ނަފްސުގެ ބައެއް ހަގީގަތް ދެނެގަތުމަކީ ކުރާ އަޅުކަން ހެޔޮ ގޮތުގައި ކުރުމަށް ހުޅުވޭ ދޮރެކެވެ. ތިމާގެ ޖާހިލުކަމާއި އަމިއްލަ ނަފްސުގެ މައްޗަށް އަނިޔާވެރިވެގަތުމުގެ ސިފަޔާއި ނަފްސުގައި އެތަކެއް ޢައިބުތަކެއް އެކުލެވިގެންވާކަމާއި ނަފްސުގެ އުނިކަމާއި، އެއްވެސް މީހަކީ އެހެން ފަރާތަކަށް ބޭނުން ޖެހުމެއްނެތި އަމިއްލައަށް ފުދުންތެރިވެވޭނެ މީހެއް ނޫންކަމާއި، ނަފްސުގެ ނިކަމެތިކަމާއި އެ ނަފްސު ހެއްދެވި ފަރާތަށް ބޭނުންޖެހިފައިވާ މިންވަރު އެނގުމަކީ ދެ ދުނިޔޭގެ ކާމިޔާބީއަށް ވާސިލުކޮށްދޭ ކަމެކެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ."وَفِي أَنْفُسِكُمْ أَفَلَا تُبْصِرُونَ" (الذاريات: 21)މާނައީ: "އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގައިވެސްމެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟"

ކީރިތި ޤުރްއާނުގައި އިންސާނާގެ ނަފްސުގެ ސިފަތައް މާތް ﷲ ވަނީ އެތައް ތަނެއްގައި ޛިކުރު ކުރައްވާފައެވެ. އޭގެތެރެއިން ބައެއް ސިފަތަކަށް ބަލައިލާނަމެވެ.

ބަލިކަށިކަމުގެ ސިފަ

މާތް ﷲ ވަޙީކުރައްވާފައިވެއެވެ."وَخُلِقَالْإِنْسَانُضَعِيفًا" (النساء: 28)މާނައީ: "އިންސާނާ ޚަލްޤުކުރެއްވިގެންވަނީ ބަލިކަށި ކަމާއެކުގައެވެ."

އިންސާނާއަކީ ބަލިކަށި މީހެކެވެ. އޭނާގެ ވެރިރަސްކަލާނގެ ދެއްވާފައިވާ ބާރަކާއި އެކަލާނގެ އެހީތެރިކަމާ ލައިގެން މެނުވީ އަމިއްލަ ކުޅަދާނަކަމުގެ ތެރެއިން އެއްވެސްކަމެއް ނިންމައި ތަންފީޒުކުރުމެއް އޭނާއަކަށް ނުވެއެވެ. އެހެންކަމުން އަބަދުމެ އެކަލާނގެ ހަޟުރަތަށް ރުޖޫއަވެ އެކަލާނގެ ހަޟުރަތުން ވާގިހޯދުން އޭނާއަށް ލާޒިމުވެގެންވެއެވެ.

ކަންކަމުގައި ދެކޮޅުހެދުމުގެ ސިފަ

މާތް ﷲ ވަޙީކުރައްވާފައިވެއެވެ."وَإِذَامَسَّالْإِنْسَانَالضُّرُّدَعَانَالِجَنْبِهِأَوْقَاعِدًاأَوْقَائِمًافَلَمَّاكَشَفْنَاعَنْهُضُرَّهُمَرَّكَأَنْلَمْيَدْعُنَاإِلَىضُرٍّمَسَّهُكَذَلِكَزُيِّنَلِلْمُسْرِفِينَمَاكَانُوايَعْمَلُونَ" (يونس: 12)މާނައި: "އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެއަށް ދުޢާކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއްޖެހިގެން ތިމަންރަސްކަލާނގެ ޙަޟުރަތަށް ދުޢާވެސް ނުކުރާކަހަލައެވެ. ކާފަރުންނަށް އެއުރެން ކޮށްއުޅުނު ޢަމަލުތައް ޒީނަތްތެރި ކުރައްވާފައިވަނީ އެފަދައިންނެވެ."

