުގައި ކުރެވޭ މި ހާއްސަ ސާޖަރީއަށް 44000 އެމެރިކާ ޑޮލަރު ބޭނުންވެއެވެ.
"އަޅުގަނޑުމެން ދެމަފިރިންނަކީ އެހާ ތަނަވަސް ބައެއް ނޫން. އެކަމަކު އަޅުގަނޑުމެން ހުއްޓާ ނުލައި މަސައްކަތް މިކުރަނީ ފައިސާ ހަމަ ކުރަން ހަމަ އެންމެ ލޮލފިޔައެއް ވެސް ނުޖަހާ މަސައްކަތް މިކުރަނީ ދަރިފުޅަށްޓަކައި،" ހަދީޖާ ބުންޏެވެ.
ކަމަންގެ ބައްޕަ ހަސަން އުޅެނީ ގައުމީ ދިފާއީ ބާރުގައެވެ. ހަދީޖާ އިންނަނީ ގޭގަ އެވެ. ކުރިން ވަކި އާއިލާއެއްގެ ގޮތުގައި އުޅުނު ނަމަވެސް މިހާރު ދިރިއުޅުން ވަނީ އެކޮޅުކޮޅުންޖެހިފައެވެ.
"ހުރިހާ ކަމެއް ބަދަލުވުމުން އެހެންމީހުންގެ އެހީތެރި ކަމަށް އަޅުގަނޑުމެން ބޭނުންވި. އެހެންވެ ފިރިމިހާގެ ބޭބެ ގާތުގައި އަޅުގަނޑުމެން މިތިބީ. މިވީހާތަނަށް ވެސް އަޅުގަނޑުމެނަށް އެހީތެރިކަން ދެމުން އައީ އެކި ފަރާތްތަކުން. ގާތްގަނޑަކަށް ހުރިހާ އެހީއެއް ކަހަލަ ގޮތަކަށް ފިރިމީހާ ވަޒީފާ އަދާ ކުރާ ސިފައިންގެއިން ވޭ، އެމީހުން ފަންޑު ރައިސް ކޮށްގެން،" ހަދީޖާ ކިޔައިދިނެވެ.
ހަދީޖާ ބުނީ ކަމަންގެ ފުރާނަ ސަލާމަތް ކުރުމަށް ހަދަން ޖެހޭ އަގު ބޮޑު ސާޖަރީ ތިން މަސް ދުވަހުގެ ކުރިން ހަދަން ޖެހޭއިރު އަމިއްލަ މަސައްކަތުން މިހާތަނަށް 140000ރ. ޖަމާ ކުރެވިފައިވާ ކަމަށެވެ.
"ފިރިމީހާ ވަރަށް ހިތްވަރު ގަދަ އަބަދު ހުއްޓާ ނުލައި އުޅެނީ މިކަމުގައި އަލިމަގެއް ހޯދަން ހަމައެއާއެކު ސިފައިންގެ އެހީ ވަރަށް ބޮޑު، އަޅުގަނޑުމެންގެ ދިރިއުޅުން ބަދަލުވެފައި ވިޔަސް އަޅުގަނޑުމެނަށް ހިތްވަރު ގެނެސްދޭ،" އޭނާ ބުންޏެވެ.
ޖިސްމާނީ ގޮތުން ވެސް ވަރުދެރަކޮށް އޮންން ކަމަން، އޭނާގެ މަންމަގެ އުނގުގައި އޮތެވެ. ޕާކްގެ ތެރޭގައި އެ ދެމަފިރިން ކަމަން އުފާ ކޮށްދޭން ކުރި މަސައްކަތުން އެންމެ ފަހުން ހީނލި އެވެ. މިވަގުތަށް ދިރިއުޅުން އެކޮޅުކޮޅުން ޖެހިފައި ވިޔަސް ކަމަންްގެ އެ ހީނލުމުގައި ސާޖާރީއަށް ފަހު ތިންމައިންގެ ހަޔާތުގައި ފުރާނަ އެޅޭނެއޭ ބުނާ ކަހަލަ އެވެ.
* އެޑިޓަރުގެ ނޯޓް: މި ރިޕޯޓް ސަން މެގެޒިންގެ 34 ވަނަ ނަމްބަރުގައި ވެސް ހިމަނާފައި އޮންނާނެ އެވެ. ކަމަންއަށް އެހީވެދޭން ބޭނުންވާ ފަރާތްތައް 7996755 މި ނަމްބަރާ ގުޅުއްވައިގެން އެހީތެރިވެދެވިދާނެ އެވެ.