10 May 2019, 17:57
މިއީ ހެޔޮކަންކަމުގައި އިސްނަގައި ކުރިއަރާދިޔުމުގެ ވަގުތެވެ. "އޭ ހެޔޮކަމަށް އެދޭ މީހާއެވެ. އެކަމަށް އަވަސްވެގަންނާށެވެ! އަދި އޭ ނުބައިކަމަށް އެދޭ މީހާއެވެ. އެކަމުން ދުރުހެލިވާށެވެ!" ރޯދަމަސް އައުމާއެކުގައި އުޑުތަކުގައި މިފަދައިން، ނިދާ އިވޭނޭކަމުގައި ރިވާވެގެންވެއެވެ.
ތިބާގެ ޢާއްމު ދިރިއުޅުމުގައި ކުރާ ހެޔޮ ޢަމަލުތަކުގެ އިތުރުންވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ލޯތްބާއި އެކަލާނގެ ފުއްސެވުމާއި ސުވަރުގޭގެ މަތީ ދަރަޖަތަކަށް ވާޞިލުކޮށްދޭ އަޅުކަން ވަރަށްވެސް ގިނައެވެ.
ސުންނަތް ނަމާދުތަކަށް ފަރުވާތެރިވާށެވެ.
ރަމަޟާންމަހަކީ ނަމާދު ކުރުމަށް މީސްތަކުން ފަރުވާތެރިވާ މައްސަރެކެވެ. މިސްކިތްތަކަށް ދާމީހުން ގިނަވެ، ކޮންމެ ނަމާދަކަށް މިސްކިތް ފުރިބާރުވެއެވެ. ކުދިބޮޑު އެންމެންމެ ނަމާދުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ. މިފަދަ މައްސަރެއްގައި ސުންނަތް ނަމާދުތައް ކުރުމަށް އިތުރު ފަރުވާތެރިކަމެއް ދިނުން މުހިންމެވެ. ރަވާތިބު ސުންނަތުގެ ބާރަ ރަކުޢަތް ކުރާ މީހަކަށް ސުވަރުގެއިން ގަނޑުވަރެއް ބިނާކޮށްދެވާނޭކަމުގައި ކީރިތި ރަސޫލާصلى الله عليه وسلمވަނީ ހަދީޘް ކުރައްވާފައެވެ.
ޟުހާ ނަމާދު ކުރާށެވެ.
ރަމަޟާންމަހުގެ ތަރާވީޙު ނަމާދާއި ރޭއަޅުކަން ކުރުމަށް ފަރުވާތެރިވާ ފަދައިން، ދުވާލުގެ ވަގުތު ކުރެވޭ ސުންނަތް ނަމާދުތަކަށްވެސް ފަރުވާތެރިވެލައްވާށެވެ. ޟުހާ ނަމާދަކީ ހެނދުނުގެ ވަގުތުގައި ކުރުން ސުންނަތްވެގެންވާ ނަމާދެކެވެ. ތިމާގެ ހަށިގަނޑުގައިވާ ކޮންމެ ގުނަވަނަކަށް ނުވަތަ ކޮންމެ ހުޅަކަށް، މާތް ﷲ ދެއްވާފައިވާ ޢާފިޔަތުގެ ނިޢްމަތަށް ޝުކުރު އަދާކުރުމަކީ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެކެވެ.
ޟުޙާ ނަމާދުގެ ދެރަކުއަތުގެ ސަބަބުން އެ ނިއުމަތަކަށް އަދާކުރަންޖެހޭ ޝުކުރު ފުރިހަމަވެގެން ދާކަމުގައި ސުންނަތުން ސާބިތުވެއެވެ. ޟުޙާ ނަމާދު ކުރުން އެންމެ ހެޔޮވެގެންވާ ވަގުތަކީ ހެނދުނުގެ އެންމެ އަވި ބާރުވެގެންދާ ވަގުތެއެވެ. އެއީ ގާތްގަނޑަކަށް ނުވައެއް ދިހައެއް ޖާހާކަންހާއިރެވެ.
ސަދަގާތް ކުރާށެވެ.
