އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސަކަށް ކުރިން ހުންނެވި ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ޕާޓީގެ ކުރީގެ ރައީސް ޝެއިހް ހުސައިން ރަޝީދު އިސްކޮށް ތިއްބެވި އިސްލާމިކް މިނިސްޓްރީއަށް ދެން ކުރެވޭނެ ކަމަކީ ރައީސް ނަޝީދުގެ ގެކޮޅުގެ ވަޅުދިޔަ ހިއްކުން ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފު ހުސައިން މިރޭ ވިދާޅުވެއްޖެ އެވެ. ޑރ. މައުރޫފު މިހެން ވިދާޅުވީ ރައީސް ނަޝީދު، އަދާލަތުގެ އިސްވެރިންގެ އަރިހުގައި 2008 އަހަރުގެ ރިޔާސީ އިންތިހާބުގައި މައުމޫންގެ ސަރުކާރަށް ނިސްބަތްކޮށް ވިދާޅުވެފައިވާ ބަސްފުޅަކަށް އިޝާރާތްކޮށެވެ.
~
އެމްޑީޕީއާއެކު ކޯލިޝަން ހެދި ދުވަސްވަރު ބޭއްވި މަޝްވަރާތަކުގައި ރައީސް ނަޝީދު ވިދާޅުވި ކަމަށް ކަލާފާނު ސްކޫލްގައި މިރޭ ބޭއްވި ޖަލްސާގައި މައުރޫފު ވިދާޅުވީ "އިސްލާމިކް މިނިސްޓްރީއެއް ހަދާނެ ކަމެއް ނެތް ކަމަށް" އެމްޑީޕީގެ އޭރުގެ ރިޔާސީ ކެނޑިޑޭޓް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި މިނިސްޓްރީއެއް ހަދައިފިނަމަ މައުމޫން ވިދާޅުވުމުން ވުޒާރާގެ އެންމެން ވަޅުދިޔަ ހިއްކަންދާނެ ކަމަށެވެ. އެހެންކަމުން މިނިސްޓްރީއެއް ހެދުމުގެ ބަދަލުގައި އުފައްދާނީ މިނިވަން މުސްތަގިއްލު އިލްމުވެރިންގެ މަޖިލީހެއް ކަމަށް ރައީސް ނަޝީދު އޭރު ވިދާޅުވި ކަމަށެވެ. ނަމަވެސް މިހާރު މިނިސްޓްރީއެއް ހަދާފައި އޮތުމުން އެމަނިކުފާނު ވިދާޅުވި ގޮތަށް މިއަދުގެ އިސްލާމިކް މިނިސްޓްރީއަށް ކުރެވޭނެ ހަމައެކަނި ކަމަކީ ރައީސް ނަޝީދުގެ ގެކޮޅުގެ ވަޅުދިޔަ ހިއްކުން ކަމަށް ޑރ. މައުރޫފު ވިދާޅުވި އެވެ.

"އޭރުގެ ރައީސަށް ނިސްބަތްކޮށް އެބޭފުޅާ (ރައީސް ނަޝީދު) ވިދާޅުވީ 'ރައީސް މައުމޫން [އިސްލާމިކް] މިނިސްޓަރު ކައިރީގައި ވިދާޅުވާނޭ މިއަދު އެންމެން ވަޅުދިޔަ ހިއްކަން ދާށޭ' ބުނީމަ އެންމެންދާނީ ވަޅުދިޔަ ހިއްކަން. މިއަދު އެ ވިދާޅުވި ވިދާޅުވުމުން ހަނދާން އާކޮށްލަންޖެހޭނީ މިހާރު މިއޮތީ އެ ހާލަތަށް ގޮސްފައޭ. މިހާރު އެމިނިސްޓްރީއަށް ކުރެވެން އޮތް ކަމަކީ ރައީސް ނަޝީދު [ގެކޮޅުގެ] ވަޅުދިޔަ ހިއްކުން. އިތުރުކަމެއް ނުކުރެވޭނެ،" އިސްލާމިކް މިނިސްޓްރީގެ މިހާރުގެ މަސައްކަތަށް އިޝާރާތްކޮށް ޑރ. މައުރޫފު ވިދާޅުވި އެވެ.

http://sun.mv/albums/l_2092.jpg

ސަރުކާރުން ވަކިވުމަށް އަދާލަތު ޕާޓީން އެންގި އެންގުމަށް ޑރ. މަޖީދާއި ޝެއިހް ހުސައިން އަމަލު ނުކުރެއްވުމުން އެ ބޭފުޅުންނަށް އިޝާރާތް ކުރައްވާ މިރޭގެ ޖަލްސާގައި ޕާޓީގެ ރައީސް ޝޭއިހް އިމްރާން އަބްދުﷲ ވިދާޅުވީ "މި ދަނޑިވަޅަކީ ހަގީގީ ފަޅުވެރިން ބަލަންޖެހޭ ދަނޑިވަޅު" ކަމަށެވެ. އަދި ސާބިތު ކަމާއެކު މެންބަރުން ބޭނުންވާ ގޮތަށް ޕާޓީން އަމަލު ކުރަންޖެހޭނެ ކަމަށާއި އެ އުސޫލުން އަމަލު ކުރަން ތައްޔާރަށް ހުންނެވި ކަމަށް އިމްރާނު ވިދާޅުވި އެވެ.

ޝަރުއީ ކޯޓްތަށް މިނިވަން ކުރުމުގެ ނަމުގައި ސަރުކާރު ހިންގާ އެމްޑީޕީން މިއަދު ފެށި މުޒާހަރާއާ ގުޅިގެން އިމްރާން ވިދާޅުވީ ޝަރުއީ ދާރިއާއަށް ގޮންޖެހުމަށް ހިންގާ އެ ޖަރީމާއާ ދެކޮޅަށް އަދާލަތު ތެދުވާ ކަމަށެވެ. އަދި އެމްޑީޕީން ހިންގާ އެފަދަ އަމަލުތައް ހުއްޓުވުމަށް އިދިކޮޅު ޕާޓީތަކާއެކު ގުޅެންޖެހޭ ހާލަތްތަކުގައި އެކަން ވެސް ކުރާނެ ކަމަށެވެ.