09 May 2019, 14:07
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެެއްގައި ރޫމޭނިއާއަށް ވަޑައިގެންފިއެވެ.
އެ ދަތުރުގައި ޝާހިދުގެ އަރިހުގައި ފޮރިން މިނިސްޓްރިގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު އާއި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ފާތުމަތު ރަޒާނާ ބައިވެރިވެވަޑައިގަންނަވަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ ރުމޭނިއާގެ ފޮރިން މިނިސްޓަރު ތިއޮޑޯ މެލެސްކާނޯގެ ދަޢުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. އަދި އެ ދަތުރުގައި ރުމޭނީއާގެ ޚާރިޖީ ވަޒީރު މެލެސްކާނޯއާއި ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރުމަށް ހަމެޖެހިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެެ.
ފޮރިން މިނިސްޓްރީން ބުނީ އެ ދަތުރުގައި ރުމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރު އަނާ ބާޗޯލްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އެ ދަތުރުގައި ރުމޭނިއާ ސަރުކާރުގެ އިސް އެހެން ބައެއް ބޭފުޅުންނާއިއެކު އެޤައުމުގެ ވެރިރަށް ބުކަރެސްޓްގައި ބައްދަލުކުރައްވައި، ދެޤައުމުގެ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން އެބޭފުޅުންނާއިއެކު، އަބްދުﷲ ޝާހިދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޝާހިދު ރޫމޭނިއާއަށް ވަޑައިގެންނެވީ ލަންކާއަށް ކުރެެއްވި ދަތުރަށްފަހު އެވެ. އެ ދަތުރުގައި ލަންކާއިން ދިވެހިންނަށް ދޭ ވިސާއިން ލުއިގޮތްތަކެއް ހޯދުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.