11 May 2019, 20:38
ފ. ބިލެތްދޫގައި ކޮނެގެން ވެވެއް ހޯދާފައި ވަނީ ރަސްމީކޮށް އެކަން ނުކުރަން އަންގާފައި ވަނިކޮށް ކަމަށް، ހެރިޓޭޖް މިނިސްޓްރީން ބުނެފި އެވެ.
ހެރިޓޭޖް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވެވު ހުރި ސަރަހައްދު ކޮންނަކަން އެނގުނީވެސް ސޯޝަލް މީޑިއާއިން ކަމަށެވެ. އަދި އެތަނަކީ އާސާރީ ތަންތަނުގެ ދަފްތަރުގައި ހިމެނޭ ތަނަކަށް ވުމުން އެކަން ހުއްޓާލަން ކައުންސިލްއަށް ގުޅައިގެންނާ އަދި ލިޔުމުންވެސް އެންގިކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އެގޮތަށް އެންގުމުން ކައުންސިލްއިން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ. އަދި އެތަން ކޮންނަނީ ވެވެއް ހޯދުމަށް ނޫންކަމަށްވެސް އޭރު ކައުންސިލްއިން ދިޔައީ ބުނަމުންނެވެ.
މިނިސްޓްރީން ބުނީ އެފަދަ ތަންތަން ކޮނުމަކީ ވަކި ހަމަތަކަކާ އުސޫލުތަކެއްގެ މަތިން ކުރަން ޖެހޭ ކަމަަކަށް ވާތީ އެގޮތަށް އަމަލުނުކޮށްފިނަމަ އިއާދަނުކުރެވޭނެ ގެއްލުން ލިބިދާނެ ކަމަށެވެ.
ސަގާފީ ތަރިކަ ކަނޑައަޅާ ތަންތަނުގައި ނުވަތަ އެ ސަރަހައްދުގައި މަސައްކަތް ކުރާނަމަ މިނިސްޓްރީއާ ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނި އިލްތިމާސްކޮށްފަ އެވެ.
"މިގޮތަށް ކަންކުރެއްވުމުން ދިވެހިރާއްޖޭގެ ތަރިކަ ދަފްތަރު އަދާކުރެވި މި މިނިސްޓްރީގެ ފަންނީ ލަފާ އެފަރާތްތަކަށް ލިބުމުގެ މަގުފަހިވެގެންދާނެއެވެ." މިިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އަތޮޅު ކައުންސިލްތައް ބާރުވެރިކޮށްގެން ތަރިކަ ހިމާޔަތްކުރުމަކީ މުހިންމުކަމެއް ކަމަށް ދެކޭކަމަށާއި އަދި އަލަށް ފެންނަ އަސާރީ ތަކެއްޗާއި މައުލޫމާތު ހިއްސާކުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.