07 May 2019, 16:32
ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން އިއްޔެ އައި އީރާނުގެ ބޯޓުން މިހާތަނަށް 51 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެ ބޯޓުގައި ފޮރުވާފައިހުރި އިތުރު މަސްތުވާތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ރޭ ބުނީ އެ ބޯޓު އަތުލައިގެންފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
ހަތް މީހުންނާއި އެކު އަތުލައިގަތް އެ ބޯޓް މާލެ ގެނައުމުގެ ތެރޭގައި ކ. ވިލިގިނލީ ކައިރީގައި އޮންނަ ފަރަކަށް އެރުމާއި ގުޅިގެން އެ ބޯޓް ފުން ކުރުމުގެ މަސައްކަތް ސިފައިންނާއި ގުޅިގެން ފުލުހުން އަންނަނީ މިހާރު ކުރަމުންނެވެ.
ބޯޓް ފަރަށް އެރި ނަމަވެސް އޭގައި ހުރި މަސްތުވާތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވި އެވެ.
އެ ބޯޓުން މިހާތަނަށް 51 ކިލޯގެ މަސްތުވާތަކެތި ފެނެފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒްއާ ހަވާލާ ދެއްވާ ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.
ބޯޓް ބަލާ ފާސްކުރަމުން އަންނަ އިރު އޭގައި މަސްތުވާތަކެތި ފޮރިވާފައި ހުރީ ފަލުކާ ތެރޭގައި އިތުރު ފައިބަރު ލޭޔަރެއް އަޅައިގެން ކަމަށް ވެސް އިޒްމިއާ ވިދާޅުވި އެވެ.

ރާއްޖެއަށް ޑްރަގް ހިފައިގެން އައި އީރާނުގެ ބޯޓު، ފަރަށް އަރާފައިވަނިކޮށް އެ ބޯޓް ފުންކުރުމަށާއި މަސްތުވާތަކެތި ހޯދުމަށް ކުރަމުން އަންނަ މަސައްކަތް މިނިސްޓަރު އިމްރާން ބައްލަވާލައްވަނީ --- ފޮޓޯ/ ޕޮލިސް
އަދި އެ މަސައްކަތް ކުރިއަށްދާ ގޮތް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އާއި ފުލުހުންނާއި ސިފައިންގެ ކޯސްޓް ގާޑްގެ ސީނިއާ އޮފިސަރުން މިއަދު ވަނީ ބައްލަވާލައްވާފަ އެވެ.
އީރާނުގެ ބޯޓު އަތުލައިގަތް އިރު އޭގައި ތިބި ހަތް ފަޅުވެރިން ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އެ މީހުންގެ ބަންދަށް ހަތް ދުވަސް އިތުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.
ފުލުހުން ދާދިފަހުން ވަނީ ގދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ވަނިކޮށް 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެއީ ކަނޑުމަގުން ރާއްޖެ އެތެރެ ކުރުމަށްފަހު ލޯންޗެއްގައި އެރަށަށް ގެންގޮސް ވަޅުލާފައިވާ މަސްތުވާތަކެތި ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.