ހައްޖު ކޯޕަރޭޝަންއިން ރަނގަޅު އިންވެސްޓްތަކެއް ކޮށް މީހުން ހައްޖަށްގެންދާ އަގު ކުޑަކުރެވޭނެކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ހަމީދު ވިދާޅުވެއްޖެ އެވެ.

ހައްޖަށް މީހުން ގެންދިއުމަށް އެކޯޕަރޭޝަނަށް މިހާރު ނަގަމުން ދަނީ 69،965 ރުފިޔާއެވެ. ފާއިތުވި ހައްޖު މޫސުމުގައި އެ ކޯޕަޜޭޝަން މެދުވެރިކޮށް 950 އެއްހާ މީހުން ވަނީ ހައްޖަށް ގޮސްފަ އެވެ.

ހަމީދު "ސަން" އަށް ވިދާޅުވީ އެ ކޯޕަރޭޝަންއިން ރަނގަޅު އިންވެސްޓްމަންޓްތަކެއް ކޮށްގެން އޭގެން ނަފާ ހޯދައިގެން މިހާރު މީހުން ހައްޖަށް ގެންދާ އަގު ސަބްސިޑައިޒް ކުރެވޭނެކަަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި އެ ގޮތަށް އަގު ކުޑަކުރެވޭނީ ދިގު މުއްދަތަކަށް އެކުލަވާލާ ޕްލޭންއެއްގެ ދަށުން ކަަމަށް އޭނާ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ ހައްޖަށް މީހުން ގެންދާ އަގު ކުޑަކުރުމުގެ ގޮތުން ހަދަން ޖެހޭ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.

"މާ ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށޭވަރުވާނެ" ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ ހައްޖު ކޯޕަރޭޝަންއިން މިހާރު ދެމުންގެންދާ ހިދުމަތްތަކާ މެދު ހިތްހަމަ ޖެހޭ ކަމަށާއި އެހެން ނަމަވެސް އެ ކޯޕަޜޭޝަނާ މެދު މީހުން އޮންނަ އިތުބާރު އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި ކޯޕަރޭޝަނަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަނަކަށް ހަދާނެ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.