20 Oct 2011, 22:49
ރާމަﷲ (އޮކްޓޯބަރ 20) : އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމުގެ ވަގުތު ނާންނަކަމަށް ފަލަސްތީނުގެ ބޮޑުވަޒީރު ސަލާމް ފައްޔާޒް ވިދާޅުވެއްޖެވެ.
ފަލަސްތީނުގެ ޙައްޤުތަކަށް މަސައްކަތްކުރާ އަދި އިސްރާއީލުގެ އިސްތިޢްމާރާއި އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ޖެހިފައިވާ ގިލަންވެރިކަމާއި މުސީބާތަށް ހަމްދަރްދީވާ އެމެރިކާގެ ޖަމާއަތެއްގެ ބަޔަކާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ސުލްޙައިގެ ވާހަކަތައް އަލުން ފެށުމުގެ ރޫޙާއި އެކަމުގެ އެންވަޔަރަންމަންޓް މިވަގުތު ނެތްކަމަށާއި ސުލްޙައިގެ ވާހަކަތަކުން ނަތީޖާއެއް ނެރުމުގެ ވިސްނުމެއް އިސްރާއީލުގެ ކިބާގައި ނެތްކަމުގައެވެ.
1967 ގެ ހަނގުރާމައިގާ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފޭބުމާއި އެބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް އެދައުލަތަށް އިސްރާއީލު އިޢްތިރާފް ވުމުގެ އަސާސްގެ މަތިންނޫނީ ސުލްހައިގެ ވާހަކަތައް ފެށުން ވެގެންދާނީ މިސްރާބެއްނެތް އަދި ނަތީޖާ ނުނެރެވޭ ވަގުތު ބޭކާރުކުރާ ވާހަކަތަކެއް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. ފަލަސްތީނުންވަނީ ހިފާފައިވާ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމުގެ މަޤްސަދްގައި އެބިންތަކުގައި އިސްރާއީލު ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރިކުރުވުމުގެ ޣައިރު ޤާނޫނީ މަޝްރޫޢު ހުއްޓާލުމުން ނޫނީ ސުލްޙައިގެ ވާހަކަތައް އަލުން ނުފެށުމަށް ނިންމާފައެވެ.
އިސްރާއީލުންވަނީ ޔަހޫދީން ވަޒަންވެރިކުރުވުމުގެ ޣައިރު ޤާނޫނީ މަޝްރޫޢު ހުއްޓާލުމަށް ދެކޮޅު ހަދާފައެވެ. އަދި ޝަރުތަކާނުލައި އަދި ވަކިއަސާސެއްގެ މައްޗަށް ބިނާނުކުރާ ސުލްޙައިގެ ވާހަކަތަކެއް ފެށުމަށް އިސްރާއީލުން ގެންދަނީ ފަލަސްތީނަށް ގޮވާލަމުންނެވެ. ނަމަވެސް ފަލަސްތީނުން މިކަމަށް ދެކޮޅުހަދާތީ ސުލްޙައިގެ ވާހަކަތައް އަންނަމަހުގެ ތެރޭގައި އަލުން ފެށުމަށް ސުލްޙައާބެހޭ ހަތަރު ފަރާތުގެ ކޮމިޓީން ކުރަމުން ގެންދާ މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. -- އަލްޖަޒީރާ