ޓްރިޕޮލީ (އޮކްޓޯބަރ 21) : ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް ޤައްޒާފީގެ ކިބައިން ލީބިޔާ ރައްޔިތުން ސަލާމަތްވެ އޭނާގެ އަނިޔާވެރި ވެރިކަމުން ލީބިޔާ މިނިވަންވެއްޖެކަން ރަސްމީ ސިފައެއްގައި މާދަމާ (ހޮނިހރު ދުވަހު) އިޢްލާން ކުރާނެ ކަމަށް އެޤައުމުގައި ވެރިކަންކުރާ އިންތިޤާލީ މަޖިލީހުން ބުނެފިއެވެ.

މިކަން ހާމަކުރައްވަމުން އިންތިޤާލީ މަޖިލީހުގެ ތަންފީޒީ އޮފީހުގެ ވެރިޔާ ޑރ. މަހްމޫދް ޖިބްރީލް ވިދާޅުވީ ގައްޒާފީގެ މަރާއެކު އޭނާއާއި އޭނާއަށް ވަފާތެރި ސިފައިންގެ ނުރައްކަލުން ލީބިޔާ ސަލާމަތްވެއްޖެ ކަމަށާއި ގައްޒާފީއަށް ވަފާތެރި ސިފައިންގެ ގިނަބަޔަކު މަރުވެ ހައްޔަރުވެ އަދި އަނާމް ދީފައިވާ ކަމަށާއި ބާކީތިބި މަދުބަޔަކު ލީބިޔާގެ ހަނަފަސްބިމުގެ ދުރުހިސާބުތަކަށް ވިއްސިވިހާލިވެފައިވާ ކަމުގައެވެ. ވިއްސިވިހާލިވެފައިވާ ގައްޒާފީއަށް ވަފާތެރި ސިފައިންގެ މަދުބަޔަކަށް ލީބިޔާގެ އަމްނާއި ސަލާމަތަށް ނުރައްކާ ނުކުރެވޭނެ ކަމަށް ޖިބްރީލް ވިދާޅުވިއެވެ.

މީގެ އަށްމަސްކުރިން ލީބިޔާއަށް ބޮންއަޅަމުން ގެންދާ ނޭޓޯއިންވަނީ ޤައްޒާފީ، ގެ ކިބައިން ލީބިޔާ ރައްޔިތުން ސަލާމަތްވެ އޭނާގެ އަނިޔާވެރި ވެރިކަމުން ލީބިޔާ މިނިވަންވެއްޖެކަން އިންތިޤާލީ މަޖިލީހުން އިޢްލާންކުރުމާއެކު ނޭޓޯގެ ވައިގެ ޙަމަލާތަކާއި ލީބިޔާގައި ނޯޓޯ ހިންގަމުންގެންދާ ޢަސްކަރީ އޮޕަރޭޝަން މުޅިން ހުއްޓާލާނެ ކަމުގައެވެ. ނޭޓޯގެ ޙަމަލާތަކުގެ ސަބަބުން ގައްޒާފީ ގެ ވެރިކަން ނިމުމަކަށް އައުމަށް މަގުފަހިވި ނަމަވެސް ނޭޓޯގެ ޙަމަލާތަކުގެ ސަބަބުން ލީބިޔާގެ މަދަނީ އިންފްރާސްޓްރަކްޗަރ ގެ ބޮޑުބައެއްވަނީ ހަލާކުވެ ސުންނާފަތި ވެފައެވެ. އަދި ނޭޓޯގެ ޙަމަލާތަކުގައި ލީބިޔާގެ ކުށެއްނެތް އެތަށް ސަތޭކަބަޔަކު މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގައްޒާފީގެ ވެރިކަން ދިފާޢު ކުރުމަށްޓަކައި އޭނާއަށް ވަފާތެރި ސިފައިން ދިން ޙަމަލާތަކާއި އޭގެރައްދުގައި ލީބިޔާގެ ހަނގުރާމަވެރިން ކުރަމުން ގެންދިޔަ ހަނގުރާމައިގާ ލީބިޔާގެ އެތަށް ސިޓީއެއް ފުނޑުފުނޑުވެ ތިރީހަކަށް ހާސްމީހުން މަރުވެ ލައްކައަކަށްވުރެ ގިނަމީހުން ޒަޚަމްވެފައިވެއެވެ.

ގައްޒާފީ އަވަހާރަވެފައިވަނީ ސިރްތުގައި އިއްޔެ މެންދުރެއްހާ އިރު ކަމަށް ޚަބަރުލިބެއެވެ. ގައްޒާފީ އަތުލައި އޭނާ ހައްޔަރުކުރީ ސިރްތުގައިވާ ކޮންކްރީޓް ހޮޅިތަކެއްގެ ތެރޭގައި ފިއްލަވައިގެން ހުންނަވަނިކޮށް ކަމަށާއި ހައްޔަރު ކުރަން އުޅުމުން މަރާނުލުމަށްއެދި ގައްޒާފީ އާދޭސް ކުރެއްވި ކަމަށެވެ. ހައްޔަރުކުރިއިރު ގައްޒާފީ ޒަޚަމްވެފައިވީ ނަމަވެސް ވާހަކަދެއްކެވޭ ޙާލަތުގައި ގައްޒާފީ ހުންނެވި ކަމުގައެވެ.

ގައްޒާފީ އަވަހާރަވީ އޭނާ ހައްޔަރުކޮށްގެން ހަނގުރާމަވެރިންގެ ގާތަށް ގެންދިޔުމަށްފަހު ބަދަލުކުރެވުނު ބަޑީގެ ޙަމަލާތަކެއްގައި އިސްތަށިފުޅަށް ވަޒަންތަކެއް އަރައި ވަރަށް ބޮޑަށް ޒަޚަމްވެގެންނެވެ. ގައްޒާފީގެ އިތުރުން އޭނާގެ 30 އަހަރުގެ ދަރިކަލެއް ކަމަށްވާ މުޢްތަސިމް ޤައްޒާފީވެސް އިއްޔެވަނީ ސިރްތުގައި އަވަހާރަކޮށްލާފައެވެ. ގައްޒާފީއާއި އޭނާގެ ދަރިކަލުންގެ މަރުވެފައިވާ ހަށިތައް މިހާރުވަނީ މިސްރާތާގައެވެ. މިއަދުގެ ވަގުތެއްގައި އެދެބަފައިން ވަޅުލުމަށް ހަމަޖެހިފައިވާ ކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)