މިއަދު މެންދުރު ފަހު، ހުޅުމާލޭގައި 17 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލަކާއި ބިދޭސީއަކު ދުއްވި ސައިކަލެއް ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

ފުލުހުންނަސް މިހާދިސާގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު ފަހު، 3:30 އެހާކަށް ހާއިރު އެވެ.

ފުލުހުން ބުނީ، މި އެކްސްޑެންޓް ހިނގާފައިވަނީ ނިރޮޅުމަގު، ވެލިގާ ހާޑުވެއާ ކައިރިން ދެކުނު އުތުރަށް ދުއްވާފައި ދިޔަ ޕިއްޒާ ބޯނާ ޑެލިވަރީ ސައިކަލު ފަހަތުން ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް ޖެހިގެން ކަމަށެވެ.

ބާރު ސްޕީޑުގައި ދުއްވާފައި އައި ސަކަލު ދުއްވަން އިން 17 އަހަރުގެ ކުޑަ ކުއްޖެކެވެ. އަދި އެ ސައިކަލު ފަހަތުގައި އިނީ 14 އަހަރުގެ ކުޑަ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.

ޕިއްޒާ ބޯނާ ޑެލިވަރީ ސައިކަލު ދުއްވަން އިނީ ބިދޭސީ އެކެވެ. އޭނާގެ އަތުގައި ލައިސެންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި މި ދެކުދިންނަށާއި ބިދޭސީ މީހާއަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ.

އެކްސިޑެންޓްގައި އަނިޔާވި ކުޑަ ދެކުދިންގެ ތެރެއިން 17 އަހަރުގެ ކުއްޖާގެ ވާތު އުޅަނބޮއްޓާއި ކަނާތު ކުޑަހުޅުމަތިންނާއި މޫނުގެ ދެ ތަންކޮޅުން މަށައިގެން ގޮސްފައިވާއިރު، 14 އަހަރުގެ ކުއްޖާގެ ކަނާތު ކަށި އިނގިލީގެ ހުޅުމަތިންނާއި އުޅަނބޮށި ކަރިއިން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބިދޭސީ މީހާގެ ވާތު އުޅަނބޮއްޓާއި ވާތު ފައިގެ ކަކުލާއި ކުޑަ ހުޅު ކައިރިން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވި 17 އަހަރުގެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލުގައި ހަތަރު ގަޑި އިރަށް އޮބްޒަވޭޝަންގައި ބާއްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންޏެވެ.

މިއަހަރު މިހާތަނަ 936 އެކްސިޑެންޓެއް ފުލުހުންނަށް ވަނީ ރިޕޯޓު ކޮށްފައެވެ. އޭހެ ތެރޭގައި މިމަހު މިހާތަނަށް 74 އެކްސިޑެންޓް ހިމެނެއެވެ.