ފ. ބިލެތްދޫގައި ކޮނުނު އާސާރީ ވެވަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ބިލެތްދޫ ކައުންސިލްއިން ބުނެފިއެވެ.

ވެވަކީ މީހުން އެރި ފެންވަރާ ހެދުމަށް އިހު ޒަމާނުގައި ކޮނެ ތިލަވަތް ގައު އަޅައި ކައިރި ހަދައިފައި ހުންނަ ފެންފެންގަނޑެކެވެ. އެކަހަލަ ފެންފެންގަނޑު ގިނައިން ހުންނަނީ ދޫނިފަތްލާފައި ވެވަށް އެރެން ހަރުފަތް ވެސް ލައިފައެވެ.

ބިލެތްދޫ ކައުންސިލްގެ ރައީސް އިހުސާން ވިދާޅުވީ އެ ވެވު ކޮނުނީ އެތަން ހަލާކުނުވާނެ ގޮތަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ.

"ފުރަތަމައަށް ބިންގަނޑު. މޫތަކާއި އެއްޗެތި އެކްސްކަވޭޓަރުން ދެން. އުދައްޔާއި ފަކީރާ ބޭނުންކޮށްގެން ކޮންނަމުން ދަނިކޮށް ބޯޑަރު ފެނުނީމާ އެތަން ހަމަ ވަރަށް ބަލައިގެން އަތުން ހަމަ މަސައްކަތް ކުރީ." އިހުސާން ވިދާޅުވިއެވެ.

ބިލެތްދޫ ކައުންސިލްއިން އެ ވެވު ހިމެނޭ ސަރަހައްދު ކޮންނަން ފެށުމާއެކު މީސް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންވެސް ވަނީ އެތަން ކޮންނަމުންދާތީ ކަންބޮޑުވުން ފާލުކުރައްވައިފައެވެ.

ބިލެތްދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެތަން ކޮނުނު އިރު އެކަން ހުއްޓާލުމަށް ހެރިޓޭޖް މިނިސްޓްރީން ރަސްމީކޮށް އަންގައިފައިނުވާ ކަމަށެވެ. އަދި މިފެށޭ އާދީއްތަ ދުވަހު އެތަން ހިމާޔާތްކުރުމާ ބެހޭގޮތުން ކަންތައްތަކެއް މިނިސްޓްރީއަށް ހުށަހަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.