ތިލަފުށިން އަލަށް ހިއްކި ސަރަހައްދުން ދޫކުރުމަށް ހަމަޖެހަފައިވާ ބިންތަކަށް ބީލަން ހުށަހެޅުން އޮތީ މިއަދު ޓްރޭޑާސް ހޮޓެލުގަ އެވެ.

ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އިން މިއަދު ބުނީ ބީލަން ހުށަހަޅަން ހުޅުވާލި 136 ބިމަށް 70 އަށް ވުރެ ގިނަ ބީލަން ހުށަހަޅާފައިވާ ކަމަށެވެ. އަދި ބިޑް އިވެލުއޭޓް ކުރުމުގައި އެންމެ މަތިން އެޑްވާންސް ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށާއި އެ ބިންތައް ކުއްޔަށް ނެގުމަށް ހުށަހަޅާފައިވާ އެޑްވާންސް ޕޭމަންޓް ހަމަވަންދެން އެޑްވާންސަށް ދައްކާ ފައިސާ އިން މަހު ކުލީގެ ގޮތުގައި ކޮންމެ މަހަކު 20 ޕަސެންޓް ކެނޑޭނެ ކަމަށެވެ.

ތިލަފުށީ ކޯޕަރޭޝަން އިން ބުނީ ބީލަން ހުށަހަޅާފައިވާ ބިންތައް ދޫކުރަން ހަމަޖެހިފައި ވަނީ 35 އަހަރަށް ކަމަށެވެ. އަދި ބިންތައް ދޫކުރަނީ ފުރަތަމަ ތިން އަހަރު އަކަފޫޓެއް 1.50ރ. ގެ ރޭޓުން ކަމަށެވެ. އަދި ހަތަރު ވަނަ އަހަރުން ފެށިގެން 2.50ރ. އަށް އަގު މަތި ކުރެވޭނެ ކަމަށެވެ.

މިއަދު ބީލަން ހުށަހަޅަން ހުޅުވާލައިފައި ވަނީ ތިލަފުށިން ހިއްކާފައިވާ ތިން މިލިއަން އަކަފޫޓްގެ ބިމުގެ ތެރެއިން އެއް މިލިޔަން އަކަފޫޓުގެ ބިމަށެވެ. ބީލަން ހުށަހަޅާފައިވާ ބިންތަކަށް 23 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ލިބިފައިވާ ކަމަށް ތިލަފުށީ ކޯޕަރޭޝަނުން ބުނެ އެވެ.

ޓީސީއެލް އިން ބުނި ގޮތުގައި މިއަދު ބީލަމަށް ހުޅުވާލީ އޭ ކެޓަގަރީގެ 31 ބިޑާއި ބީ ކެޓަގަރީގެ 17 ބިޑާއި ސީ ކެޓަގަރީގެ ފަސް ބިޑާއި ޑީ ކެޓަގަރީގެ 17 ބިޑުގެ އިތުރުން އީ ކެޓަގަރީގެ އެއް ބިޑެވެ.