09 May 2019, 11:02
"ވަދީދާ! އަހަރެން މުޅި ދުވަހު މި ހޯދަނީ ތިބާ! ކީއް ތި ކުރަނީ؟" ސަލްމާ ބުންޏެވެ.
"ސާހިބާއަށް ފެނިވަޑައިގަންނަވާ ނޫން ތޯ؟" ވަދީދާ ވަރަށް ދެރަވެފައި ހުރެ ބުންޏެވެ.
"ބައްޕަ ވިދާޅުވި އެއްޗަކާ މެދު ނުރުހިފަތަ އަދިވެސް ތިހިރީ؟" ސަލްމާ ސުވާލު ކުރިއެވެ.
"އަޅުގަނޑު އެއްފަދަ ކުރެއްވީ ނޫޙުގެފާނުގެ އަންހެންކަމަނާއާ ވިއްޔާ!" ވަދީދާ ބުންޏެވެ.
"ތިބާއަށް އެނގޭތަ ނޫޙުގެފާނުގެ އަންހެންކަމަނާގެ ވާހަކަ؟" ސަލްމާ ސުވާލު ކުރިއެވެ.
"ނޫން." ވަދީދާ ޖަވާބު ދިނެވެ.
"އެހެން ވިއްޔާ ކީއްވެ ރުޅި އަންނާން ވީ؟" ސަލްމާ ސުވާލު ކުރިއެވެ.
"އެއީ ހެޔޮ އަންހެން ސާހިބެއް ތޯ؟" ވަދީދާ ސުވާލު ކުރިއެވެ.
"އެއީ ޞާލިޙު މީހެއްގެ ގޮތުގައި އަހަންނަކަށް ސިފަ ކޮށެއް ނުދެވޭނެ." ސަލްމާ ޖަވާބު ދިނެވެ.
"އެހެންވީމާ އެނގިވަޑައިގަންނަވާ ނޫންތޯ؟ އެއީ ހަމަ ނުބައި ނުލަފާ އަންހެނެއް." ވަދީދާ ބުންޏެވެ.
"ފުރަތަމަ ކޮޅުގައި އޭނާ ހުރީ އޭނާގެ ފިރިކަލުން އަދި ﷲ ގެ ނަބިއްޔާ ނޫޙުގެފާނުގެ ދަޢުވަތަށް ކާފިރުވެގެން. ޢަދުއްވުންނަށް އެކަލޭގެފާނުގެ ޒާތީ ޚަބަރުފުޅުައް ގެންގޮސްދީ ހެދީ. އަދި ނޫޙުގެފާނާ ތަބާވާ މީހުންނާ ދެކޮޅަށް ރޭވުންތައް ރޭވުމުގައި." ސަލްމާ ބުންޏެވެ.
"ތިޔަށް ވުރެ ވަކީން ނުބައިކަން ބޮޑު ކަމަކީ ކޮބައިތޯ؟" ވަދީދާ ސުވާލު ކުރިއެވެ.
"ވާހަކަ އެއްކޮށް އެނގޭން ދެން އިންތިޒާރު ކުރަމާ! ކަންކަމަށް ހުކުމް ކަނޑައެޅުމުގައި އަވަސް އަރުވާލައިގެން ނުވާނެ." ސަލްމާ ބުންޏެވެ.
*****
- ނުނިމޭ -