08 May 2019, 11:44
މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށް އީރާނުގެ ހަމަލާއެއް ދީފާނެކަމަށް ބުނެ އެމެރިކާ އިން މެދުއިރުމައްޗަށް ބީ ފިފްޓީ ޓޫ މަރުކާގެ ބޮންއަޅާ ބޯޓުތައް ފޮނުވަން ނިންމައިފިއެވެ. ބީ ފިފްޓީ ޓޫ މަރުކާގެ ބޮންއަޅާ ބޯޓުތަކަކީ އެންމެ ބާރުގަދަ އަދ އެންމެ ނުރައްކާތެރި ބޮންތައް އެޅުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ ދުރުރާސްތާގެ ބޮންބާއެކެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނީ އީރާނުގެ ސަބަބުން މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތައް ނުރައްކަލަށް ވެއްޓުމުގެ ފުރުސަތު ބޮޑުވަމުންދާތީ އީރާނުގެ އުދުވާނަކުން އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނާއި އެމެރިކާގެ މަސްލަހަތުތައް ހިމާޔަތްކުރުމަށާއި އުދުވާނެއް ދީފި ނަމަ އެއަށް ރައްދު ދިނުމުގެ ގޮތުން ބީ ފިފްޓީ ޓޫ މަރުކާގެ ބޮންއަޅާ ބޯޓުތަކުގެ ހަތަރު ބޯޓު މެދުއިރުމައްޗަށާއި ގަލްފަށް ފޮނުވުމުގެ މަސައްކަތް ކުރިޔަށްދާ ކަމުގައެވެ.
މީގެ ތިން ދުވަސްކުރިން އެމެރިކާ އިން ވަނީ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ކަމަށްވާ ޔޫއެސްއެސް އަބްރަހާމް ލިންކޮން ހިމެނޭގޮތަށް އެމެރިކާގެ ކަނޑުގެ ބޮޑު ބާރެއް މެދުއިރުމައްޗަށް ފުރުވާލިކަން ވެސް ހާމަކޮށްފަ އެވެ. މެދުއިރުމައްޗަށާއި ގަލްފުގެ ސަރަހައްދަށް އެމެރިކާ ކަނޑާއި ވައިގެ ބޮޑު ބާރެއް މިފޮނުވަނީ އީރާނުގެ ނުރައްކާ އޮތްކަމަށްބުނެ ޖާސޫސީ ރިޕޯޓެއް ނެރުމަށްފަހުގަ އެވެ. މިފަދަ ރިޕޯޓެއް ނެރެގެން ސަބަބެއް ހޯދައިގެން ނޫނީ ސަރަހައްދަކަށް އަސްކަރީ ބާރެއް ކުއްލިގޮތަކަށް ފޮނުވުމަށް ބޭނުންވާ ފައިސާ ހަމަޖައްސަން އެމެރިކާ ސަރުކާރަށް ދަތިވާނެ އެވެ.
އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ ސީއައިއޭ އަކީ އެވަގުތަކު އެމެރިކާގައި އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަކަށް ޖާސޫސީ ރިޕޯޓްތައް ނެރެދޭކަން ހާމަވެފައިވާ އިދާރާއެކެވެ. މިގޮތުން 2003 ވަނަ އަހަރު ޖޯޖް ޑަބްލިޔުބުޝްގެ ވެރިކަމުގައި އެމެރިކާ އިރާގަށް އަރައިގަތުމަށް ބުޝްގެ ސަރުކާރުން ބޭނުންވުމުން އެކަމަށް މަގުފަހިކުރުމަށް ޓަކައި އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ސީއައިއޭ އިންވަނީ ދޮގު ރިޕޯޓެއް ނެރެދީފަ އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ވަނީ އެމެރިކާ ކަންބޮޑުވާ ފަދަ އިންޒާރުތަކެއް އީރާނުގެ ފަރާތުން ލިބެމުންދާ ކަމަށް ވިދާޅުވެ މިދިޔަ ހަފްތާ ބަންދުގައި އީރާނަށް ބިރުދައްކަވައި ވާހަކަ ދައްކަވާފަ އެވެ. މިގޮތުން މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކާއި އެމެރިކާގެ ބައިވެރިންގެ މަސްލަހަތުތަކަށް އީރާނުން ގޯނާއެއްކޮށްފި ނަމަ އީރާނަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ބޯލްޓަން ވަނީ ދެއްވާފަ އެވެ.
އަނެއްކޮޅުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ އީރާނުން އިރާގުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އިއްޔެ އިރާގަށް ކުރެއްވި ކުއްލި ދަތުރުފުޅެއްގައި ޕޮމެޕެއޯ މިމޭރުމުން ވާހަކަ ދެއްކެވީ އިރާގުގެ ބިން ބޭނުންކޮށްގެން އެމެރިކާއިން އީރާނަށް ގޯނާކުރުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް އެކަން އެކަން ނުކުރުމަށް އިރާގުން އެމެރިކާއަށް ގޮވާލާފައިވަނިކޮށެވެ.