ގިނަ މީހުންނަކީ ދަތި ހާލުގައި ޖެހުމުން ހެއްދެވި ފަރާތް ހަނދާންވާ މީހުންނެވެ. ބޮޑުކަމެއް، މުސީބާތެއް ޖެހުމުން އެކަލާނގެއަށް ދުއާކޮށް ނަމާދުކޮށް އަޅުކަންކޮށް ހަދައެވެ. ނަމަވެސް އެކަމަކުން ސަލާމަތްވުމުގެ ކޮޅުމަތި ފެނުމާއެކު އަޅުކަމަށް ފަރުވާކުޑަކުރެއެވެ. އަދި އެއްގޮތަކަށްވެސް އަޅުކަން ނުކުރާ މީހަކަށް ބަދަލުވެގެން ދެއެވެ. މާތް ﷲ ގެ ހަޟުރަތައް އޭނާ ދުވަހަކުވެސް ބޭނުން ޖެހިފައި ނުވާފަދައެވެ.

އުންމީދު ކަނޑައިލުމުގެ ސިފަ

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَلَئِنْ أَذَقْنَا الْإِنْسَانَ مِنَّا رَحْمَةً ثُمَّ نَزَعْنَاهَا مِنْهُ إِنَّهُ لَيَئُوسٌ كَفُورٌ" (هود: 9) މާނައީ: "އަދި ތިމަންރަސްކަލާނގެ އިންސާނާއަށް ރަޙްމަތެއް ލައްވައި، ދެން އޭނާގެ ކިބައިން ތިމަންރަސްކަލާނގެ އެ އެރަޙްމަތް ނިގުޅައިގަންނަވައިފިނަމަ، ހަމަކަށަވަރުން، އޭނާ ވަނީ، ތިމަންރަސްކަލާނގެ ރަހުމަތުން އުންމީދުކަނޑައި، ނިއުމަތަށް ދެކޮޅުހަދާ ކާފަރަކަށެވެ."

އިންސާނާއަކީ ކަންކަމުގައި ވަރަށް އަވަހަށް އުންމީދު ކަނޑައިލާ، ލިބިފައިވާ ނިއުމަތްތައް ހަނދާނުން ކައްސާލާ މީހެކެވެ."وَإِذَاأَنْعَمْنَاعَلَىالْإِنْسَانِأَعْرَضَوَنَأَىبِجَانِبِهِوَإِذَامَسَّهُالشَّرُّكَانَيَئُوسًا" (الإسراء: 83)މާނައީ: "އަދި އިންސާނާއަށް، ތިމަންރަސްކަލާނގެ ނިޢްމަތް ދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެއެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، (އެކަލާނގެ ރަޙްމަތުން) އުންމީދު ކަނޑައިލާ މީހަކަށް ވެދެއެވެ."

ނިއުމަތްތަކަށް ޝުކުރު ނުކުރުމުގެ ސިފަ

އިންސާނާގެ ކިބައިގައި ތަބީއީ ގޮތުން ލައްވާފައިވާ އަނެއް ސިފައަކީ އޭނާއަށް ދެއްވާ ނިއުމަތްތަކަށް ކާފަރުވުމުގެ ސިފައެވެ. މާތް ﷲ އަހަރުމެންނަށް ދެއްވާފައިވާ ގިނަގުނަ ނިއުމަތްތަކަކީ ގުނައި ޢަދުދުނުކުރެވޭހާ ގިނަ ނިއުމަތްތަކެކެވެ. ނަމަވެސް ގަޟާގަދަރަށް އީމާންވުމަކީ މަދުބަޔަކަށް މެނުވީ ނުކުރެވޭ ކަމެކެވެ. ދަތިހާލެއް، ބަލި މަޑުކަމެއް ޖެހިއްޖެނަމަ އޭނާއަށް މާތް ﷲ އެއްވެސް ނިއުމަތެއް ނުދެއްވައޭ އޭނާ ހިތަށް އަރައެވެ. އަދި އޭނާގެ އަމަލުތައް ހުންނަނީ އެފަދައިންނެވެ.

