ގަދަފަދަ އެކުވެރިކަމެއް އޮތް ރަހުމަތްތެރީންތަކެއް މަޑުމަޑުން ދުރުވާން ފަށައި، ގުޅުން މުޅީންހެން ކެނޑުނުތާ ޒަމާންތަކެއް ވެއްޖެ އެވެ. ނަމަވެސް މި ރަމަޟާން މަހު، މި ރަހުމަތްތެރީންގެ ދަރީން ކުރީ މާ މޮޅު ކަމެކެވެ. -- އެމީހުންގެ ބައްޕައިން އަލުންބަލުން ގުޅުވައިދިނީ ދިން ރޯދަ ވީއްލުމަކުން އެވެ. --

މިއީ ކުޑައިރުގެ ރަހުމަތްތެރިން ކަމަށްވާ، އަލިފުޅާއި، ރުޝްދީ އާއި މުހައްމަދުގެ ވާހަކަ އެވެ. މި ތިން ރަހުމަތްތެރިންގެ އިތުރުން، އަލިފުޅުގެ އަންހެނުން އާރިފާއަކީ އެކުގައި އުޅެ ބޮޑުވި ހަތަރު އެކުވެރީން އެވެ. ކުޑަ އިރު ބަނޑިޔަލަކަށް ފެން އަޅައިގެން ހަނދުގެ ރިވެލި ބެލުމާއި އެކުގައި ކުޅެން އުޅުނު ހަނދާންތައް އަލިފުޅުގެ ހަނދާނުގައި ހަރުލާފައި ހުރީ، އިއްޔެ ވީ ކަންތައްތަކެއް ގޮތަށެވެ.

ނަމަވެސް އާރިފާ ނިޔާވި ފަހުން، ފިރިމީހާ އަލިފުޅުގެ މޫނުމަތިން މޮޅިވެރިކަން ނޫން ކަމެއް ނުފެނެ އެވެ. މިކަމާ އަލިފުޅުގެ ދަރިފުޅު އައިޝާ ފިކުރުބޮޑުވި އެވެ.

"ބޮޑަށް ހީވަނީ މަންމަ ނިޔާވި ފަހުން ބައްޕަ މާ ބޮޑަށް އެކަނިވަނީހެން. އަސްލު ކުރިން ބައްޕައަކީ ވަރަށް ސަކަރާތް ޖަހާފައި މަޖާކޮށް އުޅުނު މީހެއް،"

މިހެން އުޅެމުން އެއް ދުވަހަކު އައިޝާއަށް ފެންނަނީ އޭނާގެ މަންމައާއި ބައްޕަ ޒުވާން ދުވަސްވަރު، އެކުވެރި މުހައްމަދާއި ރުޝްދީއާއެކު ނަގާފައި ފޮޓޯއެކެވެ. އެއާއެކު އައިޝާގެ އަޒުމަކަށް ވީ މި ރަމަޟާން މަހު އެ ރަށަށް މުހައްމަދާއި ރުޝްދީ ގެނެސް، އޭނާގެ ބައްޕަގެ އެކަނިވެރިކަމަށް ނިމުމެއް ގެނެސްދޭށެވެ.

ދަރީންނާއެކު މުހައްމަދާއި ރުޝްދީ، އަލިފުޅުގެ ރަށަށް ދަތުރުކުރި އެވެ. ކުޑައިރު ކުޅެން އުޅުމުގައި "ހޯއް!" ގޮވާ ބީދައިން ގޭތެރެއިން އެ އަޑު އަލިފުޅަށް އިވި، އަވަހަށް ކޮޓަރިން ބޭރަށް ނުކުތެވެ. ލިބުނީ ޝޮކެކެވެ. ޒަމާންވީ ދެ ރަހުމަތްތެރީން މިތިބީ އަލިފުޅުގެ ގޭތެރޭގައި އައިހެވެ. ލިބުނު އުފަލެއްގެ ބޮޑުކަމާއެކު، ދެ މީހުންގެ ގައިގައި އަލިފުޅަށް ބައްދައިގަނެވުނެވެ.

ޒުވާން ދުވަސްވަރު، ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ ފަސްވަނަ ދުވަހުގެ ރޯދަ އެކުގައި ވީއްލާ ސަގާފަތް، ބޮޑު މެދުކެނޑުމަކަށްފަހު މި އަހަރު އަލުން އިޔާދަކުރީ ތިން މީހުންގެ ދަރީންނާ ވެސް އެކު އެވެ. އުރީދޫއިން މިފަހަރުގެ ރޯދަަ މަހަށް ނެރުނު އިޝްތިހާރުން ބުނެދެނީ ޒަމާންވީ ގުޅުންތައް އާލާކުރުމުގެ މުހިންމުކަމެވެ.