11 May 2019, 13:54
މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އަންހެނުންނަށް ހާއްސަކޮށް މިސްކިތްތަކުގައި ދަރުސްތަކެއް ދެއްވަން ފައްޓަވައިފި އެވެ.
އެގޮތުން މިއަދު ހެނދުނު އިބްރާހިމީ މިސްކިތުގައި އަންހެނުންނަށް ހާއްސަކޮށް އަނާރާ ދަރުސް ދެއްވީ "ދުލުގެ ނިޢުމަތަށް ޝުކުރުވެރި ވަމާތޯ!" މި މައުލޫގެ މައްޗަށެވެ.
އަނާރާ ވަނީ މީގެ ކުރިން ޝަރީއާ އެންޑް ލޯ އިން މާސްޓާސް ވެސް ހައްދަވައިފަ އެވެ. އަނާރާ ދަރުސް ދެއްވި ނަމަވެސް ރާއްޖޭގައި އަންހެނުން ދަރުސް ދިނުމަކީ އާންމުކޮށް ކޮށްއުޅޭކަމެއް ނޫނެވެ.
އަނާރާ "ސަން" އަށް މިއަދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް މިސްކިތްތަކާއި މައިދާންތަކުގައި ދަރުސް ދިނުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށެެވެ.
"ފަހަރެއްގައި މި ރޯދަ މަހު އިތުރު ދަރަސަކުން ފެނިވެސްދާނެ،" އަނާރާ ވިދާޅުވި އެވެ.
އަނާރާއަކީ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރައްވަމުން ގެންދަވާ ހަމައެކަނި މެމްބަރުވެސް މެއެވެ.އެެހެން ނަމަވެސް މިދިޔަ މަހު ބޭއްވި މަޖިލީހުގެ އިންތިހާބުގައި އަނާރާއަށް ވަނީ މަކުނުދޫ ދާއިރާއިގެ ގޮނޑި ނާކާމިޔާބުވެފަ އެވެ.
އަނާރާއާ ވާދަށޮށް އެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީން އެ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓު މުހައްމަދު ރާއީ އެވެ.