08 May 2019, 15:20
ހޯމަ ދުވަހު ހުޅުމާލޭގައި ހިނގި ބަސް އެކްސިޑެންޓުގައި މަރުވި ޔުކްރެއިންގެ އަންހެން މީހާގެ ހަށިގަނޑު އެ ގައުމަށް ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.
އެ އަންހެން މީހާ މަރުވި ހާދިސާ ހިނގީ، ބަސް ދުއްވަން އިން މީހާ ނިދި ޖެހިގެން ބަސް ކޮންޓްރޯލުން ނައްޓާލައި، އަންހެން މީހާގެ ގައިގައި ޖެހުމުންނެވެ. މަރުވީ ހުޅުމާލޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޔޫކްރެއިން އަންހެން ފަތުރުވެރިއެކެވެ. އެ އަންހެން މީހާ އުޅުނީ ލޯބިވެރިޔާއާ އެކު ޖޮގިން އަށް ނުކުމެ އެވެ.
ފުލުހުން ބުނީ އިއްޔެ އެކްސިޑެންޓްގައި މަރުވި ޔޫކުރައިން އަންހެން މީހާގެ އާއިލާ މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަންހެން މީހާ މަރުވި ހާދިސާއަށް ފަހު ބަސް ޑްރައިވަރު ވަނީ ހައްޔަރުކޮށް އޭނާގެ ބަންދަށް ތިން ދުވަސް ވަނީ ޖަހާފަ އެވެ.
ބަސް ދުއްވަން އިން ޑްރައިވަރަކީ ލައިސެންސް އޮތް މީހެކެވެ. އޭނާ އަކީ އެމްޕީއެލްގައި މަސައްކަތްކުރާތާ ދެ އަހަރުވެފައިވާ ތަޖުރިބާކާރު ޑްރައިވަރެެއް ކަމަށްވެ އެވެ.