ދިއްލީ (މެއި 8): އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރާޖީވް ގާންދީ އަވަހާރަވި އިރު އޭނާއަކީ "ގައުމުގެ އެންމެ ކޮރަޕްޓު މީހާ" ކަމަށް ވިދާޅުވެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްކެވި ވާހަކަ ދިފާއު ކުރައްވައިފި އެވެ.

އިންޑިއާގައި މިދިޔަ މަހުގެ 11އިން ފެށިގެން ކުރިއަށްގެންދާ އާއްމު އިންތިހާބަށް ކެމްޕެއިން ކުރައްވަމުން މޯދީ އެފަދައިން ވިދާޅުވީ އުއްތަރަ ޕްރަދޭޝްގައި އޮތް ރެލީ އެއްގަ އެވެ. އަދި މޯދީ އެފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ލީޑަރު އަދި ރާޖިވް ގާންދީގެ ދަރިކަލުން ރާހުލް ގާންދީއަށް ފާޑު ވިދާޅުވަމުންނެވެ.

"[ރާހުލް ގާންދީގެ] ބައްޕައަށް ތާއިދު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އޭނާއަކީ ހުދު ފޮތިކޮޅެއް. ނަމަވެސް އޭނާ އަވަހާރަވީ އެންމެ ކޮރަޕްޓު މީހާގެ ގޮތުގައި،" މޯދީ ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރާޖީވް ގާންދީ އަވަހާރަވީ އިރު އޭނާއަކީ ގައުމުގެ އެންމެ ކޮރަޕްޓު މީހާ ކަމަށް ވިދާޅުވެފައި -- ފޮޓޯ: އޭޕީ

ރާޖީވް ގާންދީ އަވަހާރަވީ ކެމްޕެއިން ރެލީއެއް ތެރޭ މީހަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި 1991 ވަނަ އަހަރުގަ އެވެ. އޭރު ރާހުލް ގާންދީގެ އުމުރުން 21 އަހަރުވީ އިރު ޕްރިޔަންކާ ގާންދީގެ އުމުރުން 19 އަހަރެވެ.

މޯދީ އެފަދައިން ވިދާޅުވުމާ ގުޅިގެން ކޮންގްރެސް ޕާޓީގެ އިތުރުން އެހެން ޕާޓީތަކުގެ ލީޑަރުން ވެސް ވަނީ ބޮޑުވަޒީރަށް ފާޑު ވިދާޅުވެފަ އެވެ. އަދި ދިއްލީ ޔުނިވާސިޓީގެ 200 އަށް ވުރެ ގިނަ ޕްރޮފެސަރުން ވަނީ އެވާހަކަތައް ކުށްވެރި ކުރައްވައި، ސިޓީއެއްގައި ސޮއި ކުރައްވައިފަ އެވެ.

ނަމަވެސް މޯދީ ފަހުން ދެއްވި އިންޓަވިއުއެއްގައި ވަނީ އެއީ ތެދެއް ކަމަށް ވިދާޅުވެ، ވާހަކަތައް ދިފާއު ކުރައްވައިފަ އެވެ.

މޯދީއަށް ރައްދު ދެއްވަމުން ރާހުލް ގާންދީ ކުރެއްވި ޓުވީޓަށް ގިނަ ބަޔެއްގެ ތައުރީފު ވަނީ ލިބިފަ އެވެ. އެޓުވީޓުގައި ގާންދީ ވަނީ "މޯދީ އަމިއްލަ ނަފްސާ ބެހޭ ގޮތުން ދެކިވަޑައިގަންނަވާ ގޮތް، ބައްޕާފުޅާ އެއްގޮތް ކުރުމުން ލިބޭނެ ރައްކަލެއް ނޯންނާނެ" ކަމަށް ވިދާޅުވެފަ އެވެ. އަދި އެޓުވީޓު ކުރައްވަނީ ލޯތްބާ އެކު ކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރާޖީވް ގާންދީގެ ދަރިކަނބަލުން ޕްރިޔަންކާ ވެސް ވަނީ ބައްޕާފުޅު ދިފާއު ކުރައްވައިފަ އެވެ.

"ޝަހީދުންގެ ނަމުގައި ވޯޓު ހޯއްދަވާ ބޮޑުވަޒީރު ވަނީ ޝަހީދަކަށް ބަދުބަސް ވިދާޅުވެފައި. ރާޖީވް ގާންދީ ޝަހީދުވީ އަމެތީގެ ރައްޔިތުންނަށް ޓަކައި. އަދި އެދާއިރާގެ ރައްޔިތުން މޯދީއަށް ރައްދު ދޭނެ،" ޕްރިޔަންކާ ވިދާޅުވި އެވެ.

އުއްތަރަ ޕްރަދޭޝްގެ އަމެތީއަކީ ރާހުލް ގާންދީ އާއްމު އިންތިހާބުގައި ވާދަ ކުރައްވާ އެއް ދާއިރާ އެވެ. ދެވަނަ ދާއިރާއަކީ ކެރަލާގެ ވަޔަނާޑް އެވެ. އެއިންތިހާބުގެ ނަތީޖާ އިއުލާން ކުރާނީ މިމަހުގެ 23ގަ އެވެ.