ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.

ރިއްފަތު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާއަށް ތުހުމަތު ކުރެވިފައިވާ ކަންތައްތަކާ މެދު ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިވައިފަ އެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އަމިއްލަ ކުންފުނިތަކަކަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ދޭން ކޯޓުން މިފަހުން ކުރި ހުކުމްތަކުގައި އޭނާގެ އިހުމާލްވުންތަކާއި ނުފޫޒުތަކެއްވާ ކަމަށެވެ.

ރިއްފަތު ވިދާޅުވީ އޭނާގެ ކެރިއަރުގައި ވަކި މީހަކަށް ފައިދާތަކެއް ހޯދައިދޭން އެއްވެސް ކޮރަޕްޓް ޑީލެއްގައި އޭނާ ދުވަހަކުވެސް ހިންގާފައި ނުވާނެ ކަމަށާއި އެފަދަ ކަމެއްގައި ޝާމިލްވެފައިނުވާނެ ކަަމަށެވެ. އަދި އަމިއްލަ ގޮތުން އޭނާ ކުރިން ކުރަމުން އައި ވަކީލުކަމުގެ މަގާމުގެވެސް ދޫކޮށްލީ ރައްޔިތުންނަށް ހިދުމަތްކޮށް ދިނުމަށް ކަމަށާއި އަބަދުވެސް ތެދުވެރިކަމާއެކު ޒިންމާއަދާކުރުމުގައި ދެމިހުންނާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ކޮށްފައިވާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް. ދައުލަތުގެ ފައިސާ ކޮރަޕްޝަނުން ރައްކާތެރި ކުރުމަށް މަސައްކަތް ކުރާނަން" ރިފްއަތުގެ ޓުވީޓުގައި ވެއެވެ.