ފެނުން އަލިފާން ނިވޭފަދައިން ސަދަގާތުން ފާފަތައް ފުހެވިގެންދާ ކަމުގައި ރިވާވެގެންވެއެވެ. އަދި ކޮންމެ ހެޔޮކަމަކީ ސަދަގާތެއް ކަމުގައި، އެބަހީ ދަރުމަޔާއި ސަވާބު ލިބޭ ކަމެއްކަމުގައިވެސް ރިވާވެގެންވެއެވެ. އެއީ ހެޔޮކަމަކަށް އަމުރުކޮށް މުންކަރާތެއް ނަހީކުރުން ނުވަތަ މައްސަލައެއް ޖެހިފައިވާ ދެމީހެއްގެ ދެމެދުގައި އިސްލާހުކުރުވުން ފަދަ ކޮންމެ ކަމެކެވެ. އަނެކާއަށް ހިނިތުންވެލާ ހިނިތުންވުމަކީވެސް އެކަމުން ދަރުމަޔާއި ސަވާބު ލިބޭނޭކަމެއް ކަމެކެވެ.
ވީމާ، ވަޒީފާއަށް ދާ ދިޔުމުގައި ނުވަތަ ތައުލީމު ހާސިލުކުރުމަށް ދާ މަގުމަތީގައި ނުވަތަ ނަމާދަށް ދާ މަގުމަތީގައިވެސް ހެޔޮ އަމަލެއް ކުރެވިދާނެކަން ހަނދާންކުރާށެވެ.
ޒިކުރު ކުރުން ގިނަކުރާށެވެ.
ހުރިހާ ވަގުތެއްގައިވެސް ޒިކުރު ކުރުންމަތީ ދެމިހުންނާށެވެ. ދުލުން ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އަދި މަގުމަތީގައި ހިނގާބިނގާވެ އުޅޭ ހާލުގައިވެސް ޒިކުރުކުރުމުގެ މަތީގައި ހުރުމަށް އާދަކުރާށެވެ.
ދުލުން ބޭރުކޮށްލެވޭ މަދުބަސްކޮޅަކީ އާޚިރަތުގައި އެތައް ފާފަތަކެއްގެ ކައްފާރާ ކަމުގައިވެގެން ހިނގައިދާނެއެވެ. ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. ދޫ މައްޗަށް ފަސޭހަ، މީޒާނުގައި ބަރުދަންބޮޑު، ރަހުމާނުވަންތަ ރަސްކަލާނގެ ހަޟުރަތުގައި ލޮބުވެތިކަން ބޮޑު ދެކަލިމެއެއްވެއެވެ. އެއީ؛سُبْحان اللَّهِ وَبِحَمْدِهِ، سُبحانَ اللَّه العظيمِއެވެ.
سبْحانَ اللَّهِ، وَالحَمْدُ للَّهِ، وَلاَ إلَه إلاَّ اللَّه، وَاللَّه أكْبرُ،މިފަދައިން ކިޔުމަކީ، އެމައްޗަށް އިރުއެރި ކޮންމެ އެއްޗަކަށްވުރެ، ކީރިތި ރަސޫލާصلى الله عليه وسلمއަށް ލޮބުވެތިކަން ބޮޑު ކަލިމަތަކެއް ކަމުގައިވެސް ވަނީ ހަދީޘްކުރައްވާފައެވެ.
އިސްތިޣްފާރު ކުރުން ގިނަކުރާށެވެ.
އިސްތިޣްފާރުކުރުމަކީ ފާފަފުއްސެވުން އެދި ދުއާކުރުމެވެ. ހަމައެފަދައިން އެންމެހާ މުއުމިނު އަންހެންތަކުންނާއި އެންމެހައި މުއުމިނު ފިރިހެންތަކުންނަސް ފާފަ ފުއްސެވުންއެދި ދުއާކުރުން ހަނދުމަނެތިކޮށް ނުލާށެވެ. ރެޔާއިދުވާލު ސަތޭކަ ފަހަރު އިސްޣުފާރު ކުރައްވާކަމުގައި ކީރިތި ރަސޫލާصلى الله عليه وسلمހަދީޘްކުރައްވާފައި ވެއެވެ.
"ربِّ اغْفِرْ لِي، وتُبْ عليَ إِنَّكَ أَنْتَ التَّوابُ الرَّحِيمُ"މިފަދައިން، އެއް މަޖިލީހުގައި ސަތޭކަފަހު ވިދާޅުވާކަމުގައިވެސް އިތުރު އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ.
ސަލަވާތް ކިޔެވުން ގިނަކުރާށެވެ.
