08 May 2019, 16:01
ތެހެރާން (މޭ 8) : ދުނިޔޭގެ ބޮޑެތި ބާރުތަކުން ސޮއިކުރި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާ ގުޅިގެން އީރާނަށް ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްނުދޭ ނަމަ ޔޫރޭނިޔަމް ފައްކާ ކުރުމުގެ މަސައްކަތް އަލުން ފަށާނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.
އީރާނުގެ ރައީސް ހަސަން ރޫހާނީ ދެއްވި ޚިތާބެއްގައި ވިދާޅުވީ ނިއުކްލިޔަރ އެއްބަސްވުމާ ގުޅިގެން އީރާނަށް ކޮށްދޭން ޖެހޭ ކަންތައްތައް އެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ގައުމުތަކުން ކޮށް ނުދޭ ނަމަ އީރާނުން ވެސް އެ އެއްބަސްވުމުގައިވާ ގޮތަށް ހުރިހާ ކަމެއް ނުކުރާނެކަމުގަ އެވެ. އެއްބަސްވުމުގައިވާ ކަންކަމަށް އެހެން ގައުމުތަކުން ފަރުވާކުޑަކުރާތީ އީރާނުން ވެސް އެއްބަސްވުމުގައިވާ ކަންކަން މީގެފަހުން އަކުރުން އަކުރަށް ތަންފީޒު ނުކުރާނެކަމަށް ރޫޙާނީ ވިދާޅުވި އެވެ. ނަމަވެސް ނިއުކްލިޔާ އެއްބަސްވުމުން އީރާން ވަކިނުވާނެ ކަމަށާއި އޭގައި ދެމި އޮންނާނެކަން ރޫހާނީ ކަށަވަރުކޮށްދެއްވި އެވެ.
ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ މިދިޔަ އަހަރު އެ އެއްބަސްވުމުން ވަކިވެފަ އެވެ. މިއާއެކު އެމެރިކާ ވަނީ އެ އެއްބަސްވުމުގެ ބޭރުން އެމެރިކާ އެދޭކަންތައްތަކެއް ކުރަން އީރާނަށް މަޖްބޫރު ކުރުމަށް ޓަކައި އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. މިފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ އީރާނުގެ ތެލުގެ އިންޑަސްޓްރީ އަށާއި ބޭންކިންގް ނިޒާމަށެވެ. ރޫހާނީ ވިދާޅުވީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ ތެލުގެ އިންޑަސްޓްރީ އާއި ބޭންކިން ނިޒާމު ހިމާޔަތް ކޮށްދިނުމަކީ އެއެއްބަސްވުމުގައި ސޮއިކޮށްފައިވާ ދުނިޔޭގެ އަނެއް ފަސްބާރު ކަމަށްވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ރަޝިޔާ އަދި ޗައިނާގެ ޒިންމާއެއްކަމަށާ އެކަން އެގައުމުތަކަށް ކޮށް ނުދެވިއްޖެ ނަމަ ޔޫރޭނިޔަމް ފައްކާ ކުރުމުގެ މަސައްކަތް 60 ދުވަހުގެ ތެރޭގައި އީރާނުން ފަށާނެކަމުގަ އެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާން ސަލާމަތް ކުރުމަށް ޓަކައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނުވިލާތުން ވަނީ ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭ ފަދަ ޕޭމަންޓް ސިސްޓަމެއް ގާއިމް ކޮށްފަ އެވެ. ނަމަވެސް މި ޕޭމަންޓް ސިސްޓަމުން އީރާނަށް އެކަށީގެންވާ ހިމާޔަތް ނުލިބޭކަމުގެ ޝަކުވާ އީރާނުން ގެންދަނީ ކުރަމުންނެވެ. އަދި ނިއުކްލިޔާ އެއްބަސްވުން ދެމެހެއްޓުމަށް ކުރަން ޖެހޭ ކަންކަމުގެ ފަސްޕަސެންޓް މަސައްކަތް ވެސް އެ އެއްބަސްވުމުގައި ސޮއިކޮށްފައިޥާ އަނެއް ފަސްގައުމަށް ނުކޮށްދެވޭ ކަމަށާ މިގޮތަށް މިކަންދާ ނަމަ ކެތްކޮށްގެން ޔުރޭނިޔަމް ފައްކާކުރުން ހުއްޓާލައިގެން އީރާން ނޯންނާނެ ކަމަށް ރައީސް ރޫހާނީ ވިދާޅުވި އެވެ. އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ އީރާނުން ކުރިޔަށްގެންދިޔަ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ހުއްޓުވުމެވެ.
މިކަން އީރާނުން ވަނީ 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމަށް ފަހު ހުއްޓާލާފަ އެވެ. މި އެއްބަސްވުމުގެ ދަށުން ޔޫރޭނިޔަމް ފައްކާކުރުމުގެ ފުރްސަތު އީރާނަށް ލިބިފައިވަނީ އެންމެ ފަހެއް އިންސައްތައަށެވެ. އީރާނަކީ ކުރިން ވިހި އިންސައްތައަށް ޔޫރޭނިޔަމް ފައްކާ ކުރުމުގެ މަސައްކަތް ކުރި ގައުމެކެވެ. އީރާނަކީ ހަތްދިހަ އިންސައްތައަށްވެސް ޔޫރޭނިޔަމް ފައްކާކުރުމުގެ ގާބިލްކަން ލިބިގެންވާ ގައުމެއް ކަމަށާއި އަދި އައްޑިހަ އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ގާބިލްކަން އީރާނަށް ލަސްތަކެއްނުވެ ހޯދިދާނެކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީން ބުނެ އެވެ. މިއީ ނިއުކްލިޔާ ބޮން އުފެއްދުމަށް ޔޫރޭނިޔަމް ފައްކާކުރަން ބޭނުންވާ މިންވަރެވެ.
ނިއުކްލިޔާ އެއްބަސްވުމެއް ނެތި އީރާން ދޫކޮށްލައިފި ނަމަ އަހަރެއްހާ ދުވަހުގެ ތެރޭގައި އީރާނުން ނިއުކްލިޔާ ބޮމެއް އުފައްދާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. (ނޫސްއެޖެންސީތައް)