20 Oct 2011, 18:10
ޝަރުއީ ދާއިރާއާ ދެކޮޅަށް ސުޕްރީމް ކޯޓު ކުރިމަތީގައި އެމްޑީޕީން މިއަދު ކުރި މުޒާހަރާގެ މިސްރާބު ބަދަލުވެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ ގެކޮޅު، އެންދެރިމާގޭ ކައިރީއަށް އެއްވެ ހިންގި ހަމަނުޖެހުންތަކުގައި ބޯ ފަޅައިގެން ގޮސް ޒަހަމްވި ޒުވާނަކަށް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗުން ބުނީ މުޒާހަރާގެ ތެރޭގައި ޒަހަމްވި ޒުވާނާ އަށް ފަރުވާ ދިނުމަށް އޮޕަރޭޝަން ތިއޭޓަރަށް މިހާރު ވައްދާފައިވާ ކަމަށެވެ. އަދި އެ ޒުވާނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ.
ޒަހަމްވެފައި ވަނީ ކާކު ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މަންޒަރު ދުށް މީހަކު ބުނީ ބޯ ފަޅައިގެން ގޮސް ޒަހަމްވި ޒުވާނާއަކީ މުޒާހަރާގެ ތެރޭގައި ކުޅި ބަލަން ހުރި ޒުވާނެއް ކަމަށާއި އޭނާގެ ބޯ ފަޅައިގެންދިޔައީ އެ ސަރަހައްދުގެ ގެއެއްގެ މަތިން އެއްލި ލަކުޑި ބުރިއަކުން ޖެހި ކަމަށެވެ.
ޒަހަމްވި ޒުވާނާއާއެކު ހޮސްޕިޓަލްގައި ހުރި މީހަކު ސަން އަށް މައުލޫމާތު ދެމުން ބުނީ އެ ޒުވާނާގެ ބޮލުގެ ނާށިގަނޑު ވަރަށް ބޮޑަށް ފަޅައިގެން ގޮސް އެތެރެއަށް ލޭ ފައިބަމުންދާ ކަމަށެވެ. އަދި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް ބުންޏެވެ.