10 Jun 2010, 15:09
19:00
ސަރުކާރުން މަސައްކަތް ކުރަނީ ތިމާވެށްޓަށް ވީހާވެސް ނުރައްކާތެރިކަން ކުޑަގޮތެއްގައި ތަރައްޤީގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ފިނިކުރުމަށް ބޭނުންކުރާ ހައިޑްރޯކްލޯރޯފްލޯރޯ ކާބަން ބޭނުންކުރުން ހުއްޓުމަށް މެނޭޖްމަންޓް ޕްލޭނެއް ހެދުމަށްޓަކައި މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިޒޯޓްގައި އޮތް ވަށްމޭޒު ބައްދަލުވުން އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޮންޓްރިއޯލް ޕްރޮޓޮކޯލްގެ ދަށުން ހައިޑްރޯކްލޯރޯފްލޯރޯ ކާބަން ބޭނުންކުރުން ހުއްޓުމަށް ކަނޑައެޅިފައި ވަނީ 2030 ގެ ނިޔަލަށް ކަމުގައި ވީނަމަވެސް، ރާއްޖެއިން މިކަން ކުރުމަށް ކަނޑައަޅާފައި މިވަނީ 2020ގެ ނިޔަލަށްކަން ފާހަގަކުރެއްވި އެވެ. އަދި މިއީ، ރާއްޖޭގެ ކާބަން ނިއުޓްރަލް ސިޔާސަތާ އެއްގޮތަށް ކުރެވޭ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިކަމުގައި އެހެން ޤައުމުތަކުންވެސް 2030 އާ ހަމައަށް މަޑުނުކޮށް މަސައްކަތް ކުރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވި އެވެ.
ރާއްޖެއަށް ބައެއް ފަހަރު ވަރަށް ހޫނުގަދަވާކަން ފާހަގަކުރައްވަމުން، އައިސްއަލަމާރިއާއި އެއަރކޮންޑިޝަން ފަދަ ފިނިކުރާ ވަސީލަތްތަކަކީ ރާއްޖެއަށް ވަރަށް ބޭނުންތެރި ތަކެތި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެންނަމަވެސް، މިތަކެއްޗަށް އަޅާ ގޭހަކީ ތިމާވެށްޓާ ރަޙްމަތްތެރި އެއްޗަކަށް ހެދިދާނެ ކަމަށާއި، މިކަމުގެ ޓެކްނޮލޮޖީވެސް އެބަހުރި ކަމުގައި ވިދާޅުވި އެވެ. އަދި، ތިމާވެށްޓާ ރަޙްމަތްތެރި ވަސީލަތްތައް ބޭނުންކުރި ކަމުގައިވިޔަސް ތަރައްޤީއަށް ބުރޫއަރާކަށް ނުޖޭހެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކްލޯރޯފްލޯރޯ ކާބަން އިން ލިބޭ ގެއްލުންތަކާއި، އޯޒޯން ފަށަލަ ތުނިވަމުންދާކަމާއި އަދި ތިމާވެށްޓާ ގުޅުންހުރި މައްސަލަތަކާ މެދު ސަމާލުވުމަށް ކުރީ ސަރުކާރުން އަދި ވަކިން ޚާއްޞަކޮށް ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި، މަލްޓިލެޓަރަލް ފަންޑާއި، ޔުނެޕާއި އަދި ޔޫ.އެން.ޑީ.ޕީ.އިން ރާއްޖޭގައި ހައިޑްރޯކްލޯރޯފްލޯރޯ ކާބަން ބޭނުންކުރުން ހުއްޓުމުގެ މެނޭޖްމަންޓް ޕްލޭނަށް ދެއްވާ ތަރުޙީބާއި އެހީތެރި ކަމަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ހަނދާނީ ފިލައެއް އެ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.