21 Oct 2011, 00:38
ަގިނަ އަދަދެއްގެ ކުޑަކުދިންތަކަކާއެކު ޖިންސީ ގުޅުން ހިނގި ގ. ވޭރުގޭ ހުސެއިން ފަޒީލުގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކުގެ ތެރެއިން ޖިނާއީ ކޯޓުން ސާބިތުނުވާ ކަމަށް ކަނޑައެޅި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ބަނގުރާ ބުއިމުގެ ދައުވާ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ދެކުށް ވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، ފަސް އަހަރަށް ޖަލަށް ލުމަށް މިއަދު ހުކުމްކޮށްފި އެވެ.
ފަޒީލުގެ މައްޗަށް ކުރިން ސާބިތުވެފައި ވަނީ ކުޑަކުދިންތަކަކާ އެކު ހުތުރުކަން ބޮޑު ބަދުއަހުލާގީ އަމަލު ގަދަކަމުން ހިންގުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ އެވެ. އެ ދެ މައްސަލާގައި އޭނާގެ މައްޗަށް ހުކުމްކުރީ 39 އެތިފަހަރުން ތައުޒީރުކޮށް ހަ އަހަރަށް ޖަލަށްލުމަށެވެ.
މިއަދު ކޯޓުން ފަޒީލުގެ މައްޗަށް ހުކުމްކޮށްފައިވަނީ އޭނާ ބަނގުރާ ބޮއެފައިވާކަން ޝަރީއަތަށް ސާބިތުވާތީ ދެ އަހަރަށް ޖަލަށް ލުމަށެވެ. އަދި 40 އެތިފަހަރުން ހައްދު ޖަހުމަށެވެ.
އަދި ކުރިން ސާބިތު ނުވި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެކުށުގެ އުގޫބާތެއްގެ ގޮތުން ތިން އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމްކޮށްފައިވެ އެވެ.
ބަނގުރާ ބުއިމުގެ މައްސަލަ ބެއްލެވުމަށްފަހު ހައިކޯޓުން ކުރި ހުކުމްގައި ބުނަނީ، ފަޒީލު ދިރިއުޅޭ ކޮޓަރި ހ. ފަރިދުވެލި ގޭގެ ކޮޓަރިތެރޭގައި އިތުރު ބަޔަކާއެކު ބަނގުރާ ބޮއެފަވާ ކަމަށް ތަކުރާރުކޮށް ބުނެ، އެކުށުގެ އަދަބު ލިބިގަތުމަށް އެދިފައިވާތީ އޭނާގެ އިއުތިރާފުން އެ މައްސަލަ ސާބިތުވާ ކަމަށެވެ. އަދި މިއީ ފަޒީލުގެ މައްޗަށް ބަނގުރާ ބުއިމުގެ ކުށް ސާބިތުވި ދެ ވަނަ ފަހަރު ކަމުން އޭނާ ގައިގައި 40 އެތިފަހަރުން ހައްދު ޖެހުމަށާއި ދެ އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށް، ޖިނާއީ ކޯޓުން އެ މައްސަލާގައި ކުރިން ކުރި ހުކުމް ބާތިލުކުރާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
އޮރިޔާން ކާޑު ގެންގުޅުނު ކަމަށް ވެސް ފަޒީލު އިއުތިރާވެފައިވާތީ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
"އަދި އެފަދަ އަމަލުތައް ކުރެވުނީތީ މިހާރު ހިތާމަކުރާ ކަމަށާއި، ބޭނުންވަނީ އެކުށަށް ކަނޑައެޅިފައިވާ އަދަބު ލިބިގަތުމަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ތަކުރާރުކޮށް ހުސެއިން ފަޒީލު ބުނެފައިވާކަން ފާހަގަކުރެވެ އެވެ،" ހައިކޯޓުގެ ހުކުމްގައިވެ އެވެ.
އެހެންކަމުން، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއަށް ސިވިލް ކޯޓުގައި އޭނާ އިންކާރުކޮށްފައިވިޔަސް، ހައިކޯޓުގައި އޭނާ އެކުށަށް އިއުތިރާފުވެފައިވާތީ އެ މައްސަލާގައި ފަޒީލް ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅައި، ތން އަހަރަށް ޖަލަށް ލާންކުރުމްކުރީ ކަމަށް ވެސް ހުކުމްގައިވެ އެވެ. އަދި އެ މައްސަލާގައި ދަށު ކޯޓުން އިއްވި ހުކުމް ބާތިލްކުރި އެވެ.