މިދިޔަ މަހު ސްރީލަންކާގެ ތިން ސިޓީއެއްގައި ދިން ޓެރަރިސްޓް ހަމަލާތަކާއެކު އެ ގައުމާއި މުޅި ދުނިޔެއަށް ސިހުން ގެނައެވެ. އެގައުމުގެ ރައްޔިތުންނަށް އާވެގެން ދިޔައީ 30 އަހަރު ވަންދެން އެގައުމުގައި ކުރިއަށް ދިޔަ ދާޚިލީ ހަނގުރާމައިގެ ބިރުވެރި ހަނދާންތަކެވެ.

އެހެން ނަމަވެސް އެ ހާލުގައި ސްރީލަންކާގެ ހާލު އެންމެ ގާތުން ބެލީ އެގައުމާ އެންމެ ގާތް ދިވެހިރާއްޖެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ބޭފުޅަކު، ހަމަ އެ ދުވަހު އެގައުމަށް ފޮނުއްވައި، ދިވެހިރާއްޖެއާއި ރައީސްގެ ފަރާތުން ލަންކާގެ ހާލަތު ބައްލަވައި، ހިތްވަރު ދެއްވިއެވެ.

ޓެރަރިސްޓު ހަމަލާތަކެއް ދިނުމުގެ ސަބަބުން މުޅި ސްރީލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅު، ސަރުކާރުގެ ފަރާތުން ސްރީލަންކާއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މި ހަފްތާގައި އެގައުމަށް ކުރެއްވި ދަތުރުފުޅުން ފާހަގަވަނީ ރާއްޖެއިން ލަންކާއާ މެދު ކުރާ އުންމީދެވެ.

ސްރީލަންކާއަކީ އެގައުމުގައި ދިރިއުޅޭ 15،000 އެއްހާ ދިވެހި ރައްޔިތުންނަށް ދެވަނަ ވަޒަނެއް ކަމުގައި އެމީހުން ދެކޭ އިރު، ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވި ގޮތުގައި، މިނިސްޓަރު ޝާހިދަކީ ސްރީލަންކާގައި ދިން ހަމަލާތަކަށްފަހު އެގައުމަށް މިހާތަނަށް ވަޑައިގެންނެވި ގައުމެއްގެ އެންމެ އިސް ލެވެލްގެ ފުރަތަމަ ބޭފުޅާ ކަމަށެވެ.

"އެ ގައުމަށް ލިބޭ ކޮންމެ ގެއްލުމަކީ ރާއްޖެއަށްވެސް ލިބޭ ގެއްލުމެއް. ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ވަގުތުން ފެށިގެން ކަންކަން ހިނގަމުން ދިޔަ ގޮތް މިނިސްޓަރު ގެންދެވީ ގާތުން ބައްލަވަމުން. ހަމަލާތަކަށްފަހު، ބޭރު ގައުމެއްގެ ފުރަތަމަ ޚާރިޖީ ވަޒީރަކަށް މިނިސްޓަރު ޝާހިދު ވަޑައިގެންނެވި ކަމީ ލަންކާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ކަމެއް،" މިއުވާން ސަންއަށް ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ލަންކާއަށް ބުދަ ދުވަހު ވަޑައިގެން، އެގައުމުގެ ސަރުކާރާއި ސިޔާސީ ލީޑަރުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، އިދިކޮޅު ލީޑަރު ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ، ހޯމް މިނިސްޓަރު ވަޖިރަ އަބޭވަރްދަނަ، އަދި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރު ޖަޔަސޫރިޔާ އަދި އެ މަޖިލީހުގެ ކުރީގެ ރައީސް ޗަމަލް ރާޖަޕަކްސައާ ޝާހިދު ބައްދަލުކުރެއްވިއެވެ.

އެކި ބޭފުޅުންނާ ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުންތަކުގައި ޝާހިދު ވަނީ ރާއްޖޭގެ ފަރާތުން އެގައުމަށް ހިތްވަރު ދެއްވައި، އެގައުމަށް ދިވެހި ސަރުކާރުގެ އިތުބާރު އޮތްކަން ހިއްސާކުރައްވާފައެވެ.

އަދި ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެ އޮތީ ލަންކާއާ އެކުގައި ކަން މިނިސްޓަރު ވަނީ ލަންކާގެ ލީޑަރުންނަށް ހާމަކުރައްވާފައެވެ.

ސްރީލަންކާގައި އައިއެސް ޖަމައަތާ ގުޅިގެން އެގައުމުގެ ހައްދުފަހަނަ އެޅި ޖަމާއަތަކުން ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައިވާ ގިނަ ބަޔަކު މިދިޔަ ދުވަސްތަކުގައި ހޯދައި ހައްޔަރުކޮށްފައިވާކަން ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ އިރު، އެގައުމުގެ ރައީސް މައިތުރިޕާލަ ސިރިސޭނާ މި ހަފްތާގައި ވިދާޅުވީ ހަމަލާތަކުގައި ޝާމިލުވާ މީހުންގެ 99 ޕަސަންޓު މިހާރު ތިބީ ހައްޔަރުގައި ކަމަށެވެ.

ޖުމްލަ 250 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނު މި ހަމަލާތަކާ ގުޅިގެން ސްރީލަންކާއަށް ދަތުރުކުރަން ރާވާފައި ތިބި ގިނަ ފަތުރުވެރިން ބުކިންގްސް ކެންސަލްކުރި ނަމަވެސް، ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް އެކަށީގެންވާ ރައްކާތެރި މާހައުލެއް އެގައުމުގައި މިހާރު ގާއިމުކުރެވިއްޖެކަމަށް ރައީސް ސިރިސޭނާ ވިދާޅުވެފައިވެއެވެ.

އެއީ ހަގީގަތެއްކަން ހާމަކޮށްދިނުމުގައި ލަންކާއާ އެންމެ ގާތުގައި އޮތީ ދިވެހިރާއްޖެއެވެ.

"އަދި މިއީ ލަންކާގެ ސަލާމަތީ ކަންކަން އެގައުމުން ބަލަހައްޓަމުންދާ ގޮތާ މެދު ރާއްޖެއިން ފުރިހަމައަށް އިތުބާރުކުރާ ކަމުގެ ހެއްކެއް،" މިނިސްޓަރު ޝާހިދުގެ ދަތުރުފުޅާ ބެހޭގޮތުން ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު ވިދާޅުވިއެވެ.