20 Oct 2011, 22:39
މިސްރާތާ (އޮކްޓޯބަރ 20) : ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީ، އޭނާގެ އުފަންރަށް ކަމަށްވާ ސިރްތުގައި މިއަދު އަވަހާރަކޮށްލުމާއެކު 42 އަހަރުވީ އޭނާގެ ވެރިކަން މުޅިން ނިމުމަކަށް އަތުވެއްޖެކަމަށް ލީބިޔާގައި މިހާރު ވެރިކަންކުރާ އިންތިޤާލީ މަޖިލީހުން ބުނެފިއެވެ.
ގައްޒާފީ އަވަހާރަވިކަން ކަށަވަރުކޮށްދެއްވަމުން އިންތިޤާލީ މަޖިލީހުގެ ދިފާޢީ ވަޒީރު ޖަލާލްއައްދުޣައިލީ ވިދާޅުވީ ގައްޒާފީ އަވަހާރަވީ އޭނާއަށް ވަފާތެރި ސިފައިންނާއި ލީބިޔާގެ އިންތިޤާލީ މަޖިލީހަށް ނިސްބަތްވާ ހަނގުރާމަވެރިންނާ ދެމެދު ސިރްތުގައި ހިނގި ކުރިމަތިލުންތަކެއްގައި ގައްޒާފީގެ އިސްތަށިފުޅަށާއި ބަޑަށް އެރި ވަޒަންތަކާއެކު ލިބުނު ޒަޚަމްތަކުގެ ސަބަބުން ކަމުގައެވެ. ގައްޒާފީގެ މަރަކީ އަނިޔާވެރިންނަށްހުރި ޢިބްރަތެއް ކަމަށާއި ގައްޒާފީގެ މަރާއެކު "އޭނާގެ ޚުދުމުޚްތާރު ވެރިކަމުން ލީބިޔާ ރައްޔިތުން މިނިވަންވެއްޖެ" ކަމަށްވެސް ޖަލާލްއައްދުޣައިލީ ވިދާޅުވިއެވެ.
ގައްޒާފީ އަތުލައިގަތް ލީބިޔާގެ ހަނގުރާމަވެރިން ބުނިގޮތުގައި އޭނާ ހައްޔަރުކުރީ ސިރްތުގައިވާ ކޮންކްރީޓް ހޮޅިތަކެއްގެ ތެރޭގައި ފިއްލަވައިގެން ހުންނަވަނިކޮށެވެ. ހައްޔަރު ކުރަން އުޅުމުން ގަދަކަން ދައްކަވަން ނޫޅުއްވާ ކަމަށާއި އަނިޔާނުކުރުމަށާއި މަރާނުލުމަށްއެދި ގައްޒާފީ އާދޭސް ކުރެއްވި ކަމަށެވެ. ހައްޔަރުކުރިއިރު ގައްޒާފީގެ އެއްފައި ޒަޚަމްވެފައިވީ ނަމަވެސް ހިންގެވޭ އަދި ވާހަކަދެއްކެވޭ ޙާލަތުގައި ގައްޒާފީ ހުންނެވި ކަމުގައެވެ. ގައްޒާފީ އަވަހާރަވީ އޭނާ ހައްޔަރުކޮށްގެން ހަނގުރާމަވެރިންގެ ގާތަށް ގެންދިޔުމަށްފަހު ބަދަލުކުރެވުނު ބަޑީގެ ޙަމަލާތަކެއްގައި އިސްތަށިފުޅަށާއި ބަނޑަށް ވަޒަންތަކެއް އަރައި ވަރަށް ބޮޑަށް ލޭއައިސް ލެއިން ހަށިކޮޅު ތަތްތެޅިފައިވާ ޙާލަތުގައި ޕިކަޕަކަށްލައިގެން މިސްރާތާގެ ހޮސްޕިޓަލަކަށް ގެންދިޔުމުގެ މަގުމަތީގައި ކަމަށްވެސް ގައްޒާފީ ހައްޔަރުކުރި ލީބިޔާގެ ހަނގުރާމަވެރިން ބުނެއެވެ.
