09 May 2019, 08:43
ރޯދަމަސް ފެށި ފުރަތަމަ ހުކުރުދުވަހަށް ތައްޔާރުވާއިރު ގައިމުވެސް މާދަމާ ތައްޔާރުކޮށްލަން އެންމެ ކަމުދާނެ އެއްބާވަތަކީ ކަނޑުކުކުޅެވެ.
ތަފާތު އެތައް ނަމެއް ކިޔާ، އެތައް ގޮތަކަށް ތައްޔާރުކުރެވުނު ނަމަވެސް ދިވެހި ކަނޑުމަހުގައި ހަވާދު ހާކައިގެން ތައްޔާރުކުރެވޭ، ދިވެހި މި ރިހައަކީ ހަމަ އެއްވަނަ އެވެ.
@mykitchenstorymv ގެ ވެރިޔާ ޝައުފާ މިއަދު މި ދައްކާލަދެނީ އޭނާ ކަނޑުކުކުޅު ތައްޔާރުކުރާ ގޮތެވެ.
ބޭނުންވާ ތަކެތި
- 100 ގްރާމް އައްޑޫ ހަވާދު
- 1/2 ކަނޑު މަސް (އެއް ކިބަ)
- 2 ފިޔާ ތުނިކޮށް ކޮށާފައި
- 4 ލޮނުމެދު
- 1/2 ސައި ސަމްސާ އިނގުރު ޕޭސްޓް
- ގިތެޔޮ މިރުސް
- 3 ބިލިމަގު
- ފޮނިތޮށިކޮޅެއް
- ކާފުރުތޮޅި
- 3 ކަރަންފޫ
- 1 ޖޯޑު ކާށިކިރު
- 1/2 ޖޯޑު ކާށިކިރު ކްރީމް
- 2 ދިގު ރާނބާފަތް
- ހިކަނދި ފަތް
- ލޮނު
- ތެޔޮ
ތައްޔާރުކުރާނެ ގޮތް
ހަވާދުކޮޅުގެ ދެބައި ކުޅައެއްބައި ނެގުމަށްފަހު ކުޑަ ލޮނުކޮޅެއް އަޅާލާށެވެ. އަދި މަސް ކިބައިން ތުނި ހަ އެތިކޮޅު ކޮށާލާށެވެ--ކޮންމެ އެތިކޮޅެއްގައި ގާތްގަނޑަކަށް ތިނެއް ނުވަތަ ހަތަރު އިންޗި ހުރުމުން ރަނގަޅުވާނެއެވެ. ސްވިސް ރޯލެއް ގޮތަށް މަހުގެ އެތެރެއިން ކަފާލުމަށްފަހު ލޮނާއި އެކު ތައްޔާރުކުރި ހަވާދު ކޮޅު ރީއްޗަށް މަހުގައި ހާކާލާށެވެ. އެއަށްފަހު މަސް ރޯލްކޮށްލާށެވެ. އަދި ރާނބާފަތުގެ ހިމަ އެތިކޮޅަކުން އައްސާލާށެވެ. މެރިނޭޓްކުރުމަށް ފްރިޖުގައި އިރުކޮޅަކު ބަހައްޓަންވާނެއެވެ.
އެއަށްފަހު ހޫނު ތެއްޔަކަށް ތެޔޮކޮޅެއް އެޅުމަށްފަހު ފިޔާ، ލޮނުމެދު، އިނގުރު، ފޮނިތޮށި، ކާފޫރުތޮޅި އަދި ކަރަންފޫ އަޅާލާށެވެ. އަދި ހިކަނދިފަތްކޮޅާއި ރާނބާފަތްކޮޅުވެސް އަޅާ މަޑު ގިނީގައި ފިޔާ މީރުކޮށްލާށެވެ. އަދި މި ފިޔާކޮޅުގެ 1 މޭޒުމަތީ ސަމްސާ ނެގުމަށްފަހު ކާށިކިރު ކްރީމްކޮޅުގެ ތެރެއަށް އަޅާ މަތިޖަހާލާށެވެ.
ބާކީ ހުރި ހަވާދުކޮޅު ކާށިކިރާއި މިކްސް ކޮށްލުމަށްފަހު އުނދުންމަތީހުރި ފިޔާކޮޅުގެ ތެރެއަށްއަޅާ މަޑު ގިނީގައި ކައްކާލާށެވެ. ދެން މިރުސްކޮޅާއި ބިލިމަގު އަޅާލާށެވެ. އަދި ތައްޔާރުކޮށްފައި ހުރި މަސްކޮޅު ތެލީގެ ތެރެއަށް އަޅާ ކައްކާށެވެ. އިރުއިރުކޮޅުން ރިހަކޮޅު ހަލާލަން ވާނެ އެވެ. މަސް ރޯފިލުމުން ކުރިން ނެގި މޭޒުމަތީ ސަމްސާގެ ފިޔާކޮޅާއި ކާށިކިރު ކްރީމްކޮޅު އަޅާލުމަށްފަހު 2 މިނިޓެއްހާ އިރު ވަންދެން ކައްކާލާށެވެ. އަދި އެންމެފަހުން ލޮނު ހެޔޮވަރުކޮށްލުމަށްފަހު އުނދުން ނިއްވާލާށެވެ.
ޓައިޓްލް ސްޕޮންސާ:އުރީދޫ މޯލްޑިވްސް
ލޮކޭޝަން ޕާޓްނަރ:ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ
ވީޑިއޯ އަދި އެޑިޓިންގް:ހުސައިން ޝަޔާހު ޝަފީގު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު ރަޝީދު