ކީރިތި ރަސޫލާصلى الله عليه وسلمއަށް ސަލަވާތްލެއްވުން އެދި ދުއާކުރުމަށް މާތް ﷲ ވަނީ އަހަރުމެންގެ މައްޗަށް އަމުރު ކުރައްވާފައެވެ. ކީތިރި ރަސޫލާصلى الله عليه وسلمހަދީޘްކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ސަލަވާތް ކިޔަވައިފި މީހަކަށް މާތް ﷲ ދިހަ ފަހަރު ސަލަވާތް ލައްވައެވެ."
އާއިލީ ގުޅުން ދަމަހައްޓާށެވެ.
ރަޙިމުގެ ގުޅުން ގާއިމުކުރުމަކީ ކީރިތި ޤުރްއާންގައި މާތް އަމުރުކުރައްވާފައިވާ ކަމެކެވެ. ގާތްތިމާގެ ކަމުގެ ގުޅުން ގާއިމުކުރުމަކީ ތިމާގެ އުމުރު ދިގުކުރައްވައި ރިޒުގު ތަނަވަސްކޮށްދެއްވާ ކަމެކެވެ. އާއިލާގެ މެންބަރުންގެ ތެރެއިން މަދުން ނޫނީ ދިމާނުވާ މެންބަރުންނަށްވެސް ފޯނުކޮށްލައި ހާލު ބަލާލުމަކީ ލުއިފަސޭހަ، އެކަމުގައި ދަރުމަ މަތިވެރިވެގެންވާ ކަމެކެވެ.
ގާތްތިމާގެކަމުގެ ގުޅުން ބޭއްވުމަކީ ތިމާއާ ގުޅުން ބާއްވާ ފަރާތްތަކާ އެކަނި ގުޅުން ބޭއްވުމެއް ނޫނެވެ. ކީރިތި ރަސޫލާصلى الله عليه وسلمޙަދީޘް ކުރައްވާފައިވެއެވެ."الوَاصِلَ الَّذِي إِذَا قَطَعَتْ رَحِمُهُ وَصَلَهَا". رواه البخاريމާނައީ: "ހަގީގަތުގައި އެގުޅުން ދަމަހައްޓާ މީހާއަކީ، އޭނާއާ ރަހިމުގެ ގުޅުން ހުރި މީހަކު، އެ ގުޅުން ކަނޑާލާ ހިނދު އެ ގުޅުން (ކެނޑުނަ ނުދީ) ދަމަހައްޓާ މީހާއެވެ."
މީސްތަކުނަންނަށް ލުއިފަސޭހަކޮށްދޭށެވެ.
ތިބާ އަދާކުރާ ވަޒީފާއާއި، އަދި އެނޫން ހާލަތުތަކުގައިވެސް އަނެކާއަށް ލުއިފަސޭހަ ކޮށްދީ އެހީތެރިވެދެވެން އޮތް ކޮންމެ ކަމެއްގައި އެހީތެރިވެދޭށެވެ. އެންމެ ހެޔޮވެގެންވާ މީހާއަކީ މީސްތަކުންނަށް އޭނާގެ މަންފާކުރާ މީހާކަމުގައި ރިވާވެގެންވެއެވެ. އަދި މީހަކަށް އެހީތެރިވެދީފިނަމަ އާޚިރަތުގައި މާތް ﷲ އޭނާއަށް އެހީތެރިވެވޮޑިގަންނަވާނެ ކަމުގައިވެސް ރިވާވެގެން ވެއެވެ.
ރިވެތިގޮތުގައި މުއާމަލާތް ކުރާށެވެ.
އަބަދުވެސް ރިވެތިގޮތުގައި މުޢާމަލާތްކޮށް، ރިވެތި އަޚުލާގުގައި ދެމިހުންނާށެވެ. ގިނަގިނައިން ސަލާމްކުރުމާއި، ރިވެތި ބަހުން ވާހަކަދެއްކުމަކީ ފާފަފުއްސެވުމުގެ މަގެކެވެ. ހަމަ އެފަދައިން މީސްތަކުންގެ ކަންކަމުގައި ލުއިފަސޭހަކޮށްދޭ މަޑުމައިތިރި، ހިތްތިރި މީހާއަކީ ނަރަކައިން މުއްތިކުރެއްވިގެންވާ މީހެއްކަމުގައި ވާރިދުވެގެންވެއެވެ.
ކުޑަކުޑަ ދެ ތިން ކަމަކުން ދިރިއުޅުން ބަދަލުވެގެން ހިނގައިދާނެއެވެ. ވީމާ، ހެޔޮކަމެއް ކުރުމުގައި ފަސްނުޖެހުމަށް ވަސިއްޔަތް ކުރަމެވެ.