މާތް ﷲ ވަހީކުރެއްވިއެވެ. "وَإِنَّا إِذَا أَذَقْنَا الْإِنْسَانَ مِنَّا رَحْمَةً فَرِحَ بِهَا وَإِنْ تُصِبْهُمْ سَيِّئَةٌ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ الْإِنْسَانَ كَفُورٌ" (الشورى: 48)މާނައި: "....އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރަޙްމަތެއްގެ ރަހަ އިންސާނާއަށް ދައްކަވައިފިނަމަ، އެކަމަށް އޭނާ އުފާކުރެއެވެ. އަދި އެއުރެންގެ އަތްތަކުން އިސްކުރި ފާފަތަކުގެ ސަބަބުން އެއުރެންނަށް ނުބައިކަމެއް ޖެހިއްޖެނަމަ ފަހެ، ހަމަކަށަވަރުން، އިންސާނާއީ ނިއުމަތަކަށް ދެކޮޅުހަދާ، ކާފިރުވާމީހެކެވެ."

އަނިޔާވެރިކަމުގެ ސިފަ

މާތް ﷲ ވަޙީކުރައްވާފައިވެއެވެ."وَآَتَاكُمْ مِنْ كُلِّ مَا سَأَلْتُمُوهُ وَإِنْ تَعُدُّوا نِعْمَةَ اللَّهِ لَا تُحْصُوهَا إِنَّ الْإِنْسَانَ لَظَلُومٌ كَفَّارٌ" (إبراهيم: 34)މާނައީ: "އަދި އެކަލާނގެ ހަޟުރަތަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. ﷲ ގެ ނިޢްމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިއުމަތްތައް އަދަދެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، ޝުކުރު ކުރުން ނެތްމީހެކެވެ."

އިންސާނާއަކީ އޭނާގެ ނަފްސަށް ގިނަގިނައިން އަޔާވެރިވާ މީހެކެވެ. އޭނާއަށް ހިދާޔަތުގެ މަގު އެނގެއެވެ. ހައްގަކީ ކޮބައިކަމާއި ބާތިލަކީ ކޮބައިކަން އެނގެއެވެ. މާތް ﷲ ރުއްސެވުން ލިބޭނޭމަގު ކަނޑައެޅިގެން އެނގޭމެއެވެ. ނަމަވެސް ގިނަ މީހުންނަކީ ދުވަހަކުވެސް ނުނެއްޓެވޭނެ ފަދައަކުން އެމީހުންގެ ހަވާ ނަފްސުގެ ދަލުގައި ޖެހިފައިވާ ބައެކެވެ.

ޖާހިލުކަމުގެ ސިފަ

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَنْ يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنْسَانُ إِنَّهُ كَانَ ظَلُومًا جَهُولًا" (الأحزاب: 72)މާނައީ: "ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ އަމާނަތް (އެބަހީ: ތަކުލީފުތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެކަމާމެދު އެތަކެތި ބިރުވެތިވިއެވެ. އަދި އިންސާނާ އެ އަމާނާތް އުފުލިއެވެ. ހަމަކަށަވަރުން، އެ އިންސާނާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ."

ގިނަބަޔަކީ ދުނިޔޭގެ ކަންތައްތަކުގެ މާހިރުންނެވެ. ނަމަވެސް ދީނުގެ ކަމެއްގައި ދެވާހަކައެއް އަޑު އަހާލަން ޖެހިއްޖެނަމަ އެއީ މާގިނަ ފޫހިކަމެއްކަމުގައި ދެކެއެވެ. އަޅުގަނޑުމެންގެ ގިނަ މީހުންނަށް ދަސްވެފައިވާ މުޅި އިސްލާމްދީނަކީ ތަޢްލީމުއްދިޔާނާގެ އެއްވަނަ ބައިގެ ދެތިން ސޮފްހާ އެކަންޏެވެ. ނަމަވެސް ދުނިޔަވީ އިލްމުގައި އެމީހުންނަކީ މާހިރުންނެވެ.

އިދިކޮޅުވެ ދެކޮޅުވެރިވުމުގެ ސިފަ

މާތް ﷲ ވަޙީކުރައްވާފައިވެއެވެ."أَوَلَمْيَرَالْإِنْسَانُأَنَّاخَلَقْنَاهُمِنْنُطْفَةٍفَإِذَاهُوَخَصِيمٌمُبِينٌ" (يس: 77)މަނައީ: "ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން، އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ."

