ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ލަންކާާގެ ހަތަރު މަސްބޯޓާ އެ ބޯޓުތަކުގައި ތިބި މަސްވެރިންތައް ދޫކޮށްލަން ނިންމައިފިއެވެ.

ލަންކާގެ ކުރީގެ ރައީސް މަހެންދުރަ ރާޖަޕަކްސާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބޯޓުތަކާ މަސްވެރިންތައް ދޫކޮށްލަން ނިންމައިފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިހާރު ރަސްމީ ދަތުރުފުޅެއްގައި ހުންނެވީ ސްރީލަންކާގައެވެ. އެ ދަތުރު ފުޅުގައި ޝާހިދު ވަނީ ރާޖަޕަކްސާއާވެސް ބައްދަލުކުރައްވައިފައެވެ.

"ލަންކާއަށް ދިން ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ރައްޔިތުންގެ ފަރާތުން ޝާހިދު ވަނީ ތައުޒިއާވެސް ދަންނަވައިފައި" ރާޖަޕަކްސާގެ ޓުވީޓުގައި ވެއެެވެ.

ލަންކާގެ ބޯޓުތައް ދޭތެރެ ދޭތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން އެތައް ފަހަރަކު ވަނީ ހިފަހައްޓައިފައެވެ. އެގޮތުން މިދިޔަ މާޗް މަހު ވަނީ ލަންކާގެ ހަތަރު މަސް ބޯޓެއް ހއ. ކެލަޔާ ދިމާ ބޭރުން ހިފަހައްޓައިފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ މަސް ބޯޓުތައް ދޭތެރެއިން އެމްއެންޑީއެފް އަތުލައިގަނެއެވެ.