11 May 2019, 17:51
ކުރިއަށް އަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ވެފައިވާ ވައުދުތައް ހިމެނޭ މެނިފެސްޓޯ، އެޖެންޑާ 19 އިގައި ވައުދުވެފައިވާ ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަދި ބާރަށު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު އަބްދުﷲ "ސަން" އަށް މިއަދު ވިދާޅުވީ، އެޖެންޑާ 19 ގެ ސިޔާސަތުތަކާ ގުޅޭ ކޮމިޓީތައް އެކުލަވާލައި ބިލްތަކުގެ މަސައްކަތް ވަރަށް ބާރަށް މިހާރު ކުރިއަށްދާ ކަަމަށެވެ.
"މިހާރު އަޅުގަނޑުމެން ފަންނީ ތަޖުރިބާކާރުންނާ ވާހަކަ ދައްކައި ގެންނަން ޖެހޭ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރެވެމުންދަނީ. މަޖިލިސް ފެށެންވާއިރަށް ބިލްތައް ނިންމާލެވޭތޯ ބަލަމުން މިގެންދަނީ" އަހުމަދު ވިދާޅުވި އެވެ.
އެޖެންޑާ 19 ގައި ހިމެނޭ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ޖަޒީރާ ދިރިއުޅުން، އޯގާތެރި ސަރުކާރު، ފަހުރުވެރި އާއިލާ އަދި ނޫ އިގްތިސާދު ހިމެނެ އެވެ.
މިދޔަ މަހު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ވަނީ ސުޕަމެޖޯރިޓީ ލިބިފަ އެވެ. އެމްޑީޕީން 65 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ސަރުކާރުން ބޭނުންވާ ބިލްތައް ވަރަށް ފަސޭހައިން ފާސްވާނެ ކަމަށް ބެލެވެއެވެ.
މަޖިލީހުގެ އާދައުރަކަށް ހޮވުނު މެމްބަރުން ހުވާކުރުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. ނަވާރަ ވަނަ މަޖިލީހުގެ މެންބަރުންނާއި އެކު މަޖިލީހުގެ ދައުރު ދެން ފަށާނީ އަންނަ ޖޫން މަހު އެވެ.