ނިކަމެތި ފެންފޮދަކުން (އެބަހީ މަނިތިއްކަކުން) މާތް ﷲ އެއިންސާނާ ޚަލްގުކުރެއްވުމުން، އޭނާ އެކަން ހަނދާންނެތި، މާތް ﷲ ގެ ވޮޑިގެންވުމާވެސް ދެކޮޅުހަނދަނީ މިއަދު ކިތައް މީހުންހެއްޔެވެ؟

އަވަސްއަރައިގެން އުޅުމުގެ ސިފަ

މާތް ވަޙީކުރައްވާފައިވެއެވެ."خُلِقَالْإِنْسَانُمِنْعَجَلٍسَأُرِيكُمْآَيَاتِيفَلَاتَسْتَعْجِلُونِ" (الأنبياء: 37)މާނައީ: "އިންސާނާ ހެއްދެވީ، އަވަސްކަން (އޭނާގެ ޠަބީޢަތުގައި) ލައްވާފައެވެ. ތިމަންރަސްކަލާނގެ އާޔަތްތައް ނިކަންހުރެ ތިޔަބައިމީހުންނަށް ދައްކަވާހުށީމެވެ. ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެއަށް އަވަސްވުން އެދި ނޫޅޭށެވެ!"

ބައެއް މީހުންނީ ދަތި ހާލުގައިވެސް އެބައިމީހުންގެ ވެރިރަސްކަލާނގެ ހަނދާންނުވާ މީހުންނެވެ. އަނެއްބަޔަކީ މުސީބާތުގެ ވަގުތުގައި އެކަލާނގެއަށް ދެތިން ފަހަރަކު ދުޢާކޮށްލުމަށްފަހު އޭނާ އެދޭފަދައިން އެކަންނުވެ ލަސްވާނަމަ ހިތްހަމަނުޖެހުމާއެކުގައި ދުއާކުރުން ހުއްޓާއިލާ މީހުންނެވެ.

ދަހިވެތިކަމުގެ ސިފަ

މާތް ﷲ ވަޙީކުރައްވާފައިވެއެވެ."قُلْلَوْأَنْتُمْتَمْلِكُونَخَزَائِنَرَحْمَةِرَبِّيإِذًالَأَمْسَكْتُمْخَشْيَةَالْإِنْفَاقِوَكَانَالْإِنْسَانُقَتُورًا" (الإسراء: 100)މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަހުމަތުގެ ޚަޒާނާތައް މިލްކުވީނަމަ، ދެން އެހާރުން، ހޭދަކޮށް، ހުސްވެދާނެކަމަށް ބިރުން ތިޔަބައިމީހުން (ޚަރަދުނުކޮށް) ހިފެހެއްޓީސްކަން ކަށަވަރެވެ. އަދި ދަހިވެތި މީހަކު ކަމުގައި އިންސާނާ ވިއެވެ."

ޖަދަލުކުރުމުގެ ސިފަ

މާތް ﷲ ވަޙީކުރައްވާފައިވެއެވެ."وَلَقَدْصَرَّفْنَافِيهَذَاالْقُرْآَنِلِلنَّاسِمِنْكُلِّمَثَلٍوَكَانَالْإِنْسَانُأَكْثَرَشَيْءٍجَدَلًا" (الكهف: 54)މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި ޤުރްއާނުގައި ހުރިހާ ބާވަތަކުންވެސް މީސްތަކުންނަށް މިސާލު ބަޔާންކުރެއްވީމެވެ. އަދި ޖަދަލުކުރުންގިނަ މީހަކުކަމުގައި އިންސާނާ ވިއެވެ."

އަދި މިނޫނަސް އިންސާނާގެ އެތައް ސިފަތަކެއް މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި ޞަރީޙަ ބަހުން ވަޙީކުރައްވާފައެވެ. ނަފްސު އިޞްލާޙު ކުރަން އެދޭމީހާ ކީރިތި ޤުރްއާނުގެ މާނައަށް ވިސްނައިގެން ކިޔެވުން މުހިންމެވެ. އަދި މަތީގައި ބަޔާންވެގެންވާ ސިފަތައް ބަދަލުކޮށްލައި ތިމާގެ ނަފްސު ހެޔޮމަގަށް ގެނެވޭނީ ވަރުގަދަ އީމާންކަމެއް ލިބިގެންނެވެ.

ކީރިތި ޤުރްއާނުގެ މާނައަށް ވިސްނައިގެން ގިނަގިނައިން ޤުރްއާން ކިޔެވުމަށް ވަޞިއްޔަތް ކުރަމެވެ.