ލޯބީގެ ހާދަ ވައްތަރެކެވެ.

ރަންލޯބިން ފެށިގެން ގެރި ލޯތްބާއި ހަމައަށް ހައްތާ ވެސް ލޯތްބެވެ. ހިތު ލޯބިން ވަގުލޯތްބާއި ހަމައަށް ލޯބީގެ ބޮޅުތައް ތަފާތު ސިފަސިފައިގައި ގުނާލެވެ އެވެ.

ޝާހިދު ޝަހީދާާ އާއި ކައިވެނިކުރީ ހަމަވަރަށް ލޯބިންނެވެ. މާފޮޅުވުމާ ތަރިބޭލުމުގައި ހޭދަކުރެވުނު ދުވަސްތަކުގެ ހަނދާން އެދެމަފިރިންގެ ކައިވެންޏަށް ތިރީސް އަހަރުވީ އިރު ވެސް ހުރީ އައުވެއައުވެ އެވެ. އޭރު ހިންގައި ދިޔަ އެންމެ ފާހަގަކުރެވުނު އެއްކަމަކީ ކުރި ދަތުރެއްގައި ޝަހީދާގެ ދައްތަ އާއި ޝާހިދު އެރަށަށް ގެއްލުނު ގެއްލުމެވެ. ހަވީރު ސައިބޯން އެ ދަތުރުގެ ހުރިހައި ބައިވެރިން ޖަމާވި އިރު އެ ދެމީހުނެއް ނެތެވެ. މުޅި ރަށުގައިހެން އެމީހުނަށް ގޮވައި ވަށައި ހިނގައި ހަދައިގެން ވެސް ނުފެނުނު ކަމެވެ.

އިރުއޮއްސެނިކޮށް ޝާހިދު ފެނުނީ ލާންޗު ތެރޭގައި ނިދާފައި އޮއްވަ އެވެ. އެ ދެމީހުން ހޯދަން އުޅުނު މީހަކު އެ ރަށުގައި އޮންނަ ކުރެދިފައު ތެރޭން ދަނިކޮށް ކުއްލި އަކަށް ޝަހީދާގެ ދައްތަ ބިރުވެރި އަޑަކުން ހަޅޭއްލައިގެންފައި އެ މީހާ ސިއްސައިލަމުން ނުކުތީ ކުރެދިގަސްތަކުގެ ތެރޭންނެވެ. ކުރެދިގަސްތައް ހެދިފައިހުންނަ އިރު ދެ ފޫޓެއްހާ އުހަށް ހެދި ފެތުރިފައި ހުންނާތީ ފިސާރި ރީތިކޮށް އެ ގަސްތަކުގެ ދަށުގައި އޮށޯވެލާނެ ޖާގައޮވެ އެވެ. މަތިބެދިފައިހުންނާނީ ފަތްތަކުންނެވެ. ޝަހީދާގެ ދައްތަ އެމީހުންނަށް ފިލަން އޮތީ އެގަސްތަކުދަށުގައި ކަމަށް ބުންޏެވެ. ޝާހިދު އޭގެ ކުރީރެ އާއި އެ ދުވަހު ވެސް ނުނިދާ އެހާބުރަކޮށް އުޅުނީމާ ނިދިއައިސްގެން ނިދާލީކަމުގައިވި އެވެ. އެ ދުވަހު ޝާހިދު ބޮލުގައި އޮޅައިގެން ގެނގުޅުނު ތުވާލި އެގަސްތަކުތެރޭ ބިންމަތީގައި ފަތުރާލިކަން ދެނަހުރި ތިންވަނަ މީހަކުނެތެވެ. އެ ތުވާލިނެތީމާ ޝަހީދާ ވެސް ނިންމީ އެފަޅުރަށަށް ދޫކޮށްލެވުނީ ކަމުގަ އެވެ. ތުވާލިމަތިން ޝާހިދަށް ހަނދާންވީ ގޮސް ލާންޗަށް ވެސް އެރުނު ފަހުންނެވެ. އެވަގުތު ދެން އަލުން އެތަނަށްދަނިކޮށް މީހަކަށް ފެނިދާނެތީ އަޅައިނުލައި އޮތީ އެވެ.

އެޒަމާން ވެއަތުވެ އޭގެ ދިހަ އަހަރުތަކެއް ފަސް ވީ އިރު އެގޭތެރެވަނީ ޝާހިދުގެ ދެކުދިންނާއި އެ ކުދިންނަށް ލިބުނު ދަރިންގެ ސަބަބުން ފަޅުފިލާފަ އެވެ. އެގެ އަކީ ޝަހީދާގެ މައިފުނަގެ ކަމުގައި ވާތީ އެގޭގެ އިސް މީހެއްގެ ގޮތުގައި އުޅެނީ ޝަހީދާގެ ދައްތަ އެވެ. އަދި އަދާއި ހަމައަށް ވެސް ކައިވެންޏެއް ނުކޮށް ހުހަށް ހުރި އެދައްތަ ޝަހީދާގެ ކުދިންނާއި ދޭތެރޭ ދެކެނީ އުފަންދަރިން ކަމުގަ އެވެ.

އެރޭ ޝާހިދުމެން ނިދަން އޮށޯތީ އެހެން ރޭރެއަށް ވުރެ ތަންކޮޅެއް އަވަހަށެވެ. އެނދުގައި ވާހަކަ ދައްކާލަން ތިބުމަކީ އެދެމަފިރިންގެ އާދައެކެވެ.

ޝާހިދާ، އަޅެ ބުނެބަލަ! ޝާހިދު ލޯބިވަނީ މި ޝާހިދާދެކެ އެކަނިތަ؟

ޝާހިދު. ތިޔައީ ސުވާލެއްނޫން. ސުވާލެއް ވިއްޔާ ޖަވާބުތަކެއް އޮންނާނެ، މަދުވެގެން ދޭއް.

(އިރުކޮޅަކު އެކަކު އެކައްޗެއް ވެސް ނުބުނެ ތިބެފައި)

ޝާހިދު: ތިޔަހެންޏާ ޝަހީ ބުނެބަލަ! އަހަރެން ޝަހީއަށް ވުރެކުރިން މަރުވެއްޖެއްޔާ ޝަހީ އެހެންކައިވަންޏެއް ކުރާނަންތަ؟

ޝަހީދާ: އަހަރެން ހަމަ މަގޭ ދައްތަ އާއި އެކު އުމުރުގެ ބާކީބައި ހޭދަކުރާނީ. އަޅެ ޝާހިދުގެ ކުރިން އަހަރެން މަރުވެއްޖެއްޔާ ޔޯ؟

ޝާހިދު: މަވެސް ހަމަ ކަލޭގެ ދައްތަ އާއި އެކުއުޅެ އުމުރު ހޭދަކުރާނީ.