އެމެރިކާއިން އިރާގާ ކިތަންމެ ގާތްގުޅުންތަކެއް ބޭއްވި ނަމަވެސް އިރާގުން ވަނީ އެއަށްވުރެ ގާތްގުޅުންތަކެއް އީރާއެކު ގާއިމް ކޮށްފަ އެވެ. އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީ މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު އީރާނަށް ޒިޔާރަތް ކުރެއްވުމުން އީރާނުގެ ރައީސް ހަސަން ރޫހާނީއާއި އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ވަނީ އިރާގުގައިވާ އެމެރިކާގެ ބާރުތަކަކީ އީރާނަށާއި މުޅި ސަރަހައްދުގެ އިތުރުން ޚުދު އިރާގަށް ވެސް އޮތް ނުރައްކަލެއްކަމަށް ވިދާޅުވެ އެމެރިކާގެ ބާރުތައް އިރާގުން ބޭލުމަށް އިރާގުގެ ބޮޑުވަޒީރުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މިމައްސަލާގައި އެމެރިކާގެ ހަރުކަށި ދެ މަސްއުލުވެރިން ކަމަށްވާ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ވަނީ ވަރަށް ބޮޑަށް ކޯފާވެވަޑައިގެންފަ އެވެ.
އެމެރިކާ އިން ގަލްފާއި މެދުއިރުމައްޗަށް ހަނގުރާމައިގެ މަނަވަރުތަކާއި ބޮންއަޅާ ބޯޓުތައް ފޮނުވައި ހަނގުރާމައިގެ ބެރުޖަހައި އިންޒާރުތައް ދެމުން މިގެންދަނީ އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުމަކަށް ގެނައުމަށް އެމެރިކާ ކުރަމުން ގެންދާ މަސައްކަތް ކާމިޔާބުވާނެ ކަމުގެ އުންމީދު އެމެރިކާއަށް ގެއްލިފައިވާ ދަނޑިވަޅެއްގަ އެވެ. އީރާނުގެ ތެޔޮ ގަންނަ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާ ދިން ނަމަވެސް ޗައިނާ، ތުރުކީ، އިންޑިޔާ ފަދަ އެތައް ގައުމަކުން އަދި ވެސް ގެންދަނީ އީރާނުގެ ތެޔޮ ގަންނަމުންނެވެ.
އަދި އީރާނަކީ އަށް ގައުމެއް އެއްގަމުން ގުޅިފައިވާ ގައުމަކަށްވާތީ އެގައުމުތަކުގެ ސަރަހައްދީ ރޮނގުތައް ހުރަސްކޮށް ޓްރެކްތަކުގައި ބްލެކްމާކެޓުން ތެޔޮ އެކްސްޕޯޓް ކުރުމަކީ އީރާނަށް ފަސޭހައިން ކުރެވޭނެކަމަކަށް ވާތީ އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުމަކަށް ގެނައުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫންކަމަށް ތަޖްރިބާކާރުން ދެކެއެވެ.
އެމެރިކާއިން އީރާނަށް ބިރު ދެއްކުމަށް ހަނގުރާމައިގެ ލަޝްކަރުތަކާއި ފްލީޓްތަކާއި ބޮންއަޅާ ސްޓްރެޓީޖިކް ބޯޓުތައް މެދުއިރުމައްޗަށާއި ގަލްފުގެ ސަރަހައްދަށް ފޮނުވަނީ އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުމަކަށް ގެނައުމަށް އެމެރިކާ ކުރާ މަސައްކަތްތައް ނާކާމިޔާބުވުމުން އެކަން ފޮރުވުމަށް ކަމަށާ އީރާނަށް އިސްވެ ހަމަލާދޭން އެމެރިކާއަށް ނުކެރޭނެ ކަމަށްބުނެ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރު ޖެނެރަލް ޙުސައިން ސަލާމީ ވަނީ އެމެރިކާއަށް ގޮން ޖައްސަވާފަ އެވެ.
މިއާ އެކު އީރާނުގެ މަސްއޫލުވެރިންވަނީ އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުމަކަށް ގެނައުމަށް އެމެރިކާ ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅިގެން ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ބަންދުކުރަންޖެހިދާނެ ކަމުގެ އިންޒާރު ވެސް ތަކުރާރުކޮށް ދެއްވާފަ އެވެ. އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވައިފި ނަމަ އެމެރިކާގެ ބައިވެރިން ކަމަށްވާ ގަލްފުގެ އަރަބި ގައުމުތަކަށް ތެޔޮ އެކްސްޕޯޓް ކުރުމުގެ ފުރްސަތު ނުދޭނެ ކަމަށް އަބަދު ވެސް އީރާނުން ބުނެ އެވެ. އެމެރިކާ އިން އީރާނަށް ހަނގުރާމައިގެ ބިރު ދައްކައި އިންޒާރުތައް ދީ ހަނގުރާމައިގެ ގުރާބުތައް މެދުއިރުމައްޗަށް ފޮނުވި ނަމަވެސް ގަލްފުގެ ތެލުގެ އިންޑަސްޓްރީ އާއި ތެލުގެ މަރުކަޒުތައް ހަލާކުވެ ތެލުގެ އަގުބޮޑުވެދާނެ ކަމުގެ ބިރު އޮތުމުން އީރާނާ ދެކޮޅަށް އިސްވެ ހަނގުރާމަ ފަށަން އެމެރިކާއަށް ނުކެރޭނެ ކަމަށް ތަޖްރިބާކާރުން ވިދާޅުވެ އެވެ. އެމެރިކާގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ޓަކައި ބިރު ދެއްކުމުގެ ގޮތުން ހަނގުރާމައިގެ ގުރާބުތައް ތަންތަންނަށް ފޮނުވުމަކީ އެމެރިކާ އަބަދު ވެސް ކުރާކަމެކެވެ.