07 May 2019, 23:04
ޗިކުންގުންޔާ އާއި ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެފައިވާކަން އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކައިފި އެވެ.
ޗިކުންގުންޏާ އަދި ޑެންގީއަކީވެސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ދެ ބައްޔެވެ. އެޗްޕީއޭއިން މިރޭ އާންމުކ ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެ ދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާ ބަލާއިރު ދެ ބަލިވެސް ވަނީ ރާއްޖޭގައި އިތުރުވެގެން ގޮސްފަ އެވެ.
ޑެންގީ ޖެހިގެން 1930 ކޭސް
ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ އަދަދު ވޭތުވެ ދިޔަ ތިން އަހަރުގެ މިދުވަސް ވަރާ އަޅާ ބަލާއިރުވެސް މިއަހަރު ގިނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެގޮތުން ނިމުނު އޭޕްރީލް މަހު އެކަނިވެސް 506 ކޭސް ވަނީ ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފަ އެވެ.
ޖެނުއަރީ މަހު - 518 ކޭސް
- ފެބުރުއަރީ މަހު - 422 ކޭސް
- މާޗު މަހު - 466 ކޭސް
- އެޕްރީލް މަހު - 506 ކޭސް
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މަހުން މަހަށް ޑެންގީ ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ޑެންގީ އެންމެ ގިނަ އަތޮޅުތަކުގެ ތެރޭގައި ހދ ރ އަދި އއ އަތޮޅާއި ލަ އަތޮޅު ހިމެނެ އެވެ. އޭގެ އިތުރުން މާލެ ސަރަހައްދުން ހުޅުމާލެ މާލެ ވިލިމާލޭގައިވެސް ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ގިނަ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އެންމެ ގިނަައިން ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވަނީ ލ އަތޮޅުންނެވެ. އެއީ 86 ކޭސް އެވެ.
839 މީހަކަށް ޗިކުންގުންޏާ ޖެހިއްޖެ
މިއަހަރުގެ މިހާތަނަށް އައި އިރު 839 މީހަކަށް ޗިކުންގުންޏާ ޖެހިގެން ރިޕޯޓްކޮށްފައިވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެއީ ވޭތުވެ ދިޔަ އަހަރުގެ މިދުވަސްވަރާ ބަލާއިރުވެސް އިތުރު އަދަދެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ޖެނުއަރީ މަހު - ޗިކުންގުންޔާ 74 ކޭސް
- ފެބުރުއަރީ މަހު - ޗިކުންގުންޏާ 179 ކޭސް
- މާޗު މަހު - ޗިކުންގުންޏާ 279 ކޭސް
- އޭޕްރީލް މަހު ޗިކުންގުންޏާ 307 ކޭސް
ޗިކުންގުންޔާގެ ތަފާސް ހިސާބަށް ބަލާއިރު އެއްމަހުން އަނެއް މަހަށް ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ދަނީ އިތުރުވަމުންނެވެ.
އެންމެ ގިނައިން ޗުކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވަނީ މާލެއިންނެވެ. އެއީ 368 ކޭސް އެކެވެ. އޭގެ އިތުރުން ގއ އަތޮޅުގައިވެސް އާދަޔާ ހިލާފަށް ޗިކުންގުންޔާ ގިނަކަން ތަފާސް ހިސާބުން ދައްކަ އެވެ. އެ އަތޮޅުން ވަނީ 291 ކޭސް މިއަހަރުގެ މިހާތަނަށް ރިޕޯޓް ކޮށްފަ އެވެ.
ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
- ގޭތެރޭގައި ފެން ހަރުލާ ތަންތަން ހަފްތާއަކު އެއްފަހު ނައްތާލުން ނުވަތަ ފެން ހުސްކޮށް ސާފުކުރުން
- މަގުމައްޗާއި ވައިގޮޅިއާއި ގޮތިތެރޭގައި ހުންނަ ތަންތަނަށް ކުނި ނާޅައި ކުނިއަޅަން ހުންނަ ހާއްސަ ޑަސްބިންތަކަށް ކުނިއަޅައި އަދި ޑަސްބިންތަކަށް ފެން ނޭޅޭގޮތަށް މަތި ބަންދުކުރުން
- މަދިރިން ނިވާވާ ގޮތަށް ހަށިގަނޑު ނިވާކޮށް މަދިރި ލޯޝަން ފަދަ ތަކެތި ބޭނުން ކުރުން
- މަދިރިއަށް ނުވަދެވޭ ގޮތަށް އިރުއަރާ ވަގުތާއި އަދި އިރުއޮއްސޭ ވަގުތު ގޭގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތަކަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމާ އެފަދަ ބަލިތައް ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް ހެލްތް މިނިސްޓްރީން ވަނީ ކެމްޕެއިނެއްވެސް ލޯންޗުކޮށްފަ އެވެ.