21 Oct 2011, 01:58
ގާނޫނީ ވަކީލުންތަކެއް އިސް ނަގައިގެން "ފަނޑިޔާރުގޭގެ ވާހަކަ"އިގެ ނަމުގައި މިރޭ ބޭއްވި ފޯރަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ގާނޫނީ ވަކީލުންނާއި ސަރުކާރުގެ އިސްވެރިންނާއި އާންމުންގެ ގިނަ ބަޔަކު ޖަމާވެ ފަނޑިޔާރުގެތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި ޝަކުވާ ބަންޑުންކުރުމުގެ އިތުރުން ފަނޑިޔާރުގެ މައްޗަށް ތުހުމަތައް ގޮތްކިޔައިފި އެވެ.
އެ ފޯރަމް އިންތިޒާމް ކުރާ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ ވަކީލު، އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ ފަނޑިޔާރުގޭގެ ވާހަކަ ދެއްކުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށާއި އެވާހަކަތައް ދެއްކުމުގެ ސަބަބުން އަދުލުއިންސާފު ގާއިމްކުރުމުގެ ބާރު ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
~
އަހުމަދު ވިދާޅުވީ ފަނޑިޔާރުން އެބޭފުޅުންގެ ސުލޫކީ މިންގަޑާއި ވެސް ހިލާފުވަމުންދާކަމަށާއި، ޖޭއެސްސީއަށް ފަނޑިޔާރުންގެ އެތަކެއް މައްސަލަތަކެއް ހުށަހެޅިފައިވީ ނަމަވެސް އެއިން އެއްވެސް މައްލައެއް ބެލިފައިނުވާކަމަށެވެ.
"ފަނޑިޔާރުންނާއި ބެހޭ މައްސަލަތައް ޖޭއެސްސީއަށް ހުށަހެޅިފައިވާތާ އެތަކެއް ދުވަސްވެއްޖެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް މިހާތަނަށް ބެލިފައެއްނުވޭ،" އަހުމަދު ވިދާޅުވިއެވެ.
އެ ފޯރަމްގައި ވާހަކަ ދައްކަވަމުން ރިޔާސީ ކޮމިޝަންގެ ތަރުޖަމާން އަބްދުﷲ ހަސީން ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގައި ތިއްބެވި ބައެއް ފަނޑިޔާރުންނަކީ އެކަށީގެންވާ ތައުލިމެއް ލިބިފައި ނެތް ބޭފުޅުންތަކެއް ކަމަށެވެ.
ހަސީން ވިދާޅުވީ ބޭންކިން، ހަޔާޕާޗޭސް ފަދަ ފައިސާގެ ބޮޑެތި މައްސަލަތައް ކޯޓުތަކުން ބަލަންޖެހޭ އިރު އެކަށީގެންވާ ވަރަކަށް ހިސާބު އިލްމު އުނގެނިފައިނުވާ ފަނޑިޔާރުން ތިއްބަވާ ކަމަށާއި އެ ފަނޑިޔާރުންނަށް އެ މައްސަލަތައް ނުބެލޭނެ ކަމަށެވެ.
http://sun.mv/albums/l_2086.jpg
"ފައިސާގެ ބޮޑެތި މުއާމަލާތްތަކުގެ މައްސަލަތައް މިސާލަކަށް ބޭންކިން، ހަޔާޕާޗޭސް ކޮންޓްރެކްޓާއި ބެހޭ މައްސަލަތައް ކޯޓަށް ހުށަހެޅިޔަސް އެމައްސަލަތަށް ކިހިނެތްތޯ ހިސާބު އިލްމު ރަނގަޅަށް އެނގިވަޑައި ނުގަންނަވާ ފަނޑިޔާރުންނަށް ބެއްލެވޭނީ. ނުބެއްލެވޭނެ އިނގޭތޯ،" ހަސީން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރު އިބުރާހިމް އިސްމާއިލް (އިބުރާ) ސްޕްރީމް ކޯޓާ ދެކޮޅަށް ކުރެއްވި އަބުރުގެ ދައުވާގެ ފައިލްތައް ސުޕްރީމް ކޯޓުން ނެންގެވި މައްސަލައިގައި ވާހަކަދައްކަވަމުން އިބުރާ ވިދާޅުވީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައި އެ މައްސަލަ ބެލުމުގެ ކުރިން ސުޕްރީމް ކޯޓުންވެސް އެ މައްސައްސަލައާއި ބެހިގެން ނުވާނެ ކަމަށެވެ.
"ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އެ މައްސަލަ ބަލައި ނިމުމުގެކުރިން ސުޕްރީމް ކޯޓަކަށްވެސް އެ މައްސަލައާއި ބެހެވިގެން ނުވާނެ. އެއީކީ އަދުލު އިންސާފެއްނޫން. ސުޕްރީމް ކޯޓުންވެސް ޖެހޭނީ ސިވިލް ކޯޓުން މައްސަލަ ނިމުނީމާ އިސްތިއުނާފްކުރަން،" އިބުރާ ވިދާޅުވިއެވެ.
އެ ފޯރަމްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ ފަނޑިޔާރުން ގެންނަންޖެހިފައިވާ ކަމަށާއި އެކަމަކީ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް މުހިންމު ކަމަކަށްވާތީ އެ ކަމާއި ބެހޭ ބިލެއްވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާނެކަމަށެވެ.
"ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ބޭރުގެ ތަޖުރިބާކާރުން ގެނައުމަކީ މުހިންމުކަމެއް. ކޮމަންވެލްތުގެ ގައުމުތަކުގައި ވަރަށްބޮޑަށް ޕްރެކްޓިސް ކުރަމުންދާކަމެއްއެއީ،" އިމްތިޔާޒް ވިދާޅުވިއެވެ.
އެ ފޯރަމްގައި ވާހަކަ ދައްކަވަމުން އާމުންގެ މީހަކު ބުނީ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ގާނޫނުލް އުގޫބާތު ފަދަ ބޮޑެތި ގާނޫނުތައްކަށް އިސްލާހު ގެނެވެން ޖެހޭކަމަށެވެ.
މިރޭގެ ފޯރަމް ނިންމަވާލައްވަމުން ފޯރަމް ކުރިޔަށް ގެންދިޔުމުގައި އިސްކޮށްހަރަކާތްތެރިވާ ގާނޫނީ ވަކީލު އަހުމަދު އަބުދުﷲ އަފީފް ވިދާޅުވީ ފަނޑިޔާރުންގެ ފޯރަމްގެ ދެވަނަ ފޯރަމް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށެވެ.