09 May 2019, 13:11
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަގުރީރު ކުރައްވާ ގޮތަށް މި އަހަރުގެ ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ ފުރަތަމަ ޖަލްސާ މިރޭ ބާއްވަން ހަމަޖައްސައިފި އެވެ.
ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމު ފެށީ ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގަ އެވެ. އެފަހުން އައި ރައީސުންގެ ދައުރުތަކުގައިވެސް އެ ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި އެ ޖަލްސާތަކުގައި އެމަނިކުފާނު ވާހަކަފުޅުވެސް ދައްކަވާފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި، މިރޭ އިސްލާމީ މަރުކަޒުގައި އޮންނަ ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޖަލްސާގައި ދީނީ ދަރުސް ދެއްވާނީ މައުމޫން އެވެ.
މިއީ މިދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި އެމަނިކުފާނު އިހްޔާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވާ ފުރަތަމަ ފަހަރެވެ. އެފަދަ ޖަލްސާއެއްގައި އެމަނިކުފާނު އެންމެ ފަހުން ވާހަކަފުޅު ދެއްކެވީ 2014 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގަ އެވެ.
ރައީސް މައުމޫންގެ ވެރިކަން ނިމުމަށް ފަހު، "މައުމޫން ފައުންޑޭޝަން" އިން ވަކިން އިހްޔާ ޖަލްސާތައް ބާއްވަން ފެށިއެވެ. މި އަހަރުވެސް އެ ފައުންޑޭޝަނުން އެ ޖަލްސާތައް ބާއްވާނެއެވެ. އެ ފައުންޑޭޝަންގެ ޖަލްސާތައް އޮންނާނީ މި މަހުގެ 14، 21 އަދި 28 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގަ އެވެ.
މި ރޯދަ މަހު އިސްލާމިކް މިނިސްޓްރީއިން ބާއްވާ އިހްޔާ ކުރުމުގެ ޖަލްސާތައް އޮންނާނީ ކޮންމެ ހޯމަ ދުވަހުގެ ރެ އާއި ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.
ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމަކީ ދީނީ ގޮތުން މީހުން ހޭލުންތެރި ކުރުމަށްޓަކައި ފެއްޓި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ފެއްޓެވީ 1980 ވަނަ އަހަރުގެ ރޯދަ މަހު އެވެ.