08 May 2019, 12:53
ކަނޑޫދޫ މިރުހުގެ އަގު ބޮޑުވެ، އެކަމުގެ ބަހުސްތައް ބޮޑުވެފައި ވަނިކޮށް ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު ވެއްޓެން ފަށައިފި އެވެ.
އިއްޔެ ބާޒާރުން ކަނޑޫދޫ މިރުސް ކިލޯއެއް ލިބުނީ 800 ރުފިޔާ އަށެވެ. ނަމަވެސް މިއަދު އެއަގު ވަނީ 700-650 ރުފިޔާ އަށް ތިރިވެފަ އެވެ.
މާރުކޭޓުން ވާހަކަ ދެއްކި ވިޔަފާރިވެރިން ބުނި ގޮތުގައި ކަނޑޫދޫ މިރުހުގެ އަގު ދަށްވާން މި ފެށީ، އެ ރަށުން މިރުސް ލިބޭ އަދަދު މިހާރު އިތުރުވެ މިރުސް ތިޔާގިވާން ފެށުމުން އެވެ. އަދި ރާއްޖެ ގެންނަ އެހެން ބާވަތްތަކުގެ މިރުސް ކަމަށްވާ، ޔުގެންޑާ މިރުސް ފަދަ މިރުސް ވެސް ބާޒާރުގައި ތިޔާގި ވުމަކީ އަގު ދަށްވުމުގެ ސަބަބެއް ކަމަށް ވިޔަފާރިވެރިން ބުންޏެވެ.
"މިރުން ހަމަ މުޅިން ނުލިބި ކަހަލަ ގޮތަކަށް ދިޔައީ. އެކަމަކު މިރުން އެބަ މިހާރު ތިޔާގިވެ. އެހެން ވީމާ މިރުހުގެ އަގު މި ދަށްވަނީ،" ވިޔަފާރިވެރިޔަކު ބުންޏެވެ.
އޭނާ އަދި ބުނި ގޮތުގައި އެހެން ބާވަތުގެ މިރުސްތައް ބާޒާރުގައި ތިޔާގިވުމާ އެކު ކަނޑޫދޫ މިރުހަށް އޮތް ޑިމާންޑް ވެއްޓިގެން ދިޔަ އެވެ.
އާބާދީގައި ގާތްގަނޑަކަށް 600 އެއްހާ މީހުން ދިރިއުޅޭ ކަނޑޫދޫގެ މީހުންގެ އާމްދަނީގެ ބޮޑު ބައެއް ދަނޑުވެރިކަމަށް ބަރޯސާވެފައި އޮތް އިރު މި ރޯދަ މަހާ ދިމާވިއިރު އެ ރަށުގެ ދަނޑުތަކަށް އޮތީ ހީނަރުކަމެއް އައިސްފަ އެވެ.
ކަނޑޫދޫގެ ދަނޑުވެރިއަކު ބުނި ގޮތުގައި މިފަހަރު ބާޒާރަށް މިރުސް ސަޕްލައި ނުކުރެވުމުގެ މައިގަނޑު ސަބަބަކީ ރޯދަ މަސް ހޫނު މުސުމާ ދިމާވުމުން، ހޫނު ގަދަވެ ދަނޑުތައް ހަލާކުވުމެވެ. އަދި ދަނޑުތަކުގައި ފަންޏެއް އަޅައި ހެއްދި ގަސްތައް މަރުވުމަކީ ވެސް ދިމާވި ސަބަބެއް ކަމަށް އޭނާ ބުންޏެވެ.
"ދަނޑުތައް އެބަ ރަނގަޅުވޭ މިހާރު މަޑުމަޑުން. ދެން ކޮންމެވެސް ވަރަކަށް ސަޕްލައި ރަނގަޅު ކުރެވޭނެ،" ދަނޑުވެރިޔާ ބުންޏެވެ.
އެހެން ނަމަވެސް ބާޒާރު މަތީގެ ބައެއް ވިޔަފާރިވެރިން ބުނަނީ އެކަށީގެންވާ ވަރަށް މިރުސް ސަޕްލައި ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެން ވެއްޖެ ނަމަ، މިރުހުގެ އަގު އަނެއްކާ އުފުލުމުގެ ފުރުސަތު އޮންނާނެ އެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަސް އައިއިރު، ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 1،000 ރުފިޔާއަށް ވުރެ މައްޗަށް ދިޔަ އެވެ. އަދި އެކަމާ ހުރެ އާންމުންގެ ޝަކުވާތައް ބޮޑުވެ، ރުޅި ގަދަވި އެވެ.