ހަޟާނާތުގެ މައްސަލަތަކުގައި އަމިއްލަ ފައިދާއަށް ދަރިން ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީމް) އިން ބުނެފި އެވެ.

މިއަދު ފާހަގަ ކުރަމުންދާ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ވޭތުވެ ދިޔަ އަހަރު ކުޑަކުދިންނާއި ގުޅޭގޮތުން ހުށަހެޅި މައްސަލަތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ ޖިސްމާނީ ނަފްސާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން މައިންބަފައިންގެ މެދުގައި ޖެހޭ މައްސަލަތަކާއި އިހުމާލުވުމުގެ މައްސަލަތަކާއި ހަޟާނާތުގެ މައްސަލަތައް ހިމެނޭ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"މައިން ބަފައިގެން މެދުގައި ޖެހޭ މައްސަލަތަކާއި ހަޟާނާތުގެ މައްސަލަތަކުގައި އަމިއްލަ ފައިދާއަށް ދަރިން ނަގަމަ ގޮތުގައި ބޭނުންކުރާ މައްސަލަތައް ވަނީ ފާހަގަކުރެވިފައި." އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުޑަކުދިންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި ޖުވެނައިލް ޖަސްޓިސް ބިލު ވީ އެންމެ އަވަހަކަށް ފާސް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެޗުއާރުސީއެމުން ބުނީ މިހާރު އަމަލުކުރަމުންދާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި ކުޑަކުދިންގެ ހައްގުތަކާ މެދު އިހުމާލުވާ ފަރާތްތަކާއި ދޭނެ އަދަބުތައް ބަޔާންކޮށްފައި ނެތުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ.