09 May 2019, 20:17
ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށި ޕްރޮގްރާމްގެ ދަށުން އެކަން ނުފަށާ ހުރި ސްކޫލްތަކުގައި ޕްރޮގްރާމް ފެށުމަށް އެ ސްކޫލްތަކަށް ނާސްތާ ފޯރުކޮށްދޭނެ ފަރާތްތައް ހޯދަން އިއުލާންކޮށްފި އެވެ.
ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލެއްގަ އެވެ. އަދި ބާކީ ހުރި 188 ސްކޫލުގައި ނާސްތާ ޕްރޮގްރާމް މިހާތަަނަށް އޮތީ ކުރިއަށް ނުގެންގޮހެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޕްރޮގްރާމް މުޅި ރާއްޖެއަށް ފުޅާކުރާނެ ކަަމަށެވެ. އަދި ދެވަނަ ޓާމް ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދެވޭ ވަރުވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް ވިދާޅުވީ އަޖުމަބެލުމުގެ ގޮތުން ނާސްތާ ޕްރޮގްރާމް ފެށި 25 ސްކޫލުގެ ތެރެއިން އެއް ސްކޫލަކުންވެސް ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް އަލުން ހޯދުމަށް ބޭނުންވާތީ އެ ފަރާތެއް ހޯދުމަށް މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ.
ރިޔާޒް ވިދާޅުވީ ނާސްތާ ޕްރޮގްރާމް ފެށިފަހުން ދަރިވަރުން ގަޑިއަށް ހާޒިރުވެ، މީގެ ކުރިން ނާސްތާ ނުނަގާ ކުދިންވެސް ނާސްތާއަށް އަހުލުވެރިވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.