ގައްޒާފީ ހައްޔަރު ކުރުމަށްފަހު އޭނާ ގަދަކަން ނުދައްކަވަނީސް ބަޑީގެ ޙަމަލާތަކެއް ބަދަލުކުރަން ދިމާވި ސަބަބުވަނީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ. ހަނގުރާމަވެރިން ބުނާގޮތުން މިހެންދިމާވީ ގައްޒާފީއަށް ވަފާތެރި ސިފައިންގެ ބަޔަކު ތަންކޮޅެއް ދުރުގައި ތިބެފައި ދިން ބަޑީގެ ޙަމަލާތަކަކަށް ހަނގުރާމަވެރިންވެސް ބަޑިން ރައްދު ދިނުމުންނެވެ. ނަމަވެސް މިކަމުގައި އޮޅުންބޮޅުންތަކެއް ހުރިއިރު އެވަގުތު ސިރްތުން ބޭރަށްދިޔަ ވެހިކަލްތަކަކަށް ނޭޓޯއިން ބޮންއަޅާފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ.
ގައްޒާފީ ހައްޔަރުކުރިއިރު އޭނާގެ އަރިހުގައި ބޮޑީ ގާޑަކު ހުރިކަމަށް ބައެއް ހަނގުރާމަވެރިން ބުނާއިރު އަނެއްބައި ހަނގުރާމަވެރިން ބުނަނީ އެވަގުތު އެތާގައި އޮތީ ބޮޑީގާޑުގެ މަރުވެފައިވާ ހަށިގަނޑު ކަމުގައެވެ. ހައްޔަރުކުރިއިރު ދެފިސްތޯލައަކާއި ބަޑިއެއްގެ އިތުރުން ތަވީދެއްފަދަ އެއްޗެއް ގަައްޒާފީގެ އަތްޕުޅުގައި އޮތް ކަމަށްވެސް ހަނގުރާމަވެރިން ބުނެއެވެ.
އަނެއްބައި ރިޕޯޓްތައް ބުނާގޮތުން މީގެ ދެދުވަހެއް ކުރިން ގައްޒާފީވަނީ ހަނގުރާމަވެރިންގެ އަތްދަށުގައި ހައްޔަރުވެފައެވެ. ގައްޒާފީ ހޮޅިއެއްގެ ތެރެއަށް ލުމަށްފަހު އެތަނުން އޭނާ ނެރޭތަން ދެއްކީ ހަނގުރާމަވެރިން އޭނާއަށް އިހާނާތް ކުރުމުގެ ގޮތުންނެވެ. މިކަން ކުރީ ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިން ހައްޔަރުކުރި ކަމަށް އެމެރިކާ ބުނާގޮތް ހިތަށް ސިފަވެގެންދާ ގޮތަށް ކަމަށާއި މިކަމުގެ ބޭނުމަކީ ގައްޒާފީ ނިކަމެތި ކޮށްލުން ކަމަށްވެސް މިރިޕޯޓްތައް ބުނެއެވެ. ގައްޒާފީ ހައްޔަރުކޮށްގެން ހަނގުރާމަވެރިންގެ ގާތަށް ގެންދިޔުމަށްފަހު ދެއްކި ބަޑީގެ ހަމަލާތަކެއް ބަދަލުކުރިކަމުގެ މަންޒަރަކީ ގައްޒާފީ އަވަހާރަ ކޮށްލުމުގެ ބޭނުމުގައި އޭނާގެ ގަޔަށް ބަޑިޖެހުމަށް މަގުފަހިކުރުމުގެ ގޮތުން ހަނގުރާމަވެރިން ދައްކާލި ޑްރާމާ މަންޒަރެއް ކަމަށްވެސް މިދެންނެވި ރިޕޯޓްތައް ބުނެއެވެ.
