08 May 2019, 22:38
ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު އެގައުމުގެ ވިސާގެ އުސޫލުތަކަށް ބަދަލުގެނައި ނަމަވެސް ދިވެހިންނަށް ދޭ ވިސާއިން ލުއިގޮތްތަކެއް ހޯދުމަށް މަޝްވަރާކޮށްފިއެވެ.
ރަސްމީ ދަތުރެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިވަގުތު ހުންނެވީ ސްރީލަންކާގައެވެ.
ޝާހިދު މިއަދު ވަނީ ލަންކާގެ ހާރިޖީ ވަޒީރު ވަޖިރަ އަބޭވަރުދަނައާ ބައްދަލުކުރައްވައި ވިސާއަށް ގެނެސްފައިވާ ބައްދަލުވުންތަކޭ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
ޝާހިދު ވިދާޅުވީ އެ ބައްދަލުވުމުގައި ދިވެހިންނަށް ވިސާއިން ލުއިގޮތްތަކެއް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެންނެވި ކަމަށެވެ.
ޝާހިދުގެ ދަތުުރުގައި ވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގައާއި ޕާލިމެންޓް މެމްބަރުންނާއި އަދި އިދިކޮޅު ލީޑަރު ރައީސް މަހިންދަ ރާޖަޕަކްސައާ ވަނީ ބައްދަލުކުރައްވައި ދާދިފަހުން އެގައުމަަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ތައުޒިއާ ދަންނަވައިފައެވެ.
ސްރީލަންކާގައި ދިރިއުޅުމުގެ ވިސާ ނުވަތަ ރެސިޑެންސް ވިސާ އަލަށް ނަގާނަމަ، އެ މީހަކު ނިސްބަތްވާ ގައުމެއްގައި ހުންނަ ލަންކާ އެމްބަސީއަށް ހުށަހަޅައި، ވިސާ ހަމަޖެހިގެން އެ ގައުމަށް އެތެރެވާން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
މިއީ އެ ގައުމަށް މިފަހުން ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު ސަލާމަތީ ގޮތުން އެޅި ފިޔަވަޅެކެވެ.
ދިވެހިންގެ އެތައްހާސް ބަޔަކު އެ ގައުމުގައި ދިރިއުޅޭ އިރު އެ ގައުމަށް އަލަށް ދިރިއުޅުން ބަދަލު ކުރާ ގިނަ ދިވެހިން މިހާރު ރެސިޑެންސް ވިސާ ނަގަނީ އޮން އެރައިވަލް ވިސާގައި އެ ގައުމަށް އެތެރެވުމަށް ފަހުއެވެ. އެ ލުއި މީގެ ކުރިން ވަނީ ދީފައެވެ.