09 May 2019, 12:00
ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) އިން އިންތިޒާމް ކޮށްގެން ބާއްވާ، "ސާކް ފިލްމު ފެސްޓިވަލް 2019" ބާއްވާ ތާރީހް ފަސްކޮށްފި އެވެ.
އެ ފެސްޓިވަލް އިންތިޒާމްކުރާ ސާކް ކަލްޗްރަލް ސެންޓަރުން ބުނީ ފިލްމް ފެސްޓިވަލް ފަސްކުރީ ސްރީލަންކާއަށް ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެވެ.
ކުރިން އެ ފެސްޓިވަލް ބާއްވަން އޮތީ މިމަހު ހަތަކުން ނުވަޔަކަށް ނަމަވެސް، މިހާރު އެ ފެސްޓިވަލް ބޭއްވުމަށް ނިންމާފައި އޮތީ ޖުލައި ދޭކުން ހަތަކަަށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގަ އެވެ.
އެ ފިލްމު ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތު މިދިޔަ މާޗް މަހު ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން އޮތީ ހުޅުވާވެސްލައިފަ އެވެ.
އެންސީއޭ އިން ބުނީ މި ފަހަރުގެ ސާކް ފިލްމު ފެސްޓިވަލް ގައި ކުރު ދެ ފިލްމު އަދި ދެ ފީޗާ ފިލްމު އަދި އެއް މާސްޓާ ފިލްމު ބައިވެރިކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަަށެވެ.
އެ ފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އެހެނިހެން އާޓިސްޓުންގެ ތެރެއިން ގިނަވެގެން ހަތަރު ފަރާތަކުން ބައިވެރިވެވޭނެ ކަމަށް އެންސީއޭއިން ބުނެ އެވެ.
މިއީ މެދު ނުކެނޑި ސާކް ފިލްމު ފެސްޓިވަލް ބާއްވަމުން އަންނަތާ ނުވަ ވަނަ ފަހަރެވެ. މީގެ ކުރިންވެސް އެ ފިލްމު ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިވެފައިވާއިރު، ރާއްޖޭގެ ފިލްމުތަކަށް އެވޯޑް ލިބިފައިވެއެވެ.