10 May 2019, 14:40
ކުުޑަކުދިންނާ ގުޅުން ހުރި ސިޔާސަތުތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި އޭގެ ތެރެއިން ކުޑަކުދިން ބާރުވެރި ބަޔަކަށް ހެދުމައް މަސައްކަތް ކުރަމުން ދާ ކަމަށް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުންދާ ކުޑަކުދިންގެ ދުވަހު މިނިސްޓަރު ޝިދާތާ ދެއްވި ހިތާބުގައި ވިދާޅުވީ ކުޑަކުދިންގެ މަސްލަހަރު ހިމެނޭ ކަންކަމުގައި އެ ކުދިންގެ ވިސްނުމާއި ހިޔާލު ހޯދުމާއި، އަނިޔާއާއި އިހުމާލުވުމުގެ މައްސަލަތަކާ މެދު ކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން ހޭލުތުންތެރި ކުރުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
"މި ފަދަ ކަންކަމުގައި ފުރިހަމަ ނަތިޖާއަކަށް ވާސިލުވުމަށް މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވޭ. އެ ގޮތުން، ޢާއިލާތެރޭގައާއި ތަޢުލީމީ މާޙައުލުގައި ވެސް، ކުޑަކުދިންގެ ބައިވެރިވުން އޮތްކަމާއި، މުހިންމު ކަން އެ ކުދިންނަށް އިހުސާސްކޮށްދޭން ޖެހޭ." މިނިސްޓަރު ޝިދާތާ ވިދާޅުވި އެވެ.
ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް އުފަންވާ ކޮންމެ ކުއްޖަކީ ވެސް ތުއްތު އިރުއްސުރެ އާއިލީ ލޯބި ލިބޭނެ ކުދިންކަން ކަށަވަރުކުރުން ހިމެނެ އެވެ.
މިނިސްޓަރު ޝިދާތާ ވިދާޅުވީ ތަފާތު އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާ އިރު، އެ ކުދިންނަށް ޢާއިލާއެއްގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން ފޮސްޓަރކުރުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
"ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ބައެއް ކުދިން ބައެއް އާއިލާތަކުން މިހާރު ވެސް ފޮސްޓަރކުރަމުން ދާ އިރު، އެ ފަދަ ކުދިންނަށް އުޖާލާ ދިރިއުޅުމެއް ތަނަވަސްކޮށްދީ، ހަރުދަނާ ޒުވާނުންތަކެއްގެ ގޮތުގައި ބިނާކުރުމަކީ ޝައްކެއްވެސްނެތް ގޮތުގައި މުޅި ޤައުމުގެ ތަރައްގީއަށް ލިބޭ ކުރިއެރުމެއްކަން ޔަގީން." މިނިސްޓަރު ޝިދާތާ ވިދާޅުވު އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރަމުންދާ އިރު ކުޅިވަރާއި އެކި ހަރަކާތްތައް މެދުވެރިކޮށް ދުވަހުގެ ޝިއާރު އެ ކުދިންގެ ހިތްތަކުގައި އަށަގަންނުވައި، ހަގީގީ މާނައިގައި ވެސް ބާރުވެރިބަޔަކަށް ހަދަން ޖެހޭ ކަމަށް ޝީދާތާ ވިދާޅުވި އެވެ.