ރޭޕްގެ މައްސަލައެއްގައި ޓީވީ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ކަރަން އޮބެރޯއި އިންޑިއާގެ މުމްބާއީ އިން ހައްޔަރުކޮށްފި އެވެ.

ސޮނީ ޓީވީ އިން ދެއްކި ކާމިޔާބު ޑްރާމާ ސިލްސިލާ 'ޖައްސީ ޖޭސީ ކޮއި ނަހީ' އިން މަޝްހޫރުވެގެން ދިޔަ އެކްޓަރު ހައްޔަރުކޮށްފައި ވަނީ ފެޝަން ޑިޒައިނަރެއް ރޭޕް ކުރި ކަމަށް ބުނެ އޭނާ އާދެކޮޅަށް ހުށަހެޅި މައްސަލަ އަކާއި ގުޅިގެންނެވެ.

ރޭޕްގެ އިތުރުން ކަރަން އާދެކޮޅަށް މަކަރުހެދުމާއި އޮޅުވާލުމުގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ.

ފުލުހުން މީޑިއާއަށް ބުނެފައި ވަނީ ކަރަން ހައްޔަރުކޮށްފައި ވަނީ ރޭޕްގެ ތުހުމަތުގައި ކަމަށާއި، އޭގެ އިތުރުން ވެސް އޭނާއަށް އިތުރު ތުހުމަތު ތަކެއް ކުރެވޭ ކަމަށެވެ. އެގޮތުން ރޭޕްގެ އަމަލު ހިންގަނިކޮށް އެ މަންޒަރު ވީޑިއޯކޮށް، މައްސަލަ ހުށަހެޅި ފަރާތުގެ އަތުން ފައިސާ ހޯދަން މަސައްކަތްކޮށް، ފައިސާ ދޭން އިންކާރުކޮށޤފި ނަމަ ވީޑިއޯ އާންމު ކުރާނެ ކަމަށް ބުނެ ބިރުދެއްކުން ހިމެނެ އެވެ.

މައްސަލަ އާއި ގުޅިގެން ކަރަން ކޯޓަށް ހާޒިރުކޮށް، މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އޭނާ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ކޯޓުން ވަނީ މުއްދަތު ދީފައެވެ.

އަންހެން މީހާ ކަރަން އާ ދެކޮޅަށް ފުރަތަމަ މައްސަލަ ހުށަހެޅީ 2018 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ 10 ދުވަސް ކުރިން ކަރަން ވަނީ އެ އަންހެން މީހާ އޭނާއަށް ނަފްސާނީ ގޮތުން ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެ މައްސަލައެއް ހުށަހަޅައިފައެވެ.

އޭރު އަންހެން މީހާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ކަރަން އޭނާގެ އަތުން ހަތަރު ލައްކައެއްހާ ރުޕީޒް ހޯދާފައިވާ ކަމަށާއި، އަދި ލޯބިވާ ކަމަށް ބުނެ އޭނާއަށް އޮޅުވާލައިފައިވާ ކަމަށެވެ.

ނަމަވެސް ކަރަން ވަނީ އެ އަންހެން މީހާގެ ވާހަކަތައް ދޮގުކޮށްފައެވެ. ކަރަން ބުނީ އަންހެން މީހާގެ އަތުން ފައިސާގެ އެއްވެސް އެހީތެރިކަމެއް ހޯދާފައި ނުވާނެ ކަމަށާއި، އަދި ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނާ ވާހަކައަކީ ވެސް ދޮގެއް ކަމަށެވެ.