07 May 2019, 20:30
ސްރީލަންކާގައި ދިރިއުޅުމުގެ ވިސާ ނުވަތަ ރެސިޑެންސް ވިސާ އަލަށް ނަގާ ނަމަ، އެ މީހަކު ނިސްބަތްވާ ގައުމެއްގައި ހުންނަ ލަންކާ އެމްބަސީއަށް ހުށަހަޅައި، ވިސާ ހަމަޖެހިގެން އެ ގައުމަށް އެތެރެވާން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
މިއީ އެ ގައުމަށް މިފަހުން ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު ސަލާމަތީ ގޮތުން އެޅި ފިޔަވަޅެކެވެ.
ދިވެހިންގެ އެތައްހާސް ބަޔަކު އެ ގައުމުގައި ދިރިއުޅޭ އިރު އެ ގައުމަށް އަލަށް ދިރިއުޅުން ބަދަލު ކުރާ ގިނަ ދިވެހިން މިހާރު ރެސިޑެންސް ވިސާ ނަގަނީ އޮންއެރައިވަލް ވިސާގައި އެ ގައުމަށް އެތެރެވުމަށް ފަހު އެވެ. އެ ލުއި މީގެ ކުރިން ވަނީ ދީފަ އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އާންމު ވިސާގައި އެ ގައުމަށް އެތެރެ ވުމަށް ފަހު ރެސިޑެންސް ވިސާއަށް އެ ވިސާ ބަދަލު ނުކޮށްދޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ގައުމުގައި ދިރިއުޅެން ދިވެހިން ދާން ބޭނުން ނަމަ، ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީއަށް ހުށަހަޅައިގެން ވިސާ އެޕްރޫވްކޮށްގެން ދިޔުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މި ބަދަލުގެ ސަބަބުން އެތާ ދިރިއުޅޭ ދިވެހިންނަށް އޭގެ ދަތި ނުފޯރާނެ ކަމަށެވެ. މި މަހުގެ 15 އިން ފެށިގެން އެ އުސޫލަށް އެ ގައުމުން އަމަލު ކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެތާންގައި ދިރިއުޅޭ ދިވެހިންނަށް ހަމަ ވިސާ އާ ކުރެވޭނެ އެ ގައުމުގައި ތިބެގެން. މީގައި އެއްވެސް ދައްޗެއް ނާންނާނެ އެ ގައުމުގައި މޮހާރު ދިރިއުޅެން އަންނަ ދިވެހިންނަކަށް،" އޮފިޝަލް ވިދާޅުވި އެވެ. "މީގެ އިތުރުން އޮންއެރައިވަލް ވިސާ ހަމަ މިހާރުވެސް ލިބޭ ގޮތަށް ލިބޭނެ. އެކަމުގައި ބަދަލެއް ނާދޭ،"
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިއަދު ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންފަ އެވެ.
އޮފިޝަލް ވިދާޅުވީ މާދަމާ ލަންކާގެ ބޮޑުވަޒީރާ ޝާހިދު ބައްދަލު ކުރައްވާ އިރު، ވިސާއަށް ގެނައި ބަދަލުން ދިވެހިންނަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ވާހަކަ ދައްކަވައި، ދިވެހިންނަށް ލުއި ހޯއްދަވައި ދެއްވަން މިނިސްޓަރު މަސައްކަތް ކުރައްވާނެ ކަމަށެވެ.