21 Oct 2011, 10:41
އެމްޑީޕީން އިއްޔެ މުޒާހަރާ ކުރީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ހާމަކޮށް އަޑުއުފުލުމަށް ކަމަށާއި މުއައްސަސާތަކުން އެކަންކަން މުތޯލިއާ ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރޭޑިއޯ މެދުވެރިކޮށް އެމަނިކުފާނުގެ ދެއްވާ ހުކުރު ދުވަހުގެ ތަގުރީރުގައި މިއަދު ވިދާޅުވީ އިއްޔެ އެމްޑީޕީން ފާހަގަ ކުރީ ރާއްޖޭގައި ޝަރުޢީ ކަންކަން ހިނގަމުންދާގޮތާމެދު އެޕާޓީއަށް އޮތް ގިނަ ހިތްހަމަނުޖެހުންތަކެއް ކަމަށެވެ. އަދި އެ މުޒާހަރާގެ ސަބަބުން ހުރިހާ މުއައްސަސާއަކުން އެބައެއްގެ ކަންތައްތައް ހިނގަމުންދާގޮތް ދެނެގަނެ، މުތޯލިޢާކޮށް، ނުރަނގަޅަށް ހިނގާ ކަންކަމަކީ ކޮބައިތޯ ބަލައި، ރަނގަޅު ކުރުމަށް ފުރުސަތު ލިބޭ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ އެމްޑީޕީގެ ފަރާތުން [އެވަނީ] އެ ޕާޓީން ކަންބޮޑުވާ ކަމެއް ހާމަކޮށް، އެކަމާ އަޑުއުފުލައި މުޒާހަރާކޮށްފައި. އެމްޑީޕީ ފާހަގަކުރަމުން މިގެންދަނީ، ރާއްޖޭގައި ޝަރުޢީ ކަންކަން ހިނގަމުންދާގޮތާ ގުޅޭގޮތުން އެބޭފުޅުންގެ ގިނަގުނަ ހިތްހަމަނުޖެހުންތަކެއްވާ ކަމަށް،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެން، ރާއްޖޭގެ އެންމެ ރައްޔިތުން، މި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައަޅާފައިމިވާ ޑިމޮކްރެޓިކް އުޞޫލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ އެންމެހާ ކަންކަން ވެސް ކުރިއަށްގެންދާނެ ކަމަށް. ޝަރީޢަތުގެ ކަންކަންވެސް، ޤާނޫނު ހަދާ މަޖިލީހުގެ ކަންކަން ވެސް އަދި ވެރިކަންކުރާ ފަރާތުގެ ކަންކަން ވެސް އެއީ ތަހުޒީބީ ގޮތުގައި ހިނގާ މުއައްސަސާތަކަށްވުމަކީ، އަޅުގަނޑުމެން އެންމެންގެ ވެސް އެދުމެއް،"
ރައީސް ވިދާޅުވީ ވިޔަފާރި ހިންގުމުގެ ފަސޭހަކަން އޮންނަ މިންވަރު، ވޯލްޑް ބޭންކުން ދަރަޖަ ކުރުމުގައި ދައުލަތަށް ޓެކްސް އަދާކުރުމުގެ ފަސޭހަކަން އޮންނަ މިންވަރު، އެ ބޭންކުން ދިރާސާކޮށް ރާއްޖެއަށް އެއްވަނަ ދަރަޖަ ދީފައިވާ ކަމަށާއި އެއީ ވިޔަފާރިވެރިންނަށް އުފާވެރި ހަބަރެއް ކަމަށެވެ.
"މި ދަރަޖަ ކުރެއްވުމުގައި، އެއް ވަނައިގައި ރާއްޖެ ހިމެނޭއިރު، ދެ ވަނަ ލިބިފައިވަނީ ގަޠަރަށް. އަދި ތިންވަނަ ލިބިފައިވަނީ ހޮންކޮންގަށް. އެހެންކަމުން، ސިންގަޕޫރުފަދަ އިންތިޒާމުތައް ރަނގަޅު ޤައުމަކަށްވުރެ، މަތީ ދަރަޖައިގައި ރާއްޖެ ހިމެނިފައިވާކަމީ، މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތައް ކާމިޔާބުވަމުންދާ ކަމުގެ ރަމްޒެއް،" ރައީސް ވިދާޅުވި އެވެ.
ނޮވެމްބަރު މަހު ބާއްވާ 17 ވަނަ ސާކް ސަމިޓާ ބެހެ ގޮތުން ރައީސް ވިދާޅުވީ ސަމިޓްގެ މަންފާ، ރާއްޖޭގެ ދެކުނަށް ލިބެމުންދާއިރު، މުޅި ރާއްޖެއަށް ވެސް މަންފާ ފެތުރިފައި ކަމަށެވެ.
"ކަނޑިތީމުގެ ވަޑިން އެކަނިވެސް، ގަމުގެ އެއާޕޯޓްގައި، ސާކް ސަމިޓާ ގުޅުންހުރި މަސައްކަތް ކުރައްވައިގެން، އުޖޫރައިގެ ގޮތުގައި، މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯއްދަވާފައިވޭ. މިއީ ހަމައެކަނި ދޮޅުމަސް ދުވަހުގެ މަސައްކަތުން އުތުރުގެ ފަންނުވެރި މަސައްކަތްތެރި ބަޔަކަށް ލިބިލެއްވި ވަރަށް ރަނގަޅު އާމްދަނީއެއް. މިކަމާ ދަތުރުފަތުރުގެ ނިޒާމާއި، ޚިދްމަތްތަކާއި މުދާ މުޅި ރާއްޖެއަށް ފެތުރިގެންދާ މިންވަރާ ވެސް ގުޅުންތައް އެބަހުރި. އެހެންކަމުން، ސާކް ސަމިޓަކީ، މުޅި ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ބައްދަލުވުމެއްކަން އަޅުގަނޑު ފާހަގަކޮށްލަން،" ރައީސް ވިދާޅުވި އެވެ.
ރޭޑިއޯ ތަގުރީރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ދަނޑުވެރިކަމުގެ ލޯނު ދިނުމާއި، ތަމްރީން ޕްރޮގްރާމްތައް ރޭވިފައިވާ ކަމަށާއި އެ ވިޔަފާރިތަކާ ގުޅޭ ޤާނޫނެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ: "އެންމެ ބޮޑު މަޤްޞަދަކީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ، ވިޔަފާރި ގިންތި ކުރުމާއި، މާލީ އެހީތެރިކަން އިތުރުކުރުމާއި، މާކެޓުގެ ފުރުޞަތުތައް ހޯދައިދިނުމާއި، ވިޔަފާރި ތަރައްޤީ ކުރުމުގެ ޤާބިލުކަން އިތުރުކޮށް، މިދާއިރާއިން ޚާއްޞަ ޢިނާޔަތްތައް ކަނޑައެޅުމާއި، އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ޙިއްޞާ އިޤްތިޞާދުގައި ފުޅާކުރުން،"