ގައްޒާފީގެ މަރުވެފައިވާ ހަށިގަނޑު ޕިކަޕަކަށް ލައިގެން އެންމެ ފުރަތަމަ ގެންދިޔައީ ސިރްތުގެ ކައިރީގައިވާ މިސްރާތާގެ މިސްކަތަކަށެވެ. އެއަށްފަހު އެރަށުގެ ހޮސްޕިޓަލެއްގައި ގައްޒާފީގެ ހަށިގަނޑު ބާއްވައިގެން ލީބިޔާގެ ފޮރިންސިކް ޑޮކްޓަރުން އޭނާގެ ޑީ.އެން.އޭ. ޓެސްޓް ހަދައި މަރުވެފައިވާ ހަށިގަނޑަކީ ގައްޒާފީކަން ކަށަވަރުކުރުމަށް ބޭނުންވާ ސާމްޕަލްތައް ނެގުމުގެ އިތުރުން ގައްޒާފީގެ މަރުގެ ރިޕޯޓް ތައްޔާރުކުރި ކަމަށް ޚަބަރު ލިބެއެވެ.
ގައްޒާފީގެ ހަށިކޮޅު އަދި އޮތް ކަމަށްވަނީ މިސްރާތާގެ ހޮސްޕިޓަލެއްގައެވެ. އޭނާ ފަސްދާނުލުމަށް ޚިޔާލުކޮށްފައިވަނީ ލީބިޔާގެ މީހުންނޫޅޭ ދުރު ހިސާބެއްގައި ހަނަފަސް ސަހަރާގެ ތެރޭގައި ކަމަށް ހަނގުރާމަވެރިންގެ ބައެއް ކޮމާންޑަރުންވަނީ އިޝާރާތް ކުރައްވާފައެވެ. ގައްޒާފީގެ އިތުރުން އޭނާގެ ސަރުކާރުގެ ދިފާޢީ ވަޒީރު ޖެނެރަލް އަބޫބަކުރު ޔޫނުސް ޖާބިރުވެސް ސިރްތުގައި މިއަދުވަނީ އަވަހާރަކޮށްލާފައެވެ. އަދި ގައްޒާފީގެ ދަރިކަލެއް ކަމަށްވާ މުޢްތަސިމް ގައްޒާފީވެސް އަވަހާރަކޮށްލި ކަމުގެ ކަށަވަރުނުވާ ޚަބަރުތަކެއްވެސް ފެތުރިފައިވެއެވެ.
ގައްޒާފީގެ މަރާ ގުޅިގެން ލީބިޔާގެ ރައްޔިތުން ގެންދަނީ އުފާފާޅު ކުރަމުންނެވެ. އަދި އޭނާއަށް ކުރިން ވާގިވެރިވި އެމެރިކާއާއި ޔޫރަޕްގެ ސަރުކާރުތަކުންވެސް ގެންދަނީ ގައްޒާފީގެ ނެތިދިޔުމުން އުފާކުރާކަން ދޭހަވާފަދަ ބަޔާންތައް ދެމުންނެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންވެސްވަނީ ގައްޒާފީގެ މަރަކީ ލީބިޔާގެ ރައްޔިތުން ފެށި ތާރީޚީ އައު މަރްޙަލާއެއް ކަމަށް ސިފަކުރައްވާފައެވެ.
ކާރނަލް މުޢައްމަރުލްގައްޒާފީ އުފަންވެ ވަޑައިގަތީ 1942 ގައެވެ. މަތީ ތައްލީމް ޙާސިލް ކުރެއްވީ ލީބިޔާގެ ޢަސްކަރީ އެކަޑަމީންނާއި އިނގިރޭސިވިލާތުންނެވެ. ގައްޒާފީ ލީބިޔާގެ ވެރިކަން ހޯއްދެވީ ޢަސްކަރީ އިންޤިލާބަކުން 1969 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހުއެވެ. -- އަލްޖަޒީރާ