08 May 2019, 13:52
ރޯދަ މަސް ފެށިގެން އައި އިރު ބާޒާރުގައި އެންމެ އަގު ބޮޑުކޮށް ފެނިގެން ދިޔަ ކަނޑޫދޫ މިރުސް މާރުކޭޓުން "ގެއްލި" ޔުގެންޑާ މިރުހުން މުޅި މާރުކޭޓް ފުރާލައިފި އެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހު މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯ އެއް ލިބެން ހުރީ 1200 އިން ފެށިގެން 1000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި އޭގެ ފަހުން 800 ރުފިޔާއަށް ތިރިވެ މިއަދު ކަނޑޫދޫ މިރުސް ލިބެން ހުރީ 700-650 ރުފިޔާއާ ދެމެދު އެވެ.
ކަނޑޫދޫ މިރިހުގެ އަގު ބޮޑު ކަމުގެ ބަހުސް ވަކިކޮޅެއްގައި ނުޖެހި އުޅެނިކޮށް، މިހާރު މާރުކޭޓުން ވަނީ ކަނޑޫދޫ މިރުސް ބޮޑުތަނުން މަދުވެފަ އެވެ. އަދި އޭގެ ބަދަލުގައި މާރުކޭޓް ގޮޅިތައް ފުރާލާފައިވަނީ ޔުގެންޑާ މިރުހުންނެވެ.
"ރޯދަމަސް ފެށުނު އިރު އަޅުގަނޑުމެން ވެސް ގެންގުޅުނީ ކަނޑުދޫ މިރުސް އެކަމު އޭގެ އަގު ބޮޑު ކަމުން ގަންނަ މީހުން މަދުވީމަ އެހެން ގޮތެއް ހޯދަން ޖެހުނީ. އެހެން ހުއްޓާ ޔުގެންޑާ މިރުސް މި އައީ ބާޒާރަށް،" މާރުކޭޓް ގޮޅިއެއްގެ ވިޔަފާރީ ވެރިޔަކު ބުންޏެވެ.

މާރުކޭޓް ގޮޅިއެއްގައި ހުރި ޔުގެންޑާ މިރުސް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
މާރުކޭޓެގެ ހުރިހާ ގޮޅިއެއްގައިހެން ރާއްޖެ އެތެރެކޮށްފައިވާ ބޭރު މިރުސް ހުރި އިރު އޭގެ އަގުތައް ހުރީ ކިލޯއެއް 250 ރުފިޔާ އާއި 300 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.
ރޯދަ މަސް ފެށުނުއިރު ކަނޑުދޫ މިރުހުގެ އަގު އެހާ ބޮޑަށް އުފުލިފައި ވަނީ ރޯދައަށް ގިނަ އަދަދެއްގެ މީހުން އެއްޗިހި ގަތުމަށް ނިކުމެ ޑިމާންޑް ބޮޑުވުމުން ކަމަށް، މާރުކޭޓް ގޮޅިއެއްގެ ވިޔަފާރި ވެރިޔަކު ބުންޏެވެ.
"ފުރަތަމަ ދެ ދުވަހު މުޅި މާރުކޭޓް އޮތީ ފުރާލާފައި އެހެންވެ އަގުތައް ވެސް އުފުލުނީ. މިހާރު އަނެހެން އެހާ ބާރު ބޮޑެއް ވެސް ނޫން. ވިޔަފާރީ ކުރަން އަންނަ މީހުން ވަރަށް މަދުވެއްޖެ. އެހެންވީމަ ވެސް އަގުތައް ތިރިވޭ،" އެ މީހާ ކިޔައިދިނެވެ.

މާރުކޭޓުގައި މީހަކު ކަނޑުދޫ މިރުސް ހޮވަނީ: ޔުގެންޑާ މިރުހާއި އެކު މަދު ގޮޅިއެއްގައި ކަނޑޫދޫ މިރުސް ހުރި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ދަތުރުވެރިންގެ މާރުކޭޓްގައި ގޮޅިއަކުން ވާހަކަ ދެއްކި އެހެން ވިޔަފާރި ވެރިޔަކު ބުނީ، ކަނޑުދޫ މިރުހުގެ އިތުރުން ރާއްޖޭގައި ހައްދާ ގިނަ ބާވަތްތަކުގެ އަގު އަދިވެސް ތިރި ނުވާ ކަމަށާއި ރޯދަ މަސް ނިމެންދެން ވެސް އެ އަގުގައި ހިފެހެއްޓޭނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނީ ދަނޑުވެރިން ކުރަން ޖެހޭ ބުރަ މަސައްކަތް ކަމަށެވެ.
"އަސްލު ދިވެހިންނަށް ރަނގަޅީ އަގު ބޮޑުވީމަ. އަގޮ ބޮޑު ނޫނިއްޔާ ނުވެސް ގަނޭ. މި ގޮޅީގައި ނުހުންނާނެ ތި ބޭރުން ގެންނަ އެއްޗިއްސެއް. މިތާންގައި ހުންނާނީ ދިވެހި ދަނޑުވެރިންގެ އުފެއްދުން،" ދެބައި އުމުރުގެ އެ މީހާ ބުންޏެވެ.