21 Oct 2011, 16:27
އިސްލާމްއާބާދު (އޮކްޓޯބަރ 21) : ހަނގުރާމައާއި ތަޅާފޮޅުން ކުރިޔަށް ނެރުމުގެ ބަދަލުގައި ސުލްޙައިގެ ސިޔާސަތުތަކެއް ކުރިޔަށް ނެރުމަށް ޕާކިސްތާނުން އެމެރިކާއަށް ގޮވާލައިފިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީކްލިންޓަން ޕާކިސްތާނަށް ކުރައްވާ ޒިޔާރަތެއްގައި އުޅުއްވަނިކޮށް ދެއްވި ބަޔާނެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ވިދާޅުވީ ތާލިބާނުންނާ މުޢާމަލާތް ކުރުމުގައި އެމެރިކާއާއި ޕާކިސްތާނުން ދެކޭގޮތް ތަފާތު ކަމުގައެވެ. ނަމަވެސް މިކަމުގެ ސަބަބުން ދެޤައުމުގެ ސްޓްރެޓީޖިކް ގުޅުންތަކަށް ބުރޫއަރާނަމަ އެކަމުގެ ގެއްލުންލިބޭނީ ހަމައެކަނި ޕާކިސްތާނަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި ޕާކިސްތާނުގެ ޢަސްކަރީ އަދި މަދަނީ މަސްއޫލުވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ މެދުތެރޭ އޭޝިޔާގެ ސުލްޙައާއި ހަމަޖެހުމަށް ޕާކިސްތާން އަދާކުރާ ދައުރު އެމެރިކާ ބަލައިގަންނަ ކަމަށާއި ޕާކިސްތާނުގެ ދާޚިލީ ސުލްޙައަށް ހުރަސްއެޅުމުގެ ވިސްނުން އެމެރިކާ ނުގެންގުޅޭ ކަމުގައެވެ.
އެމެރިކާއާއި ޕާކިސްތާނާ ދެމެދު މައްސަލަ ޖެހިފައިވަނީ އުސާމާ ބިންލާދިން އަވަހާރަކޮށްލުމަށް ކަމަށްބުނެ މިދިޔަ މޭމަހު ޕާކިސްތާނުގެ އެތެރެއަށް ހުއްދައަކާނުލާ އެމެރިކާ ސިފައިން ވަދެ ހިންގާފައިވާ ޢަސްކަރީ ސިއްރު އޮޕަރޭޝަންގެ ސަބަބުންނާއި އަފްޣާނިސްތާނުގެ ޙައްޤާނީ ޖަމާއަތަށް ޕާކިސްތާނުން އެހީވާކަމަށް އެމެރިކާ ކުރަމުން ގެންދާ ތުހުމަތުތަކާ ގުޅިގެންނެވެ. އެމެރިކާގެ މިތުހުމަތުތަކަށް ޕާކިސްތާނުގެ އެކިފެންވަރުގެ މަސްއޫލުވެރިންވަނީ ވަރަށް ހަރުކަށިކޮށް ރައްދު ދެއްވާފައެވެ.
ތާލިބާން ފަދަ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ކުރިމަތިލުމުގެބަދަލުގައި އެފަދަ ޖަމާއަތްތަކާއެކު ވާހަކަދައްކައިގެން މައްސަލަ ޙައްލުކުރުމުގެ ސްޓްރެޓެޖީއެއް ތަންފީޒުކުރެވޭތޯ ޕާކިސްތާނުން މަސައްކަތް ފެށުމުން އެކަމަށް ފާޑުކިޔައި އެއީ ތާލިބާނުންނަށް ދޫދިނުންކަމަށް ސިފަކުރެވޭގޮތަށް އެމެރިކާ ބަޔާންތައް ދިންނަމަވެސް ހިލަރީ ޕާކިސްތާނުގައި ދެއްވި ބަޔާންތަކުގައި ޕާކިސްތާނަށް ފާޑުވިދާޅުވެ ހަރުކަށި ބަޔާންތަކެއް ދެއްވާފައެއް ނުވެއެވެ.
ހިލަރީ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ޑޭވިޑް ޕެޓްރާވްސް އާއި ސިފައިންގެ ޗީފް އޮފް ސްޓާފް މާރޓިން ޑިމްޕްސީ ބައިވެރިވެ ވަޑައިގަންނަވައެވެ. ހިލަރީއާއި އެމެރިކާގެ ވަފްދުގެ ބޭފުޅުން މިއަދުވަނީ ޕާކިސްތާނުގެ ޚާރިޖީ ވަޒީރާ ހީނާ ރައްބާނީ، ޖާސޫސީ އިދާރާގެ ވެރިޔާ ޖެނެރަލް އަޙްމަދު ޝުޖާޢު ބާޝާ، އަދި ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް އަޝްފާޤް ކިޔާނީގެ އިތުރުން ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ އާ ބައްދަލުކުރައްވާފައެވެ.
އެމެރިކާގެ ވަފްދު، މިއަދުގެ ވަގުތެއްގައި ރައީސް ޢާސިފް ޢަލީ ޒަރުދާރީ އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. -- އަލްޖަޒީރާ